ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރަށް ބަހުސް ކުރެވޭނީ، އެ ގަރާރެއް މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އަހައި ގަރާރު މަޖިލީހަށް ބަލައިގަތުމަށްފަހުކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު، އިސްލާހު ކުރީ މަޖިލީހުގައި އަޑު އުފުލަން މައިނޯރިޓީއަށް އޮތް ފުރުސަތު ގެއްލުވާލަންކަމަށް ވިދާޅުވެ، މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުން، އިދިކޮޅު އެމްޑީޕީގެ ކަނޑީތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވޯކައުޓް ކޮށްފިއެވެ.

މަޖިލިސް ގަވާއިދަށް ބަދަލު ގެންނަނަނީ އާއްމު ކޮމިޓީންނެވެ.

އެ ކޮމިޓީގައި މިއަދު ކުރިއަށްދިޔައީ، މަޖިލިސް ގަވައިދުގެ 191 ވަނަ މާއްދާ އިސްލާހު ކުރަން، އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކު ހުށަހެޅުއްވި މައްސަލައެކެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ، މަޖިލިސް ގަވާއިދަށް ގެންނަ އެ އިސްލާހަކީ، މަޖިލީހަށް ހުށަހަޅާ ގަރާރާއި ކުއްލި މައްސަަލަ އެއްހަމައަކުން ބަލަންޖެހޭ އިސްލާހެއް ކަމަށެވެ.

ކުއްލި މައްސަލައަށްވެސް މަޖިލީހުގައި ބަހުސް ކުރެވެނީ އެ މައްސަލައެއް ބަލައި ގަތުމުންނެވެ. ގަވާއިދަށް ބަދަލު ގެންނަން ހުށަހެޅީވެސް ހަމަ އެގޮތަށް މަޖިލީހަށް ބަލައި ނުގެންފި ނަމަ، އެ ގަރާރަސް ބަހުސް ނުކޮށް ބާތިލްވީކަމަށް ކަނޑައެޅުމަށެވެ.

ގަވާއިދުގެ 191 ވަނަ މާއްދާގައި މިހާރު އޮންނަނީ، މަޖިލީހުގައި ގަރާރުގެ މައްޗަށްވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް، މަޖިލީހުން ގަރާރު ފާސް ވުމުން ބިލު ތަސްދީގު ކުރަން އޮންނަ އުސޫލުން ގަރާރު ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އެހެންކަމުން މަޖިލީހަށް މެންބަރަކު ގަރާރެއް ހުށަހަޅައިފި ނަމަ، އެ ގަރާރަށް ބަހުސް ކުރަންޖެހެއެވެ. ގަރާރު ބަލައިގަންނަން ވޯޓަށް އަހަނީ ގަރާރަށް ބަހުސް ކުރުމަށް ފަހުގައެވެ. ނަމަވެސް، މި އިސްލާހު ގެނައުމުން މަޖިލީހުގައި މެޖޯރިޓީ އޮންނަ ފަރާތުން ގަރާރު މަޖިލީހަަށް ބަލައި ނުގަންނަން ފާސްކޮށްފި ނަމަ، ބަހުސެއް ނުކުރެވޭނެއެވެ. އެ ގަރާރު ވާނީ ބާތިލެވެ.

އެ ކަންބޮޑުވުންތައް ފާޅުކޮށް ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީން ފައިސަލް ވިދާޅުވީ، ގަވާއިދު މިހާރު އޮންނަގޮތުން، ކުއްލި މައްސަލަ ބަލައި ނުގެންފި ނަމަ، ގަރާރުގެ ގޮތުގައި ހުށަހަޅައިގެންވެސް މަޖިލިސް ފްލޯގައި ބަހުސް ކުރުމުުގެ ފުރުސަތު މައިނޯރިޓީއަށް ލިބިދޭ ކަމަށެވެ.

ނަމަވެސް ގަވާއިދަށް މި އިސްލާހު ގެނައުމުން އެ ފުރުސަތުވެސް ބަންދުވާނެއެވެ.

"މީ އަޅުގަނޑަށް އެއްގޮތަކަށްވެސް ތާއީދު ކުރެވޭ ކަމެއްނޫން. އަޅުގަޑުމެނަށްވެސް ކޮންމެސް ބަހެއް ބުނެވޭނެ ފުރުސަތެއް މަޖިލހުގައި އޮންނަންޖެހޭނެކަމަށް ގަބޫލުކުރަނީ. މިހާރު ކުއްލި މައްސަލައެއްގައިވެސް ގަރާރެއްގައިވެސް ނޯންނާނެ އެ ފުރުސަތެއް،" އަމީން ފައިސަލް ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، ޕީއެންސީއަށް ރައްޔިތުން ދިން މެޖޯރިޓީން އެ އިސްލާހު މަޖިލިސް ގަވާއިދަށް ގެންނަން ފާސް ކުރާނެ ކަމަށެވެ. އަދި އެ އިސްލާހަކީ ގަވާއިދަށް ގެންނާނެކަމަށް މީގެ ކުރިންވެސް ބެލެވުނު އިސްލާހެއްކަމަށް ވިދާޅުވެ އެފަދަ އިސްލާހެއް ގެންނަ ބައްދަލުވުމެއްގައި ބައިވެރިވެގެން އިންނަވަން ބޭނުން ނޫންކަމަށް ވިދާޅުވީ، އެ މެންބަރުވަނީ ކޮމިޓީ ބައްދަލުވުމުން ވޯކްއައުޓްކޮށްފައެވެ.