ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން އިލްތިމާސްކޮށްފިއެވެ.
އީޕީއޭން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިމާވެއްޓަަށް އަދި ދިރޭތަކެއްޗަށް ގެއްލުންވާ ގޮތަށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިގޮތުން ބައެއް ރަށްރަށުގައި ހެދިފައިވާ ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި (ދުވަސްވީ ބޮޑެތި ގަސްގަހާގެއްސަށް) ގެއްލުންވާ ގޮތަށް މޮހޮރުފަދަ ތަކެތި ޖަހައި ކެމްޕެއިން ބެނާ އަދި ފޮތިފަދަ ތަކެތި ހަރުކުރުމާއި، ޖަނަވާރާއި ރުއްގަހަށް ސްޕްރޭ ކޮށް ދަވާދުލުމާއި، ކެމްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް ކުނީގެ ގޮތުގައި އުކާލާފައި ހުންނަކަން ވަނީ ފާހަގަކުރެވިފަ" އީޕީއޭން ބުންޏެވެ.
ކެމްޕޭން ހަރަކާތްތަކަށް ގިނަ އަދަދެއްގެ ސިންގަލް ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުމަށްފަހު ކުނީގެ ގޮތުގައި އުކާލުމަށްފަހު، އެ ތަކެތި މެނޭޖުނުކުރާކަން ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް އީޕީއޭން ބުންޏެވެ. އަދި ބުނީ ރަށްރަށުގެ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާގޮތަށް، ފަރުތައް ތޮރުފައި ނުވަތަ ހަވާލުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖަހަމުންދާކަން ވެސް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެހެންކަމުން ސިޔާސީ ޕާޓީތަކުންނާއި ކެމްޕެއިން ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން އިސްވެ ދެންނެވުނު ކަންކަމަށް ސަމާލުކަން ދެއްވައި، އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތުގެ މަތިން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އިލްތިމާސްކުރަން" އީޕީއޭން ބުންޏެވެ.
އެފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށް އީޕީއޭން ވަނީ އެދިފައެވެ.
އަންނަ އޮތް ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި ދިރޭތަކެތީގެ މުއްސަނދިކަން ފޯރުކޮށްދޭން ޖެހޭކަމަށް އީޕީއޭން ބުންޏެވެ. އިގްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކުގެ މަތިން ކުރާކަމަކަށް ހަދަންޖެހޭ ކަމަށް އީޕީއޭން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު