ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރަށްފަހު އަނބުރާ ދައުލަތަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް މިހެން ވިދާޅުވެފައި މިވަނީ، 99 އަހަރަށްފަހު ވެސް އެހެން ފަރާތަކަށް އެތަން ބަދަލުކުރެވި އެގޮތަށް ދެމިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ގަންނަ ފަރާތްތަކަށް އެ ތަންތަން ލިބޭނީ 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އަމިއްލައަށް މުއްދަތު އާނުވާނެ ކަމަށާއި، އެ ތަންތަން އަނބުރާ ވިއްކަން ޖެހޭނީ ދައުލަތަށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތަށް ލިބުމަށްފަހު އެހެން ފަރާތަކަށް އެ ތަންތަން ވިއްކުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.
މުއްދަތު ހަމަވުމުގެ ކުރިން ޕްރޮޕަޓީ އެހެން ފަރާތަކަށް ވިއްކާލަން ބޭނުންވި ނަމަވެސް، އެކަން ކުރެވޭނީ ސަރުކާރު މެދުވެރިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރަށް ނޭނގި އެހެން ފަރާތްތަކަށް މިލްކުވެރިކަން ބަދަލުނުކުރެވޭނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކޮންމެ މުއާމަލާތަކުން ވެސް ދައުލަތަށާއި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ކަމަށެވެ. އަދި ފުރަތަމަ މުއާމަލާތުން ފެށިގެން ވެސް ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.
މި އުސޫލުތައް ރާއްޖޭގެ ރިސޯޓުތައް ދޫކޮށްފައިވާ ގޮތާ އަޅައި ކިޔުއްވަމުން ރައީސް ވިދާޅުވީ، ރިސޯޓުތަކުގެ 99 އަހަރުގެ މުއްދަތު ހަމަވުމުން ވެސް އަމަލުކުރާ ގޮތަކީ އެއީ ކަމަށެވެ. އެގޮތުން، މުއްދަތު ހަމަވުމުން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި، އެ ތަނަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް އަގު ދިނުމަށްފަހު ދައުލަތަށް ނެގޭނެ ކަމަށާއި، ނޫންނަމަ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން ހަގީގަތް އޮޅުވާލަން މަސައްކަތްކުރި ނަމަވެސް، ހެޔޮ ނިޔަތުގައި ކަންކަން އޮޅުންފިލުވަން ބޭނުންވާ ރައްޔިތުން ތިބިކަން ފާހަގަކުރައްވައި، މި ތަފްސީލުތައް ހާމަކުރެއްވީ އެފަދަ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް