ރައްޔިތު މީހާ އާސަންދައަށް ގުޅައިގެން، ހިދުމަތް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މީހުން ފަަހަތުން ދުވަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ، ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންނަށްވުރެ މަތީގައި ތިބޭ ބައެއް ނޫން ކަމަށެވެ.

މެންބަރަކު މަޖިލީހަށް އިންތިހާބު ވަނީ، ރައްޔިތުންދޭ މަގާމެއްގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތް ފެށިގެން އަންނައިރު ދައުލަތުގެ އެންމެ މަތީ ހަރުފަތުން ބަސްބުނުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންނަށް، ދެން އޭގެ ދަށުން ތަރުތީބު ކޮށްލާ ހުރިހާ ދިމާލެެއް ތަރުތީބު ކުރަނީ ރައްޔިތުންނަަށް ހިދުމަތް ކުރަން އެއީ ރައީސް ވިޔަސް، އުއްތަމަ ފަނޑިޔާރު ވިޔަސް، މަޖިލިސް މެބްރުންވިޔަސް، މި ތިންބާރުވެސް އަމިއްލަ ހިތުގެ އަޑިން ގަބޫލު ކުރަންޖެހޭ ތިމަންނަމެންނަކީ ރައްޔިތުންނަށް ހިދުމަތްކުރަން، ރައްޔިތުން އައްޔަންކުރާ ބައެކޭ،"

އެހެންކަމުން މެންބަރު ވިދާޅުވީ، މަޖިލީހަށް ޕެޓިޝަން ލައިގެން ވެސް ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާ މެދު މަޖިލީހާމެދު ސުވާލު އުފެއްދުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

ރައްޔިތުންގެ މެދުގައި އެފަދަ ކަންބޮޑުވުންތައް އުފެދޭ ސަބަބުތަކަށް އަލިއަޅުވާލައްވަމުން މެންބަރު ވިދާޅުވީ، ކަންބޮޑުވުންތައް އުފެދެނީ ހަމަހަމަކަމާއެކު ދައުލަތުން ރައްޔިތުންނަށް ހިދުމަތް ނުދެވުން ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަ މީހާއަށް އިންޝުއަރެންސް ތެރެއިން ލިބޭ ފަސޭހަ ޕޮލިސީ ގާއިމްވެފައި އޮންނަ ގޮތަށް އެބަޖެހޭ އާއްމު ރައްޔިތަކަސް ކަމެއް ދަމެއް ބޮޑުވާއިރު އޭނަައަށް ޖެހޭ މުހުތާދު އަވަހަށް ފަސޭހައިން ކޮށްދެވޭނެ ގޮތަކަށް ނިޒާމު އުފެދިފަ އޮތީމަ މި ސުވާލު އުފެއްދުމަށް ޖާގަ ހަނިވެގެންދާނެ،"

މެންބަރު ވިދާޅުވީ ރައްޔިތުންގެ މެދުގައި މިފަދަ ކަންބޮޑުވުންތައް އުފެދެނީ، އެމީހުންނަށް ހިދުމަތް ފޯރުކޮށްދޭން އައްޔަންކުރާ މީހުން ހިދުމަތް ދިނުމުގައި ހަމަހަމަކަން ނުގެންގުޅުން ކަމަށެވެ.

ރައްޔިތު މީހާއަށް ހިދުމަތް ފޯރުކޮށްދިނުމުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ލިޔެފައި ކަނޑައަޅައިފައި އޮންނަ އުސޫލުގެ ތެރެއިން ބަރާބަރަށް ތަރުތީބުން ކަންކަން ދާނަމަ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތް ރަނގަޅަށް ފަންކްޝަން ކުރާނަމަ ރައްޔިތުންނަށް ޓަކައި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދީ ބަލަހައްޓާ ބަޔަކު ރައްޔިތުންގެ ކަންބޮޑުވުމަށް ބަރާބަރަށް އެޑްރެސް ކުރެވޭނަމަ އަޅުގަނޑުމެންގެ ތެރޭގައި ކަންބޮޑުވެގެން އަބަދު އިނގިލި ދިއްކުރެވޭ މައްސަލައަށް ހައްލު އަންނާނެ. އާދައިގެ ރައްޔިތު މީހާ އާސަންދައަށް ގުޅާލީމަ ނުޖެހޭ ކިއު ލިސްޓްގަ މަޑުކޮށްގެން ކޮންމެސް އެމްޕީއެއްގެ ފަހަތުން، ކޮންމެވެސް ވެރިއެއްގެ ފަހަތުން، ކޮންމެސް ޕޮލިޓިކަލް އެޕޮއިންޓީއެއްގެ ފަހަތުން، ދުވާކަށެއް އެއެއް ނޫން އެކަން ދެމި އޮންނަ ޖެހޭނެ ގޮތަކީ، ބޮޑު މީހާއަށް ބޮޑު ގޮތް ކުޑަ މީހާއަށް ކުޑަ ގޮތް، ނަސަބާއި އާއިލީގެ ގޮތުން އާދައިގެ މީހާއަށް ދެރަަ ނިކަމެތި ގޮތް ހަދާތީ ވެ ޝަކުވާތައް ރައްޔިތުން އުފުލަމުން އެދަނީ"