ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނުކުމެ ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ނަމަވެސް އެ މަނިކުފާނު ފެންނަން ހުރީ އެހެން ސިފައެއްގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތ. ހިރިލަންދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން ހިރިލަންދުއަށް ވަޑައިގަތުމުން އެ މަނިކުފާނުގެ އަރިހުން ރައްޔިތުން އެދުނީ ރަށުގެ ބިން އިތުރުކޮށް ދިނުމަށް ކަމަށެވެ. ނަމަވެސް ފުއްޓަރު ފަރާތުގެ ރާޅު ބޮޑުކަމުން އެކަން ނުކުރެވޭނެ ކަމަށް ޔާމީން އެންގެވި ކަމަށާއި ޔާމީނަށް އޭރު އެ ލަފާ ދެއްވަން ހުރީ މިއަދު ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވި އެ މަނިކުފާނުގެ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތަކީ ނުވާނެ ކަންތައް ކަމަށް ދެންވެސް ވިދާޅުވަމުން ގެންދަވާނެ ކަމަށެވެ. އަދި މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ފެންނާނީ 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް ފެނުނު ބިރުވެރި މަންޒަރުތައް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ތި ބޭފުޅުން ވަރަށް ފުންކޮށް ވިސްނަންވާނެ، ނުކުމެވަޑައިގެން އެ ހުންނެވީ ހަމަ އެކަކު، ތަފާތު ސިފައެއްގައި. އެއަކު ނެތް ތަފާތެއް، ހަމަ އެއް ކަމެއް ކުރާނީ، ސިޔާސަތަކީ އެކައްޗެއް، ދެންތިބި ބޭފުޅުންނަށް (ކެންޑިޑޭޓުންނަށް) ނުބެއްލެވިޔަސް އެއީ ގޯހަކަށް ނުވާނެ. އެހެންނަމަވެސް މިއާ ދޭތެރޭގައި ތި ބޭފުޅުން ފުންކޮށް ވިސްނަންވާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލުތަފާތުވާ މީހުންނާއެކު މަސައްކަތް ކުރެވެން ޖެހޭނެ ކަމަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށެވެ. އަދި ސިޔާސީ ހިޔާލުތަފާތުވާ މީހުންނާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށް ބޭނުންވާ ހުނަރު އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.