އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންގެ ޓީމަކުން، އެ ހޮސްޕިޓަލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލެންޖިއޯޕެންކްރިއެޓޮގްރަފީ (އީއާރްސީޕީ) ޕްރޮސީޖާއެއް ކާމިޔާބުކަމާއެކު ހަދައިފިއެވެ.

އައިޖީއެމްއެޗުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މި ޕްރޮސީޖާ ހެދީ ކޮލެޑޮކޮލިތިއޭސިސްގެ ސަބަބުން، ފުރަމޭ އިން ކުޑަގޮހޮރަށް ބައިލް ދަތުރުކުރާ ހޮޅިތައް ދުޅަވާ "ކޮލެންޖައިޓިސް" ޖެހިފައިވާ ބަލިމީހަކަށް އެމަޖެންސީ ހާލަތެއްގައެވެ. މި ޕްރޮސީޖާގައި އެންޑޮސްކޮޕިކް ސްފިންކްޓެރޮޓޮމީ އާއި ބިލިއަރީ ސްޓެންޓިން ހިމެނެއެވެ.

29 ނޮވެމްބަރު 2026، އައިޖީއެމްއެޗްގެ ދިވެހި ޑޮކްޓަރުންގެ ޓީމަކުން ފުރަތަމަ ފަހަރަށް އީއާރްސީޕީ ޕްރޮސީޖާ ކާމިޔާބުކަމާއެކު ހެދުން -- ފޮޓޯ/ އައިޖީއެމްއެޗް

މެޑިކަލް ގެސްޓްރޯއެންޓެރޮލޮޖީ ޔުނިޓާއި އެންޑޮސްކޮޕީ ޔުނިޓުގެ އިތުރުން ސާޖަރީ ޓީމާއި އެނެސްތީޝިއާ ޓީމު ގުޅިގެން ކުރި މި މަސައްކަތްވެގެން ގޮސްފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީއަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ފާހަގަކޮށްފައިވާ ގޮތުގައި، މި ކާމިޔާބީން ހާމަވެގެން ދަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި ދިވެހި ސްޕެޝަލިސްޓުންގެ ގާބިލުކަން ކުރިއަރަމުންދާ މިންވަރެވެ. އަދި ބޭރު ގައުމުތަކުން ހާއްސަ ފަރުވާ ހޯދަން ޖެހޭ ޖެހުން މިފަދަ ކާމިޔާބީތަކުގެ ސަބަބުން މަދުކުރެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.