އާބާދީ ބޮޑެތި ރަށްރަށް ދޫކޮށް އެއަށްވުރެ ކުދި ރަށްރަށް ތަރައްގީކުރުމަކީ، ތަރުތީބުގައި އޮޅުން އަރާ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން, އޭނާއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
ރިޔާސީ ކެމްޕެއިނަށް ހދ. ނޮޅިވަރަމަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ, ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ތަރައްގީ ގެންނަންޖެހޭ ކަމަށާއި އެންމެންނަށްވެސް ސަރުކާރުން ހިދުމަތް ދޭންޖެހޭ ކަމަށެވެ. ނަމަވެސް އާބާދީ ބޮޑު ރަށްރަށް ދޫކޮށްލާފައި އެއަށްވުރެ ކުދި ރަށްރަށުގައި ތަރައްގީ ގެނައުމުން ތަރުތީބުގެ އޮޅުމެއް އަރާ ކަމަށް ވިދާޅުވިއެވެ.
މުއިއްޒުގެ އެ ވާހަކައަށް ރައީސް ސޯލިހު ރައްދުދެއްވީ ނ. މަނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައެވެ. އެ މަނިކުފާނު ވިދާޅުވީ, މި ސަރުކާރުގެ ކުރިމަތީގައި އެންމެ އިސްކަންދެނީ ދިވެހި ފަރުދުންނަށް ކަމަށާއި ކޮންމެ ތާކު ކޮންމެ ރަށެއްގައި އުޅުނު ކަމަށްވިޔަސް, ހައްގުވާ އަދި ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އަދި އެއީ ކޮންމެހެން އާބާދީ ބޮޑުވެގެން ނުވަތަ ބޮޑު ރަށެއްގައި އުޅޭތީ ނުވަތަ ސިޓީއެއްގައި އުޅޭތީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ދަންނަވަންތޯ. މިއަދު މި ގައުމު ކުރިނާރާ މިއޮތީ އެހެންވެގެން. އެއީ 2013 އިން 2018 ވަނަ އަހަރަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ސިޔާސަތު. މިއަދުވެސް އެ ހާމަކުރައްވަނީ އެ ސިޔާސަތު. އޭގެ ފަހަތުގައި އޮންނާނީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނުރައްކާ. ގަދަބާރުން ވެރިކަން ކުރުން. އެކަން ތަހައްމަލު ކޮށްފިން," ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު