ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ތައްޔާރުވާން ޖެހިއްޖެއެވެ. 91 ޓީމަކުން ރާއްޖޭގެ ފުޓްސަލް ރަސްކަމަށް ފެށި ދަތުރުގައި މިހާރު ބާކީ އޮތީ އެންމެ އަށް ޓީމެވެ. އެއީ ގަދަ އަށެކެވެ. އަށް ޓީމުން ކުއާޓާއަށް ދަތުރުކުރުމުގައި އޮތީ ހިތްވަރާއި، ބުރަ މަސައްކަތެވެ. ޖޯޝާއި ފޯރިއެވެ. މުޅި ރަށް އެކީ އެކައްޗަށްވެގެން ދިން ލޯތްބެވެ. ދަނޑުގެ ވަށައިގެން ދިދަތަކާއެކު ކުރަމުން އައި ފޯރިގަދަ ސަޕޯޓެވެ. އެ ސަޕޯޓަރުންނާއެކު މިރޭ ޓީމުތައް ނުކުންނާނީ ސެމީގެ ޖާގައަކަށް އިންތިޒާރުގައެވެ.
ކ. ގާފަރާއި މާފަންނުގެ ކުރިމަތިލުން ވެގެންދާނީ ޓެކްޓިކަލީވެސް ރަނގަޅު ފައިޓަކަށެވެ. ދެޓީމުގައިވެސް ހުނަރުވެރި ކުޅުންތެރިން ތިބިކަން ގަދަ 16 ގެ މެޗުގައިވެސް ފެނިގެން ގޮސްފިއެވެ. ގާފަރުގެ އަލީ މާއިސް (މައްޓު) ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔުން ވެގެންދާނީ ގާފަރަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ގާފަރަށް ގަދަ 16 ނަގައިދިމުގައި މައްޓުގެ ދައުރު ބޮޑުކޮށް ފެނުނު އިރު، އެ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ފައްޔާޒު ފަޔާޒް (ފައިޓޯ) އަކީވެސް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ގާފަރުގެ ކުޅުންތެރިންގެ ހިތްވަރާ އެއްވަރަށް އެރަށުގެ ސަޕޯޓަރުންގެ ފޯރިވެސް ފެނެއެވެ. އެއީ ގާފަރުން ނެރޭ އެންމެ ބޮޑު ތަފާތެވެ. ކޯޗު ކަމުގައި ހުރީ ކުރީގެ ފުޓްސަލް ތަރި މުހައްމަދު އައްޒާމެވެ. ކުއާޓާގެ ވިސްނުމަށް އިންތިޒާރު ކޮށްލަމާ ހިނގާށެވެ.
ގާފަރާ ދެކޮޅަށް ނުކުންނަ މާފަންނުން މިހާތަނަށް މުބާރާތުގައި ދެއްކީ ޑިސިޕްލިން، އޯގަނައިޒްޑް، ކުޅުމެކެވެ. ގޯލްކީޕަރު އިބްރާހީމް ނާޖިހާއި ހަމައިން ގޮސް މުހައްމަދު ލިޔާހް އަދި ހުސައިން އަފްޒަލް (އޮޒިލް) ފަދަ ކުޅުންތެރިންގެ ބުރަ މަސައްކަތް މާފަންނު ޓީމުން މިހާތަނަށް ފެނިފައިވާ އިރު، ކޯޗު އަލީ އަރުޝަދު މެޗަށް ފުންކޮށް ވިސްނާނެކަން ޔަގީނެވެ. ފޯރިގަދަ މެޗަކަށް މެޗު ވެގެންދާނެއެވެ.
ދެޓީމުންވެސް މުބާރާތް ފެށީ ޒޯނުންނެވެ. މެޗަކަށްފަހު މެޗެއްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ކުރިއެރުމެވެ. އެއީ ދެޓީމުގެވެސް ސްޕެޝަލިޓީއެވެ. ހުޅުމާލެއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ގަދަ 16 ކަޑައްތުކޮށް ކުއާޓާ ފައިނަލާ ހަމައަށް އައިސްފައިވާ އިރު، ޓީމުގެ އެންމެ މުހިއްމު ލީޑަރަކީ ގޯލްކީޕަރު މުހައްމަދު ޒުހަލްއެވެ. އޭނާގެ ތަފާތު ގަދަ 16 ގައިވެސް ފެނިގެން ދިޔައެވެ. މާމިގިއްޔާ ދެކޮޅަށް ހުޅުމާލެއިން ކުޅުނު ގަދަ 16ގެ މެޗު ޕެނަލްޓީއަށް ގޮސް، އެ ޕެނަލްޓީ ޝޫޓްއައުޓްގައި ޒުހަލްގެ މޮޅު ދެ ސޭވެއްވެސް ފެނިގެން ދިޔައެވެ. މިހާތަނަށް މުބާރާތުގައި ހުޅުމާލެއިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޒުހަލްއެވެ.
އަނެއްކޮޅުން ނުކުންނަ މާލެގަންއަކީ ޓީމު ރޫހު ވަރުގަދަ، "ފައިޓިން ސްޕްރިޓް" ރަނގަޅު ޓީމެކެވެ. ގަދަ 16 ގައި ވަރުގަދަ ށ. ކަނޑިތީމު ކައިރީ 4-3 އިން މޮޅުވި އިރު، މެޗުގައި އެންމެ މުހިއްމު ކަމަކަށް ފެނުނީ މާލެގަންގެ ޖޯޝާއި ފޯރިއެވެ. ކުއާޓާއަށްވެސް މާލެގަންއިން ގެންނާނެ އެންމެ ބޮޑު ހަތިޔާރަކީ ޓީމުގެ ހިތްވަރެވެ.
