ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކޮށް، ޕީއެސްޖީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ހޯދައިފިއެވެ.
މިރޭގެ ފައިނަލަށް ޕީއެސްޖީން ނުކުތީ ޗެމްޕިއަނުންގެ ޝަރަފުގައި ތަށި ދިފާއުކުރުމަށެވެ. ޕީއެސްޖީއަށް މިރޭގެ ފައިނަލަކީ ތިންވަނަ ފަައިނަލަށެވެ. މީގެ ކުރިން 2020 ވަނަ އަހަރު ބަޔާން މިއުނިކް ކައިރިން ބަލިވި އިރު، މިދިޔަ އަހަރު އިންޓަ މިލާން ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެޓީމުން މިފަހަރު ނުކުތީ ޖެހިޖެހިގެން ދެވަނަ ތަށްޓެއް ކަށަވަރުކުރުގެ ޝަަރަފު ހޯދައި، ޔޫރަޕްގެ ރަސްކަން ދަމަހައްޓާށެވެ.
އަނެއްކޮޅުން އާސެނަލުން ނުކުތީ ކްލަބުގެ ތާރީހު ބަދަލުކޮށްލާށެވެ. މެޗަށް ނުކުތް އިރު، އާސެނަލަސް ޔޫރަޕްގެ ޗެމްޕިއަންކަން ލިބިފައެއް ނުވެއެވެ. އެޓީމަށް މިރޭގެ ފައިނަލަކީ ދެވަނަ ފައިނަލަށެވެ. 2006 ވަނަ އަހަރު އާސެނަލުން ބާސެލޯނާއާ ދެކޮޅަށް ނުކުތް ފައިނަލުގައި 2-1 އިން ބަލިވެފައިވާ އިރު، މިރޭގެ ފައިނަލަށް ނުކުތީ 22 އަހަރު ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދުމުގެ ހިތްހަމަ ޖެހުމާއެކުގައެވެ.
ހަންގޭރީގެ ބުޑަޕެސްޓްގެ ޝަރަފުވެރި ޕުޝްކަޝް އެރީނާގައި ކުޅުނު ދެ ޗެމްޕިއަނުންގެ ކުރިމަތިލުން ޕެނަލްޓީއަށް ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ.
މެޗު ރަނގަޅަށް ފަށައި، އާސެނަލުން ވަނީ ލީޑު ނަގައިފައެވެ. ޗެލްސީން 2021 ވަނަ އަހަރު ތަށި ހޯދި އިރު، މެންޗެސްޓާ ސިޓީ ކޮޅަށްވެސް ގޯލް ޖަހައިދިން ކައި ހަވާޓްސް ހަވަނަ މިނެޓުގައި ޖެހީ ހިތްގައިމު ގޯލެކެވެ. އަރިމަތިން އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ މަތީ ދާގަނޑަށް އަމާޒުކޮށްލައި އާސެނަލުން ލީޑު ނެގިއެވެ. ދެން ފުރަތަމަ ހާފުގައި އެއްކޮށް ފެނުނީ އާސެނަލުން ޕީއެސްޖީ ހިފަހައްޓަން މަސައްކަތް ކުރިތަނެވެ.
ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެން ކުރި މަސައްކަތުގައި ރަނގަޅު މަސައްކަތެއް ކުރިވެސް މެއެވެ. ޕީއެސްޖީގެ ވަރުގަދަ އެޓޭކްލައިނަށް ފުރަތަމަ ހާފުގައި އާސެނަލް ކައިރިން މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވިއެވެ.
އަނެއްކޮޅުން ހަވާޓްސްއަށް ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ، މާކީނިއޯސް ރަނގަޅު ވަގުތުގައި ބްލޮކް ކުރިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ފެނުނީ ދާދި އެއްކަހަލަ މަންޒަރެކެވެ. އާސެނަލުން ފަހަތުގައި މަޑުކޮށްގެން ތިބި އިރު، ޕީއެސްޖީން ދިޔައީ ކޮންމެވެސް ގޮތަކުން އާސެނަލް ފޫއަޅުވާލެވޭތޯ މަަސައްކަތް ކުރަމުންނެވެ. އަރިމަތިން ފަހަތަށް ކުޅުނު އަޝްރަފް ހަކީމީއާއި ނޫނޯ މެންޑޭޒް ކުރިއަށް ޖެހި ނުރައްކާ ކުރަމުން ދިޔަ އިރު، ޕީއެސްޖީއަށް ކާމިޔާބެއް ހޯދުނީ 63 ވަނަ މިނެޓުގައެވެ.
އޭރިއާ ތެރެއިން ހަވީޗާ ކަވަރަޓްޝޭލިއާ ނައްޓާލުމާއެކު ކްރިސްޓިއަން މޮސްގޭރާ ކުރި ފައުލަށް ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ. ވީއޭއާރް ބަލައި ޔަގީންވެސް ކުރިއެވެ. އާސެނަލުން ޑިފެންސިވް ލައިންގެ މަސައްކަތް ބަދަލުކުރަން ޖެހުނީ އުސްމާން ޑެމްބެލޭ ޕެނަލްޓީ ކާމިޔާބުކޮށް އެއްވަރުކުރުމުންނެވެ.
އޭގެފަހުން ޕީއެސްޖީން ނުރައްކާ ބޮޑުކުރި އިރު، ކަވަރަޓްޝޭލިއާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވިއެވެ. އަދި އިތުރު ވަގުތުގެ ކުރިން ޑިސައިރޭ ޑޫއޯއަށް ލިބުނު ފުރުސަތުގައި އޭނާ ހުއްޓުވީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއެވެ.
މެޗު އިތުރު ވަގުތަށް ގޮސް، ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާބޮޑު ތަފާތެއް ނުދެއްކުނެވެ. ބަދަލުތަކާއެކު ދެޓީމުންވެސް ތަފާތު ވިސްނުމެއް ގެނެވޭތޯ މަސައްކަތް ކުރި ނަމަވެސް، އެކަންވީ ޗެލެންޖަކަށެވެ. އެއީ މެޗުގެ ޕްރެޝަރު އިތުރުވުމާވެސް އެކުގައެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓު ކޮޅުގައި ޕީއެސްޖީން ނުރައްކާ ބޮޑުކުރި އިރު، ޑޫއޯ ފޮނުވާލި ހަމަލާ އަމާޒުވީ ރާޔާ އަތަށެވެ.
އިތުރު ވަގުތަށް ކުޅެގެންވެސް މެޗުގެ ނަތީޖާ ނެރެވިފައި ނުވުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ގޮސްގެންނެވެ. ދެޓީމުގެ ޕެނަލްޓީތައް ހަމަހަމަ ކޮށް ފެނުނު އިރު، އެބެރެޗީ އެޒޭއާއި ނޫނޯ މެންޑޭޒް އަތުން ޕެނަލްޓީ ނާކާމިޔާބުވިއެވެ. އަދި އޭގެފަހުން އާސެނަލް ބަލިވީ ގެބްރިއަލް އަތުން ޕެނަލްޓީ ނާކާމިޔާބު ކޮށްފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު