މިރޭ އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ފެވަރިޓެއް ނެތް ކަމަށާއި، އާސެނަލް ފައިނަލާ ހަމައަށް ކުރި ދަތުރާއި މި ސީޒަނުގެ މިހާތަނަށް ހޯދި ކާމިޔާބީ އެޓީމަށް ހައްގު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.
ޕީއެސްޖީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުންނަ އިރު، މި އެރާގައި ޖެހިޖެހިގެން ދެ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ ރެއާލް މެޑްރިޑެވެ.
ޕީއެސްޖީ ވެގެން ގޮސްފައި ވަނީ ޖެހިޖެހިގެން ދެވަނަ ފައިނަލަކަށް ދަތުރުކުރުމުގެ ޝަރަފު ހޯދި ހަތްވަނަ ޓީމެވެ. މީގެ ކުރިން ރެއާލުން ތަކުރާރުކޮށް ޖެހިޖެހިގެން ފައިނަލްތައް ކުޅެފައިވާ އިރު، ދެން އެކަން ކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލްގެ އިތުރުން ޔުވެންޓަސްއާއި އޭސީ މިލާން އަދި ވެލެންސިއާއެވެ.
ޕީއެސްޖީން މިރޭ ވާދަކުރާނީ 20 އަހަރަށްފަހު ފައިނަލަށް ނުކުންނަ އާސެނަލާ ދެކޮޅަށެވެ. އެެޓީމުން ވަނީ 22 އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
"އެއްފަހަރު ތަށި ހޯދުމަކީ ތާރީހީ ކަމެއް. އެކަމަކު ދެވަނަ ފަހަރު ހޯދުން ވެގެންދާނީ ލެޖެންޑަރީ ކަމަކަށް. އަހަރެމެންގެ މޯޓިވޭޝަނަކީ ތަށި ހޯދުމެއް ނޫން. އެއީ އެކަންވެފައި އޮތީމަ. އަހަރެމެންގެ މޯޓިވޭޝަނަކީ ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ދެމި އޮތުމަށް އޮތް މޯޓިވޭޝަނެއް،" އެންރިކޭ ބުންޏެވެ.
އާސެނަލުން ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރާ އިރު، އެއީ ނުރައްކާތެރި ޖޯޝެއް އުފެދޭނެ ކަމެއް ކަމަށް އެންރިކޭ ގަބޫލުކުރެއެވެ. އެހެން ނަމަވެސް ޖެހިޖެހިގެން ދެވަނަ ތަށްޓެއް ހޯދުމަށް ޕީއެސްޖީން އެދޭ މިންވަރު ވަކި ކުޑަ ނުވާނެ ކަމަށް އެންރިކޭ ފާހަގަކުރިއެވެ.
އެންރިކޭ ބުނީ ފައިނަލުގައި ވާނެ ގޮތެއް، ނުކުންނާނެ ނަތީޖާއެއް ބުނަން އުނދަގޫ ކަމަށެވެ. ހާއްސަކޮށް "ފެވަރިޓުންނެއް ނެތް،" ކަމަށާއި، އާސެނަލް މިހާތަނަށް ސީޒަނުގައި ދެއްކި ކުޅުމުން އެކަން ސާބިތުވާނެ ކަމަށް އެންރިކޭ ބުންޏެވެ.
ގިނަ ބައެއްގެ ނަޒަރުގައި އާސެނަލަކީ ހަމައެކަނި ޑިފެންސިވް ޓީމެއް ނަމަވެސް، އެންރިކޭގެ ނަޒަރުގައި ޕީއެސްޖީއާއި އާސެނަލްގެ މާބޮޑު ފަރަގެއް ނެތެވެ. އަދި ޕްރިމިއާ ލީގު ހޯދި ހޯދުމުން އާސެނަލްގެ ފެންވަރު ސާފުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު