އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލީހަށް މުޅި މާލެއިން ހޮވާ 16 ގޮނޑީގެ ތެރެއިން ގޮނޑިއެއްގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ތުހުމަތުކުރައްވައިފިއެވެ.
ކުރިއަށްއޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ޝަމްހީދު، އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅޭ ތުހުމަތުތަކެއް ކުރައްވާފައިވަނީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ޝަމްހީދު ފާހަގަކުރައްވައިފައިވާ ގޮތުގައި، ހުޅުމާލެ ދެކުނު ދާއިރާގެ ނަތީޖާ ޝީޓުގައި ހިމެނޭ އަދަދުތަކަކީ ވޯޓުލީ ފަރާތްތައް ފާހަގަ ޖެހި ގޮތާ އެއްގޮތް ނަތީޖާއެއް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ. ބައެއް ކެންޑިޑޭޓުންގެ ޖުމްލައަށް ގާތްގަނޑަކަށް 200 ވޯޓު އިތުރަށް ހިމަނާފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޖުމްލަ 1،102 މަގާމަކަށް 1،612 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބު އިއްޔެ ފޯރިއާއެކު ކުރިއަށްދިޔަ އިރު، ބައެއް ރަށްރަށުން ވަނީ މައްސަލަތަކެއް ފާހަގަކުރެވިފައެވެ. އެގޮތުން ވޯޓުލުން ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ހިފައިގެން ގްރޫޕަކުން ވަނީ ލޯންޗެއްގައި ފިލައިފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތާއީދާއެކު ނުކުތް "ޓީމު އެމްޑީޕީ"ގެ މައްޗަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ވަނީ ކުރި ހޯދައިފައެވެ.
އެގޮތުން މުޅި މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި އެ ޓީމުން ކާމިޔާބު ކުރިއެވެ. އިބޫގެ ޓީމަށް ކާމިޔާބުވީ އެންމެ ހަތަރު ގޮނޑިއެވެ. މާލޭގެ އިތުރުން އެހެން ސިޓީތަކުގެ ގިނަ ގޮނޑިތަކާއި އަތޮޅު އަދި ރަށްތަކުން ގިނަ ގޮނޑި ތައްވެސް ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ.
އޭގެ އިތުރުން އިއްޔެގެ އިންތިހާބު ތެެރެއިން ކުރިއަށްގެންދިޔަ، އަންހެނުންގެ ރޫހާއި ޒުވާނުންގެ ވިންގުގެ ބޮޑު ބައެއް ވެސް ލިބުނީ ބޮޑު ބަދަލަށެވެ.
އެގޮތުން އިބޫގެ ތާއީދު އޮތް "ޓީމް އެމްޑީޕީ" ގެ އަރްޝަމް އަބްދުﷲއާ ވާދަކޮށް ޔޫތު ވިންގްގެ ރައީސް ކަމަށް އިންތިހާބުވީ ނަޝީދާއި ފައްޔާޒުގެ "ބޮޑު ބަދަލު" ގެ އައިކް އަހުމަދު އީސާއެވެ.
އެ ވިންގުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ. އަންހެނުންގެ ރޫހްގެ ރައީސް ކަމަށް އިންތިހާބުވީ "ބޮޑު ބަދަލު ޓީމް" ގެ ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އޭނާއާ ވާދަކުރީ "ޓީމް އެމްޑީޕީ" އިން މަރިޔަމް އީމާ ޝަފީގެވެ.
އަންހެނުންގެ ރޫހުގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ބޮޑު ބަދަލު ޓީމުން ކާމިޔާބު ކުރި އިރު އަނެއް ދެ ގޮނޑި ލިބުނީ ޓީމު އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.
ކޮމެންޓް