މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލުކުރީ ރަނގަޅަށް ކަމަށާއި އެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އެދިއްޖެއެވެ.

ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.

ޔާމީންގެ ފަރާތްފުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސައަށް ދައުލަތުން ވަނީ ތަދަހުއްލުވެފައެވެ. ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވާހަކަދައްކަވަމުން، އެޓާނީ ޖެނެރަލް އޮފީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ހަދީޖާ ވިދާޅުވީ، ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުންގެ ބައެއް ހައްގުތައް ހިފެހެއްޓިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ މާނަކުރުމުގައި އޮޅުން އަރާ ނަމަ، ދެން ޖެހެނީ އޭގެ އަސްލު މާނައަށް ބަލައިގެން ތަރުޖަމާކުރަން ކަމަށާއި އެގޮތުގައި ބެލުމަށް ރިއާޔަތްކުރަން އޮޅުން އަރާ މާއްދާ ލިޔެފައިވާ ނިޔަތަށް ކަމަށެވެ. އޮޅުން އަރާ މާއްދާގެ ނިޔަތަށް ބަލާ އިރު، އެ މާއްދާ ގާނުނުއަސާސީގައި ހިމަނައިފައިވަނީ، ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ ފަރާތްތަކަށް އިންތިހާބީ މަގާމެއްގައި ނުވަތަ އޭނުންވެސް ބޮޑު މަގާމެއްގައި ނުހުރެވޭނެ ގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ވަކާލާތުކުރައްވަމުން ދަނީ ކެންޑިޑޭޓެއްގެ ޝަރުތު އުނިވާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ "ހުކުމެއް ކުރެވިފައިވާ" ބަހުގެ މާނައަކީ މީހެއްގެ މައްޗަށް ނިހާއީ ހުކުމެއް އޮންނަ މީހެއްގެ ވާހަކަ ކަމަށް ހަދީޖާ ވިދާޅުވިއެވެ. ޔަމީން ވިދާޅުވާ ގޮތުންނަމަ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ހުކުމް އިސްތިއުނާފު ކޮށްފައިވުމުން އެއީ ނިހާއީ ހުކުމެއް ކަމަށް ނުބެލެވޭނެތީ، އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވާ ކަމަށް ހަދީޖާ ވިދާޅުވިއެވެ.

ނަމަވެސް ގާނޫނުއަސާސީގެ މަގުސަދަކީ އިންތިހާބީ މަގާމަކަށް ނުވަތަ އޭނުންވެސް މަގާމަކަށް ކުރިމަތިލާ އަދި އައްޔަންކުރާ މީހަކީ ޖިނާއީ ބޮޑު ހުކުމެއްގައި ނެތް މީހަކު ކަމުގައިވުންކަމަށް ހަދީޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ހާލަތްތަކުގައި، ދެން ކަންތައް ކުރަންވީ ގޮތް ބަޔާންކޮށްފައި ނުވަނީ ނޭނގިގެން ނޫން ކަމަށާއި އެއީ ސަބަބުތަކެއް އޮތުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުށުގެ ޒިންމާ އުފުލަން ވާނެ ކަމަށާއި އެ މާއްދާގައި އިތުރަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިއްޖެނަމަ ދެން އަމަލުކުރަންވީ ގޮތް ކަމަށެވެ.

އެހެންވެ ދައުލަތުން އެދުނީ އީސީގެ ނިންމުން ބަދަލުކުރަން ޖެހޭނެ ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޔާމީންގެ ފޯމު ބާތިލުކުރީ ގާނޫނާ ހިލާފަށް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.