ޔޫރަޕްގެ އިތުރުން އިނގިރޭސިވިލާތުގައިވެސް ގަދަބާރެއްގެ ގޮތުގައި އޮތުމަށް އާސެނަލުން ވަރަށް އަވަހަށް މުހިއްމު ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
މި ސީޒަނުގައި އާސެނަލުން ވަނީ 22 އަހަރު ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދައި، ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ. ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ކައިރިން ޕެނަލްޓީ ޖަހައިގެން ބަލިވި އިރު، މެޗު ޕެނަލްޓީއަށް ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ. ފައިނަލްގައި ފެނިގެން ދިޔައީ ޕީއެސްޖީން މެޗު ޑޮމިނޭޓް ކުރިތަނެވެ. އާސެނަލަށް މާބޮޑު ޖާގައެއް ނުދީ ޕީއެސްޖީން ކުޅުނު އިރު، މުޅި މެޗުގައި އެއްކޮށް އާސެނަލަށް ޖެހުނީ ފަހަތަށް ޖެހި ޑިފެންސް ކުރާށެވެ.
ރޭގެ ފައިނަލަކީ 2006 ވަނަ އަހަރަށްފަހު އާސެނަލުން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ފައިނަލެވެ. އެ ފުރުސަތުގެ ބޭނުން ނުހިފި އާސެނަލް އަދިވެސް އޮތީ ޔޫރަޕްގެ ތަށްޓެއްގެ އިންތިޒާރުގައެވެ. އެހެން ނަމަވެސް މިއީ އެތައް ދުވަހެއް ފެނިގެންދިޔަ ކާމިޔާބު ސީޒަނެކެވެ.
"އެންމެ ފުރަތަމަ އަހަރެން ބޭނުމީ ބްރޭކެއް ނަގަން. އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު އަހަރެމެން ވިސްނަން ޖެހޭ ދެން ކަންތައް ކުރަންވި ގޮތް. ކްލަބު މިހާރު މި ކުރިއަށްދާ މިސްރާބުން ޔޫރަޕްގެ އިތުރުން ޑޮމެސްޓިކަލީ ގަދަބާރެއްގެ ގޮތުގައި އޮތުމަށް އަވަސް، ސްމާޓް އަދި ދުރު ރާސްތާއަށް މުހިއްމު ނިންމުންތަކެއް ނިންމަން ޖެހޭ،" އާޓެޓާ ރޭގެ މެޗަށްފަހު ބުންޏެވެ.
އާޓެޓާ، 2011 ވަނަ އަހަރުން ފެށިގެން އާސެނަލްގެ ކޯޗުކަމުގައި ހުރި އިރު، އޭނާ ވަނީ ސްކޮޑަށްވެސް ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން ހަވާލުވިފަހުން ގާތްގަނޑަށް ކުޅުންތެރިން ގަތުމަށް ބިލިއަން ޕައުންޑް ހަރަދު ކޮށްފައިވާ އިރު، ލީގު ތަށްޓަކީ ވެރިންގެ ހަރަދުތަކުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އާޓެޓާ ބުނީ މެޗުތަކުގެ ނަތީޖާއަކީ ހަނިފަރަގަކުން ކަނޑައެޅޭ އެއްޗެއް ނަމަވެސް އެއީ ފަރުދާގެ ފުރަގަހުގައި ގިނަ ކަންތައްތަކެއް ހިނގާ ކަމެއް ކަމަށެވެ. އާޓެޓާ ބުނީ ލެވެލް އިތުރަށް މަތިކުރަން މަޖުބޫރު ކަމަށާއި، އެކަން ކުރަން ދެން އޮތީ ވެރިންނާއެކު އިތުރު ނިންމުންތަކެއް ނިންމުން ކަމަށެވެ.
މިކެލް އާޓެޓާ
މިކެލް އާޓެޓާ
މިކެލް އާޓެޓާ
މިކެލް އާޓެޓާ