ތ. ތިމަރަފުށި، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެފަހުގެ ޗެމްޕިއަނުން އަންނަނީ އެ ފެންވަރު މިފަހަރުގެ މުބާރާތުގައިވެސް ސާބިތު ކޮށްދެމުންނެވެ. އިބްރާހިމް އަސްވަދު (ގަބޭ) އާއި އިބްރާހީމް ސިނާހް (ސިނާ)، އިސްމާއީލް މުނީޒްގެ އިތުރުން އަލީ ޝިފާއު (ރޮނާ) އަދި އާދަމް ނާސިހު (އާދަންނާ) ފަދަ ކުޅުންތެރިންނާއެކު ތިމަރަފުށީގައި އޮތީ "ސްޓާރުން"ގެ ޓީމެކެވެ. ގަދަ 16 ގައި އއ. މަތިވެރިއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މަތިވެރިން ތިމަރަފުށި ކޮޅަށް ދެ ގޯލު ޖަހައި ގިނަ ބަޔަކު ސިއްސުވާލި ނަމަވެސް، ތިމަރައިން ފަހަތުން އެރީ ފެންވަރު ދައްކާލައިފައެވެ. ތިމަރަފުށިން ވަނީ އެ މެޗުގެ ފަހު ހާފުގެ 20 މިނެޓް ތެރޭގައި ހަ ގޯލު ޖަހައިފައެވެ.
ތިމަރަފުއްޓާ ދެކޮޅަށް ކުޅޭ ދުވާފަރަށް ބޭއިހުތިރާމު ކޮށްގެން ނުވާނެއެވެ. ކުއާޓާ ފައިނަލް މެޗުތަކުގެ ލިސްޓުން މި މެޗު ވަކިން ނެގެނީވެސް ދުވާފަރު އޮތް ވަރުގަދަ ފޯމާވެސް އެކުގައެވެ. މުހައްމަދު ޖުމާން (ސްޓާލިން)ގެ ތަފާތު ދުވާފަރު ޓީމުން ނުރައްކަލެއްގެ ގޮތުގައި ފެންނަ އިރު، ދުވާފަރަކީ ސަޕޯޓަރުންގެ ފޯރި ގަދަ ރަށެކެވެ. ރަށު ޓީމުގެ ލޯގޯ ޖެހި ދިދަތަކާއެކު ސަޕޯޓަރުން ގަދަ 16 އަށް ގޮސް "ކިކް"ގައި ސަޕޯޓް ދިންތަން ފެނުނެވެ. އެ ނަތީޖާ ދަނޑުމަތިން ޓީމުންވެސް ދެއްކިއެވެ. ދުވާފަރުން ގަދަ 16 ގައި ސ. ފޭދޫ ލަދު ގަންނަވާލިއެވެ. މުޅި ދަނޑު ފެނުނީ ގުގުމަމުން ދިޔަތެނެވެ.
ކުއާޓާ ފައިނަލްގައި ތިމަރަފުއްޓާއި ދުވާފަރު ނުކުންނަ އިރު، މުޅި ދަނޑު ގުގުމަމުން ދާނެކަން ޔަގީނެވެ. ދެޓީމުގެ ސަޕޯޓަރުންވެސް ރޫހުގައި ނުކުންނާނެކަންވެސް ޔަގީނެވެ.
ދ. ކުޑަހުވަދޫގެ ފެންވަރު އަތޮޅު ބުރުންނާއި ޒޯނު ބުރު، އަދި ގަދަ 16 އިން ފެނިގެން ގޮސްފިއެވެ. ކުޑަހުވަދޫން ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ވަރުގަދަ ހއ. އިހަވަންދޫ ކަޓުވާލިއެވެ. ޒޯން ބުރުގައި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުއްޓާވެސް އެއްވަރު ކުރިއެވެ. ޖުމައިލް ޖަމީލް (ޖުމްބެ) އާއި ނާއިފް ޝައުކަތު ފަދަ ކުޅުންތެރިންގެ ތަޖުރިބާއާއެކު މިފަހަރު ކުޑަހުވަދޫގެ އަމާޒުހުރީ ސީދާ ތަށްޓައްކަން ޔަގީނެވެ. ގައުމީ ފުޓްސަލް ޓީމުގެވެސް ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުން މިރޭ ކުޑަހުވަދޫ ނިކުންނާނީ އަޑުން އަޑުނަގައި ޓީމަށް ސަޕޯޓު ދެމުން އަންނަ ސަޕޯޓަރުންގެ ހައްގުގައި ސެމީ ޔަގީން ކުރުމަށެވެ.
ކުޑަހުވަދޫއާ ދެކޮޅަށް މިރޭ ނުކުންނަން އޮތީ ފުޓުބޯޅައާއި ފުޓްސަލްގެވެސް ލޭ ހިނގާ ބ. އޭދަފުއްޓެވެ. މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރަނަރަޕް ޓީމު އޭދަފުށި ބަލިކުރަން އަދިވެސް ފަސޭހައެއް ނުވާނެއެވެ. އޭދަފުށީގެ ސަޕޯޓަރުންނާއެކު އެޓީމުން ޓީމު ރޫހު މިހާތަނަށް މުބާރާތުގައި ދައްކާފައިވާ އިރު، މުހައްމަދު ފާސިރު (ފާއްޓޭ)އާއި ހަމްދާން އަބްދުލް ސައްތާރުގެ އިތުރުން އަޝްރަފް ޔޫސުފް (ސޮބީ) ފަދަ ކުޅުންތެރިންގެ ރޫހު ކަނޑުވާލަން ކުޑަހުވަދުއަށް އުނދަގޫވާނެއެވެ. ފޯރިގަދަ، ޓެކްނިކަލީ ރަނގަޅު މެޗަކަށް މެޗު ވެގެންދާނެއެވެ.