ފުވައްމުލަކު ސިޓީން، މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
ކޮވިޑް-19ގެ ސަބަބުން މެދުކެނޑުނު ރާއްޖޭގެ ފަތުރުވެރިކަން ނުހުއްޓި މިއަދާ ހަމައަށްވެސް ދެމި މިއޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅުގެ ސަބަބުން ކަމަށާއި އެ މަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
މި ސިޓީގައި ރޭ ބޭއްވި "އުފާވެރި އަމާންރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލައި މެނޭޖުކުރި ގޮތް ފެނި ބޭރު ގައުމުތަކުން ތިބީ ހައިރާންވެފައި ކަމަށާއި ރާއްޖެއިން ގެންގުޅުނު "ރެސިޕީ" އަކީ ކޮބައިތޯ އެ ގައުމުތަކުން ސުވާލުކުރި ކަމަށެވެ.
އަދި ކޮވިޑުގެ ހާލަތާ ގުޅިގެން ފަތުރުވެރިން ހަލާކުވެ ދިޔައީ ކަމަށް ދާއިރާގެ އެންމެ ފުއްނާބުއުސް ބައެއް ބޭފުޅުންނާ ވިދާޅުވި ކަމަށާއި ނަމަވެސް އެ ބޭފުޅުންނާ ބައްދަލުކުރައްވައި ވިޔަފާރީތައް ހަލާކުވެ، މީހުން ބަނޑަށް ޖެހުނަ ނުދޭނެ ކަމަށް ރައީސް އޭރުވެސް ވިދާޅުވި ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު އިންޑަސްޓްރީގެ އެންމެ ބޮޑަށް ތިބި މީހުންނާ ވާހަކަދެއްކިން. އޭގެ ތެރެއިން ބައެއް ބޭފުޅުން މި ވިދާޅުވަނީ ތިމަންނަމެންގެ ދުވަސް މި ދިޔައީ އޭ..އެ ދުވަހު އެ މަނިކުފާނު އަޅުގަނޑުމެން އެންމެން ގެންގޮސް ހުރިހާ އިންޑަސްޓްރީގެ ބޮޑެތި މީހުންނާ ބައްދަލުކުރައްވައި ވިދާޅުވަނީ ތިމަންނަ އިރާދަކުރެއްވިއްޔާ ތި ވިޔަފާރިތައް ހަލާކުވެ، މީހުން ބަނޑަށް ޖެހި މީހުންނަށް ނޫޅެވޭވަރު ވެގެން ދިޔަ ނުދޭނަމޭ،" ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑުގެ އެ ދަތިހާލަތުގައި ރައީސް ސޯލިހު ގައުމު މެނޭޖުކުރެއްވީ ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތަކަށްވެސް މެނޭޖުކުރެވިފައި ނުވާހާ ފުރިހަމަކޮށް ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ހޮވަންވީ ޕޯޑިއަމްތަކުގައިި ވާހަކަދައްކަން އިނގޭ މީހުން ނޫން ކަމަށާއި ހޮވަންވީ އެންމެ ވިސްނުންތެރިކަމާ އެކު މަޑުމައިތިރިކަން އިސްކުރާ ބޭފުޅަކު ކަމަށާއި އެ ބޭފުޅަކީ ރައީސް ސޯލިހު ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް ތާއިދުކުރެއްވީ ޓެސްޓުކޮށް، ޓެސްޓުން އެ މަނިކުފާނު ފާސްވުމުން ކަމަށާއި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދީފި ނަމަ ރާއްޖޭގައި މަޝްރޫއުތައް މިހާރު ކުރިއަށްދާ ސްޕީޑަށްވުރެ، ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށެވެ. ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން މުހިންމު ކަމަށާއި ރާއްޖެ ފިތިގެންދިޔަ ވަގުތުގައިވެސް ރައީސްގެ ހިތްވަރު ފެނިވަޑައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު