ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި އޭސީ މިލާން މޮޅުވެއްޖެއެވެ.
ރޭގެ ނޮކްއައުޓް މެޗުތަކާއެކު ޗެމްޕިއަންސް ލީގު ފުޓުބޯޅަ އެނބުރި އައިސްފައި ވަނީ ގާތްގަނޑަކަށް ދެމަހަށްވުރެ ގިނަ ދުވަހަށް ފަހުގައެވެ. ގްރޫޕް ސްޓޭޖަށްފަހު، މިފަހަރު ޗެމްޕިއަންސް ލީގު މެޗުތައް އެނބުރި އައިސްފައި ވަނީ ވޯލްޑް ކަޕަށް ފަހުގައިވެސް މެއެވެ.
ރޭ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި އޮތީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ވާދަކުރި މެޗަށެވެ. އެއީ ގަދަ 16 ގެ އެންމެ ވަރުގަދަ އެއް ކުރިމަތިލުންވެސް މެއެވެ.
ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗު ބަޔާނުން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗާއެކު ބަޔާން ވަނީ ކުއާޓާ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފައެވެ.
ރޭގެ މެޗަށް ޕީއެސްޖީ ނުކުތީ އެޓީމުގެ އެންމެ ވަރުގަދަ އެއް ފޯވަޑް، ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ފުރަތަމަ 11 ގައި ނުހިމަނައެވެ. އެމްބާޕޭ ރޭގެ މެޗުގެ ސްކޮޑުގައި ހިމެނޭ މިންވަރަށް ފިޓް ނުވާނެ ކަމަށް ފުރަތަމަ ބެލެވިފައި އޮތް ނަމަވެސް، އޭނާ ބެންޗަށް ނުކުމެ، މެޗުގެ ދެވަނަ ހާފްގައި ކުޅެންވެސް ނުކުމެފައިވެއެވެ.
ލިއޮނަލް މެސީއާއި ނޭމާ ހިމެނުނު އެޓޭކް ލައިނަކާއެކު ރޭގެ މެޗަށް ނުކުތް ޕީއެސްޖީއަށް ފުރަތަމަ ހާފްގައި އެކަށޭނެ އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަނެއްކޮޅުން ބަޔާންގެ ފަރާތުން ނުރައްކާތެރި ހަމަލާތައް ފެނުނެވެ. ކިންގްސްލީ ކޯމަންގެ ތިން ހަމަލާއެއް ބޭރަށް ދިޔަ އިރު، ލެއޯން ގޮރެޓްޒްކާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ސާފުކޮށް ބޭރުކޮށްލީ ސާޖިއޯ ރާމޯސްއެވެ.
އޭގެ އިތުރުން ޖޯޝުއާ ކިމިކް ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާއެވެ.
ދެވަނަ ހާފަށް ނުކުމެ، މެޗުގެ 53 ވަނަ މިނެޓުގައި ބަޔާން މިއުނިކުން ލީޑު ނެގިއެވެ. އަރިމަތިން އަލްފަންސޯ ޑޭވީސް ނެގި ހުރަސް، އޭރިއާ ތެރޭގައި ހުރެ ފަސޭހަކަމާއެކު ގޯލަށް ވައްދާލީ ކުރިން ޕީއެސްޖީއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ކޯމަންއެވެ. ޕީއެސްޖީއަށް އިހުތިރާމް ކުރުމަށް ގޯލަށްފަހު ކޯމަން އުފާފާޅު ކޮށްފައެއް ނުވެއެވެ.
ބަޔާނުން ލީޑު ނަގައި ހަމަޖެހިލި ނަމަވެސް އެމްބާޕޭ ކުޅެން ނުކުމެ އެޓީމުގެ ޑިފެންސަށް ތަކުރާރުކޮށް ނުރައްކާ ކޮށްފައިވެއެވެ. އެމްބާޕޭއާއި މަސާގެ ދެ ހަމަލާއެއް ބެންޖަމިން ޕަވާޑް ބްލޮކް ކޮށް ބޭރުކޮށްލި އިރު، އެމްބާޕޭ ބަޔާން ގޯލަށް ވައްދާލި ދެ ބޯޅައެއް، ވީއޭއާރް އެހީގައި ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ބަޔާންއިން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ޕަވާޑަށް ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ ވަނީ ރަތް ކާޑެއް ދައްކައިފައެވެ.
ޓޮޓެންހަމްއިން މިލާންގެ ސަންސީރޯ ސްޓޭޑިއަމްގައި އޭސީ މިލާން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މިލާންގެ ހަމައެކަނި ގޯލް ފެނިގެން ދިޔައީ ބްރަހީމް ޑިއާޒްގެ ފަރާތުންނެވެ. އެ ގޯލަކީ ރީބައުންސް ބޯޅައެއްގައި ޑިއާޒް ޖެހި ގޯލެކެވެ. ޑިއާޒް ގޯލް ޖެހުމުގެ ކުރިން ތިއޯ ހެނާންޑޭޒްއާއި ޑިއާޒްގެ ހަމަލާތައް ޓޮޓެންހަމްގެ ގޯލްކީޕަރު ފްރޭސާ ފޯސްޓާ ވަނީ މަތަކޮށްފައެވެ.
ޓޮޓެމްހަމްއިން ގޯލަކަށް ކުރި މަސައްކަތުގައި ހެރީ ކޭން ޖެހި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވާ އިރު، ދެވަނަ ހާފްގައި ނުރައްކާ ބޮޑުކޮށް ފެނުނީ މިލާނެވެ. ބެންޗުން ނުކުތް ޗާލްސް ޑެ ކެޓެލެއާގެ އިތުރުން ޖޫނިއޯ މެސިއާސްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނު އިރު، އެ ދެކުޅުންތެރިންނަށްވެސް ލިބުނު ފުރުސަތުތައް ވަނީ ބޭކާރު ވެފައެވެ.
ބަޔާންއާއި ޕީއެސްޖީން ޖަރުމަނުގައި ކުޅޭ މެޗާއި ޓޮޓެންހަމްއާއި މިލާން ލަންޑަންގައި ކުޅޭ މެޗު އޮންނާނީ މާޗު މަހުގެ ނުވައެއްގައެވެ.