ރައީސް އިބްރާހީމްގެ މުހައްމަދު ސޯލިހުގެ ކެމްޕޭން އެޖެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ ނާޝީޒު ވަނީ ކެމްޕޭން އެޖެންޓަކަށް ހަމަޖައްސައިފައި ކަމަށެވެ.
ނަމަވެސް ނާޝިޒް އެ މަގާމަށް ހަމަޖެއްސީ ސީދާ ކޮން ދުވަހެއްގައިކަން ދަންނަވަން ނޭނގޭ ކަމަށް އިބުރޭ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން އެޖެންޓު ވެސް މިއަދު ވަނީ ހަމަޖައްސައިފައެވެ. އެ މަގާމަށް އައްޔަންކުރީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޔާމީންގެ ކެމްޕޭން އެޖެންޓަކަށް ތޮލާލް ހަމަޖައްސައިފައިވާތީ މަރުހަބާ ދަންނަވައިފައެވެ.
އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބީ އެޖެންޓެއް ކަނޑައަޅަން ޖެހެއެވެ. އެގޮތަށް ކަނޑައަޅާ އެޖެންޓެއްގެ މަސްއޫލިއްޔަތަކީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޖަވާބުދާރީވުމާއި ގާނޫނީ ކަންކަން ބެލެހެއްޓުމެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނާއި ރައީސް ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހުގެ ހުޅުަދޫ ދާއިރާގެ އިލްޔާސް ލަބީބު ވާދަކުރައްވާނެއެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ވާދަކުރައްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު