ރައްޔިތުން މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރުމުގެ ދައުވަތު، އެ ކޯލިޝަނުން މަޖިލީހުގެ ހުރިހާ މެމްބަރުންނަށާއި ސިޔާސީ ޕާޓީތަކަށް ދީފިއެވެ.

ޕީޕީއެމުން މިއަދުކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީން މަސައްކަތް ކުރަމުންދަނީ މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ކުރެވެން ހުރި މަސައްކަތް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގްރޫޕާ ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެންމެހާ މެމްބަރުންނަށާއި ޕާޓީތަކަށް ދައުވަތު އަރުވަން،" ޕީޕީއެމުން ބުންޏެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީއާ ގުޅެން، އެ ޕާޓީން ދައުވަތު ދީފައި މިވަނީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައި ވަނިކޮށެވެ. އަދި އެމްޑީޕީން ވަކިކުރި މެމްބަރުން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީން ވެސް ވަނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރުމަށް އެ ކޯލިޝަނާއެކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ޖުމްހޫރީ ޕާޓީން ވެސް ދަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރަމުންނެވެ.

އެ ހުރިހާ ފާޓީތަކުން އެކުގައި މަސައްކަތް ކުރަމުންދަނީ ޗާގޯސް މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ބުނެއެވެ. އެގޮތުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް އެ ހުރިހާ ޕާޓީތަކުން ދަނީ ގުޅިގެން ކުރަމުންނެވެ.