ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގް ފިލްމުން ޑިއުޓީ ނުނަގާ ގޮތަށް މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދަށް ބަދަލު ގެނެސް އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ގަވައިދުގެ 30 ވަނަ މާއްދާއަށް އިސްލާހު ގެނެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކޮށްފައެވެ. މި ބަދަލާއެކު އާ އުސޫލަށް ވަގުތުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފައެވެ.

ގެޒެޓުކުރި އިސްލާހުގައިވާ ގޮތުން، ބަދަލު ގެނެސްފައި ވަނީ މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ)ގެ ދެ ވަނަ ނަންބަރަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނުގެ 39 ވަނަ ބާބުގެ (ޏ)ގައި ބަޔާންކޮށްފައިވާ، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ޑިއުޓީ ނުނެގޭނެ ތަކެއްޗެވެ.

މީގެ ކުރިން އެ ގަވައިދު އޮތް ގޮތުން ޑިއުޓީ ނުނަގަނީ ކާބޯތަކެތި ބަންދު ކުރުމަށް ބޭނުން ކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފިލްމާއި ޝީޓު އަދި ޓިއުބް ރޯލުން އެކަންޏެވެ. އަދި ވަގުތީ ގޮތުން ކާބޯތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިން ފަދަ ތަކެތި އެ އިސްތިސްނާގެ ތެރޭގައި ނުހިމެނޭނެ ކަމަށް ކުރިން އޮތީ ކަނޑައަޅައިފައެވެ.

ނަމަވެސް އަލަށް ގެނައި އިސްލާހާ ގުޅިގެން، މީގެ ކުރިން އިސްތިސްނާ ކޮށްފައި އޮތް ކްލިންގް ފިލްމާއި ފުޑް ރެޕިން އިން ދެން އެއްވެސް އިމްޕޯޓް ޑިއުޓީއެއް ނުނަގާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކަށާއި އާންމު ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.