މީހުންގެ މަގުބޫލުކަން ހޯދުމުގެ ބޭނުމުގައި ވާހަކަތައް ފަތުރައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މެދު ބައެއް މީހުން ނަފުރަތު އުފައްދާ ކަމަށާއި، އެކަމުގެ ސަބަބުން މެންބަރުންނަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އެ ދުވަސްވަރެއްގައި އެންމެ މަގުބޫލީ ކޮންކަމެއްތޯ ބަލައި އެކަމެއް ރައްދުވާ މީހުންނަށް "އެޓޭކް ކުރުމަކީ" ނުރައްކާތެރިކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުރައްކަލަށް ހުށަހެޅޭކަމަށްވެސް މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް ނުރައްކާތެރިކަމެއް. އަދި އެކަަމަކީ އެކަމުގެ ސަބަބުން މި މަޖިލީހުގެ މެމްބަރުން ނުރައްކަލަށް ހުށަހެޅި އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކު އަވަހާރަކޮށްލިވިގެންވެސް ހިނގައްޖެ. ހަމަ މިގޮތަށް ނަފުރަތު އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ޕާލަމެންޓް މެންބަރެއްގެ ގައިގައި މީހަކު ގަސްދުގައި އިއްޔެ ކާރަކުން ޖެއްސި ހާދިސާއަކީވެސް އެގޮތަށް ނަފުރަތު އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން މެންބަރުން ނުރައްކަލަށް ހުށަހެޅޭ ގޮތުގެ މިސާލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖް ދިފާއުކުރައްވަައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އިނާޔަތްތަކަކީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާއިން ބާރުލިބިގެން ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށާއި، އެ މާއްދާގައި ދައުލަތުގެ އިސް އެހެން އެތައް މަގާމެއްވެސް ހިމަނާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންވެސް އެ މާއްދާގައި ހިމަނާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައެޅީ އެއީ ދައުލަތަށް އުފުލޭނެ ބުރައެއްކަަމަށް ސަރުކާރުގެ ފަރާތުން މިނިސްޓަރުން މަޖިލީހަށް ވަޑައިގެން ވިދާޅުވުމުން ކަމަށެއެވެ. މެމްބަރުންގެ މުސާރަ ބޮޑުކުރިއިރުވެސް އޭރުގައި ހުންނެވި ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ތަޅުމުގައި އެކަމަށް ރުހުން ދެއްވިކަަމަށްވެސް އޭނާ ވިދާޅުވިއެވެ.