އާސެނަލަށް މިފަހަރު ލިބިފައިވާ ފުރުސަތަކީ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދަން ލިބިފައިވާ ފުރުސަތެއް ކަމަށާއި، އިނގިރޭސި ޗެމްޕިއަންކަން ހޯދުނަސް ޔޫރަޕް ޗެމްޕިއަންކަމުގެ މުހިއްމުކަން ނުގެއްލޭ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

މިރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލުން ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އިރު، މިއީ އާސެނަލްގެ ތާރީހުގައިވެސް ފައިނަލް ކުޅޭ ދެވަނަ ފަހަރެވެ. 2006 ވަނަ އަހަރު އާސެނަލުން ބާސެލޯނާއާ ދެކޮޅަށް ނުކުތް ފައިނަލުގައި 2-1 އިން ބަލިވެފައިވާ އިރު، މިއީ ކްލަބުގެ ތާރީހު ބަދަލުކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

"އަހަރެމެންނަށް މި ލިބެނީ ކްލަބުގެ ތާރީހުގައިވެސް އާ ސަފުހާއެއް ލިޔެލަން ލިބޭ ފުރުސަތެއް. އަހަރެމެން ފައިނަލްގައި ކުޅެން ޖެހޭނީ ވަރަށް ބޮޑަށް ކަންކަން ސާފުވެގެން. އަހަރެމެން ޓީމުގައި ހިތްވަރާއި ކެރުންތެރިކަން ހުންނަން ޖެހޭނެ. އެހެން ނޫނީ އެކަން ކުރަން އުނދަގޫވާނެ،" ސްޕެއިންގެ ކޯޗު އާޓެޓާ ބުންޏެވެ.

އާޓެޓާއާއެކު އާސެނަލް ފައިނަލަށް ނުކުންނަނީ 22 އަހަރު ފަހުން އިނގިރޭސި ލީގު ކާމިޔާބުކޮށް، އެކަމުގެ އުފާވެރިކަމުގައެވެ. އާޓެޓާ ބުނީ ޕްރިމިއާ ލީގު ތަށި ހޯދުނަސް، އެހިސާބުން ފުއްދާލަން ކުޅުންތެރިން ބޭނުން ނުވާ ކަމަށެވެ.

"އަހަރެމެންނަށް މިހާރު ނުފުދޭ ޕްރިމިއާ ލީގު ހޯދުމުންނެއް. އަހަރެމެންގެ ފޯކަސް އެއްވެސް ވަރަކަށް ކުޑައެއް ނުވޭ. އަދި މި މެޗަށް އޮތް ޕްރެޝަރު ކުޑައެއްވެސް ނުވޭ. އެއީ އެއް ތަށި ހޯދުމަށްފަހު، ދެން ހުރިހާ ކުޅުންތެރިންވެސް މި ބޭނުންވަނީ ދެވަނަ ތަށި ހޯދަން. ޗެމްޕިއަންކަން ހޯދުމަކީ ލިބުނު ހިތްވަރެއް ނަމަވެސް ފަސޭހަކޮށްލާނެ ސަބަބެއް ނޫން،" އާޓެޓާ ބުންޏެވެ.

އާސެނަލުން މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އިރު، އެއީ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އާޓެޓާ ބުނީ އާސެނަލްގެ ޓާގެޓަކީ އެ ޝަރަފު ޖަހައިގަތުން ނަމަވެސް ޕީއެސްޖީއާއި ލުއިސް އެންރިކޭއަށް ފުރިހަމަ އިތުބާރު ކުރާ ކަމަށެވެ. ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ މިރޭ 9:00 ގައެވެ.