ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ ސަރަހައްދުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް މިއަދު ވިދާޅުވީ، ރަސްމާލެއަކީ ދިވެހި ދައުލަތުގެ ބިމެއް ކަމަށާއި، އެތަނުގައި ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ކަމަށެވެ.
އީގަލް ހިލްސްއިން އިންވެސްޓްކޮށްގެން ހިންގާ ސަރަހައްދުގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރާނެ ތަންތަން ހުންނާނެ ކަމަށް ބުނެ ފަތުރަމުންދަނީ ސިޔާސީ ބޭނުމެއްގައި ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި އެހެން ދީނެއް ޕްރެކްޓިސްކުރުމުގެ ފުރުސަތެއް އެއްގޮތަކަށް ވެސް ނޯންނާނެއެވެ. އަދި އެތަނުގައި ސްކޫލެއް ވެސް އިމާރާތް ނުކުރާނެ ކަމަށާއި، ނަމަވެސް މިސްކިތްތަކާއި ދިވެހި ފުލުހުންގެ މަރުކަޒެއް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ވާހަކަތައް ދައްކަނީ ގައުމު ދެކެ ލޯބިވާތީ ހެޔޮ ނިޔަތެއްގައި ކަންކަން އޮޅުންފިލުވުމުގެ ބޭނުމުގައެއް ނޫނެވެ. ސަރުކާރުން މިކަމާ ގުޅޭގޮތުން ސުވާލުތަކަށް ޖަވާބު ދީފައިވީ ނަމަވެސް، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ބަޔަކު ދޮގު ވާހަކަ ފަތުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ބިދޭސީ މަސައްކަތްތެރިންގެ އާބާދީއަށް އަލިއަޅުއްވާލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރިސޯޓުތަކުގައި އެއްފަހަރާ ދެ ލައްކައެއްހާ ފަތުރުވެރިން އުޅޭއިރު، އެތަންތަނުގައި ވެސް އެހެން ދީންތަކުގެ އަޅުކަންކުރާ އިމާރާތްތަކެއް ނުހުރެއެވެ. ހަމައެހެންމެ، މާލެ ސަރަހައްދުގައި ވެސް ލައްކައެއް ނުވަތަ ދެ ލައްކައެއްހާ ބިދޭސީން އުޅޭއިރު، އެކަމާ ގުޅިގެން ސިޔާސީ ފަރާތްތަކުން އެއްވެސް ކަންބޮޑުވުމެއް ފާޅުނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެއަކީ ރާއްޖެއިން ބޭރު ތަނެއްގެ ގޮތުގައި ސިފަކޮށް، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެ މަޝްރޫއު ހިނގާ ސަރަހައްދުގައި ވެސް ފުރިހަމަ ބާރާއެކު ދިވެހި ގާނޫނުއަސާސީއާއި ގާނޫނުތައް ހިނގާނެ ކަމަށާއި، އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދެވޭނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް