ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "ކާނިވާ 44" މާދަމާ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ، ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ކާނިވަލަކީ އެ ކުންފުނީގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކާނިވަލެއް ކަމަށެވެ.

ބީއެމްއެލުން ބުނީ ކާނިވަލުގައި އިނާމުތައް ހޯދުމުގެ ފުރުސަތާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރި ކުރުމާއި އާއިލީ ގުޅުން ބަދަހި ކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށެވެ.

ބީއެމްއެލުން ބުނީ މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަން ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.

އިނާމުތަކުގެ ތެރޭގައި ފަސް މެކްބުކް ނިއޯ އަދި ދެ ބެޓެރި ސައިކަލު ހިމެނެއެވެ. ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ، އެ ކާނިވާގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ހިމެނޭނެ ކަމަށެވެ.

ބީއެމްއެލްގެ ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.