މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ގދ. އަތޮޅު ފައިނަލްގެ ފުރަތަމަ ޖާގަ ވާދޫން ޔަގީން ކުރި އިރު، ރ. އަތޮޅުގެ ފައިނަލްގެ ދެވަނަ ޖާގަ ދުވާފަރުން ޔަގީންކޮށްފިއެވެ.
ގޯލްޑަން ފުޓްސަލްގެ ފޯރިގަދަ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރެއާއި އިއްޔެ ވަނީ ފޯރިގަދަ 12 މެޗެއް ކުޅެފައެވެ. އިއްޔެ ހަވީރު ގދ. އަތޮޅުގެ ލީގު ބުރުގެ ދެ މެޗެއް ކުޅެފައިވާ އިރު، ވާދޫން ވަނީ ތިންވަނަ މޮޅު ހޯދައި، ފައިނަލް ޔަގީންކޮށްފައެވެ.
ވާދޫން ފައިނަލް ޔަގީންކުރީ އިއްޔެގެ މެޗުގައި މަޑަވެލީގެ މައްޗަށް 11-2ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ހަތަރު ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު، އިބްރާހީމް ޝައުފާއި މުހައްމަދު ނާއިލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލުތައް ޖެހީ ޓީމުގެ ތަރި އަޔާޒް އަހުމަދު (އަޔާ)އާއި ޒައިން މުހައްމަދު އަދި ޔަޒްދާން އިބްރާހީމެވެ.
ގދ. އަތޮޅުން ފަސް ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ ފައިނަލަށް ޓީމުތައް ދަތުރުކުރާނީ ލީގު ބުރުގެ ނަތީޖާއިން އެންމެ ކުރި ހޯދައިގެންނެވެ. އެ އަތޮޅު ގައްދޫން ދެވަނަ މޮޅެއް އިއްޔެ ހޯދާފައިވަނީ ހޯޑެއްދޫ ކައިރިން 2-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގައި އައްނު އަބްދުﷲއާއި ޝާރިގް އިބްރާހީމް ގޯލުތައް ޖެހި އިރު، މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގައި މޮޅަށް ކުޅެމުން އަންނަ ގައްދޫގެ އާލިމް އަބްދިލް އަޒީޒެވެ.
ގދ. އަތޮޅުގެ ތާވަލަށް ބަލާލައި އިރު، ވާދޫ އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ހޯޑެއްދުއަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ގައްދުއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. މަޑަވެއްޔާއި ތިނަދޫ ޕޮއިންޓަކާއެކު ކަޓައިފައި އޮތްއިރު، ވާދުއާއި މަޑަވެލި އަދި ގައްދުއާއި ތިނަދުއަށް އަދި ބާކީ މެޗެއް އެބައޮތެވެ.
ގައްދުއަށް ހަތަރު މެޗު ހަމަވެފައި އޮތުމާއެކު އަމިއްލަ ބާރެއް ދެން ނޯންނާނެއެވެ. އެ ޓީމަށް ފުރުސަތެއް ލިބެން އޮތީ ގައްދޫން ފަހު މެޗުގައި މަޑަވެލި އަތުން ބޮޑު ތަފާތަކުން ބަލިވެގެންނެވެ. އެއީ ފައިދާ ގޯލުން ގައްދޫގެ މައްޗަށް ކުރި ހޯދިގެންނެވެ. މިހާރު އޮތް ގޮތުން ގައްދޫ ފައިދާ އެއް ގޯލާއެކު އޮތްއިރު، ހޯޑެއްދޫ އޮތީ ގެއްލުން ހަތަރު ގޯލާއެކުގައެވެ. އެހެންކަމުން ބޮޑު ސްކޯއަކުން ގައްދޫ ބަލިވެގެން ނޫނީ ގައްދޫވެސް ނުކަޓާނެއެވެ.
ތ. އަތޮޅު ދެ ގްރޫޕުގެ ކުޅުންވެސް ރޭ ނިމިފައިވާއިރު، ގްރޫޕް އެކެއްގެ އެއްވަނަ ހޯދީ އޮމަދުއެވެ. އެ ގްރޫޕްގެ ދެވަނަ ވޭމަންޑޫން ހޯދި އިރު، ތިމަރަފުށި ހިމެނޭ ގްރޫޕް ބީގެ ދެވަނައިގައި އަތޮޅު ސެމީއަށް ދިޔައީ ކިނބިދުއެވެ.
އޮމަދުއާއި ވޭމަންޑޫ ވާދަކުރި ތ. އަތޮޅު ގްރޫޕް އެކެއްގެ މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، އެ ގްރޫޕުން ކަޓައިގެން ދިޔަ ހިރިލަންދުއާއި ގާދިއްފުށީގެ މެޗު، ހިރިލަންދޫން ކާމިޔާބުކުރީ 5-1ގެ ނަތީޖާއަކުންނެވެ. ގްރޫޕް ދޭއްގައި ކިނބިދޫން 5-2 އިން ބުރުނި ބަލިކުރި އިރު، އެ މެޗުގައި ކިނބިދޫގެ ގޯލުތައް ޖަހައިދިނީ އަހުމަދު ހަމްދާން ހުސައިނާއި މުހައްމަދު ސަހާއު (ބޭލް) އަދި އިބްރާހީމް އިމްރާޝްއެވެ. ބޭލްއާއި ހަމްދާން ވަނީ ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖަހައިވައެވެ.
ބުރުނީގެ ގޯލުތައް ޖަހައިދިނީ އަހުމަދު ސައްދާމާއި މައުސޫމް ޝަބީނެވެ.
ރ. އަތޮޅުގެ ފައިނަލްގެ ދެވަނަ ޖާގަ، އެންމެފަހުގެ ޗެމްޕިއަން ދުވާފަރުން ޔަގީންކުރީ އަލިފުށީ ކައިރިން ހޯދި 1-0 ގެ މޮޅާއެކު ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. އެ އަތޮޅުގެ ފައިނަލްގެ އަނެއް ޖާގަ ހޯދާފައިވާ އިނގުރައިދޫންވެސް ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ އިރު، ފައިނަލްގެ ކުރިން އިނގުރައިދުއާއި ދުވާފަރު އަދި ލީގު ބުރުގައި ކުޅެން ޖެހޭނެއެވެ. ރޭގެ މެޗުގައި ދުވާފަރުގެ ގޯލު އާދަމް އިލްޔަސައު ޖަހައިދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ދުވާފަރުގެ މުހައްމަދު ޖުމާނެވެ.
ރ. އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި މީދޫން ވަނީ 9-2 އިން އިންނަމާދޫ ބަލިކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.
20:00 އއ. މަތިވެރި - އއ. ރަސްދޫ (ގްރައުންޑް 1)
20:00 އއ. ފެރިދޫ - އއ. ބޮޑުފޮޅުދޫ (ގްރައުންޑް 2)
އދ. އަތޮޅު ސެމީ ފައިނަލް
21:00 އދ. މަހިބަދޫ - އދ. ހަންޏާމީދޫ (ގްރައުންޑް 1)
21:00 އދ. މާމިގިލި - އދ. ފެންފުށި (ގްރައުންޑް 2)
22:00 މ. ދިއްގަރު - މ. ނާލާފުށި (ގްރައުންޑް 1)
22:00 މ. މުލި - މ. މަޑުއްވަރި (ގްރައުންޑް 2)
23:00 ކ. މާފުށި - ކ. ކާށިދޫ (ގްރައުންޑް 1)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް