ދޯހާގައި ބާއްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތު (ވިޝް 8) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މެޑަމް ސާޖިދާ މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ގަތަރު ފައުންޑޭޝަންގެ ޗެއާޕާސަން ޝެއިހާ މޫޒާ ބިންތު ނާސިރުގެ ރަސްމީ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ސަމިޓަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ އިއްޒަތްތެރިންނާ ސާޖިދާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

"ގްލޯބަލް ހެލްތު ބިޔޯންޑް 2030: އިމާޖިން ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑެލް ޕަވާސް" ގެ ނަމުގައި ބާއްވާ މަތީ ފެންވަރުގެ ރައުންޑްޓޭބަލް ބައްދަލުވުމެއްގައި މެޑަމް ސާޖިދާ ވާހަކަފުޅުދެއްކެވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ގަތަރު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ވިޝް ސަމިޓަކީ ދުނިޔޭގެ ސިއްހީ ދާއިރާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އީޖާދީ ހައްލުތައް ހޯދާ ފަރާތްތަކާއި، އިލްމީ ތަޖުރިބާކާރުންނާއި ލީޑަރުން އެއްތަނަކަށް ޖަމާވެ، ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަމަލީ ހައްލުތައް ކަނޑައެޅުމަށް ބާއްވާ ސަމިޓެކެވެ. މިއީ މި ސަމިޓުގެ 8 ވަނަ އެޑިޝަނެވެ.