ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް އެ ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށްވާ ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.
މިއީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. ގާސިމުގެ ޕެރެޑައިސް ރިސޯޓުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގު (ޓޮމް)، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގާސިމް އާއި ޕީޕީއެމްގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.
އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި މުހިންމު މަޝްވަރާތެއް ކުރެވުނު ކަމަށެވެ. ނަމަވެސް މަޝްވަރާކުރީ ކޮންކަންތައްތަކާ ބެހޭގޮތުންކަމެއް ވިދާޅެއް ނުވެއެވެ.
ޕީޕީއެމް ފުރަތަމަ ވެރިކަން 2013 ވަނަ އަހަރު ގެނައުމަށް ގާސިމް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިންތިހާބުގެ ދެވަނަ ބުރަށް ނުހޮވި ޔާމީންއާ ވާދަކޮށް ބަލިވީ ބަލިވީ 20،000 އެއްހާ ވޯޓުގެ ތަފާތަކުނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޔާމީނަށް 61,278 ވޯޓު ލިބިވަޑައިގެންނެވި އިރު، ގާސިމަށް ލިބިވަޑައިގެންނެވީ 48,131 ވޯޓެވެ. ދެވަނަ ބުރުގައި ޔާމީނާއި ގާސިމް ވަނީ ކޯލިޝަން ހަދައިފައެެވެ. އެ ބުރުގައި ޔާމީނަށް ލިބިވަޑައިގެންނެވީ 111,203 ވޯޓެވެ. އެމްޑީޕީގެ ފަރާތުން އެއިރު ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 105,181 ވޯޓެވެ.
ޕީޕީއެމްއާއެކު އެއިރު ކޯލިޝަން ހެދި އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއާ ހިޔާލުތަފާތުވެ. އެ ކޯލިޝަން ވަނީ ރޫޅިފައެވެ. ގާސިމް ވަނީ އެއިރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޔާމީންގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވައިފައެވެ. އެ މަސައްކަތުގެ ތެރެއިން ގާސިމް ޖަލަށްލުމަށް ވެސް ވަނީ ހުކުމްކޮށްފައެެވެ. އެއިރު ގާސިމް ހުންނެވީ ބޭސް ފަރުވާއަށް ޖަރުމަންގައެވެ.
ޕީޕީއެމުން ގާސިމާއެކު މިއަދު ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރެއްވި އިރު، އެ ޕާޓީން ވަނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހަދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު