ކުޅިވަރު

އަތޮޅު ގުރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ، ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ހއ. އަތޮޅު ފައިނަލްގެ ދެވަނަ ޖާގަ، އިހަވަންދޫން ހޯދި އިރު، ހދ. އަތޮޅު ފައިނަލްގެ ދެވަނަ ޖާގަ ވައިކަރަދޫ، ށ. އަތޮޅު ފައިނަލްގެ ދެވަނަ ޖާގަ ކަނޑިތީމުން ހޯދައިފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ފުރަތަމަ ކުޅެމުން އަންނަނީ ހދ، ހއ އަދި ށ. އަތޮޅުގެ މެޗުތަކެވެ. އޭގެން ކޮންމެ އަތޮޅެއްގައިވެސް ހަ ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވެފައިވުމުން މެޗުތައް ކުޅެމުން އަންނަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ އަތޮޅަކުންވެސް ދެޓީމު ޒޯން ބުރަށްދާ އިރު، އަތޮޅު ޗެމްޕިއަން ހޮވަން ފައިނަލެއްވެސް ކުޅޭނެއެވެ.

ފައިނަލުގައި ވާދަކުރާނީ ދެ ގުރޫޕުގެ އެއްވަނަ ނަގައި ދެޓީމެވެ. ފައިނަލަށް ދާ ދެޓީމުވެސް ޒޯން ބުރަށް ކޮލިފައިވާނެއެވެ. ހއ އަތޮޅާއި ހދ، އަދި ށ އަތޮޅުގެ ގުރޫޕް ސްޓޭޖު މެޗުތައް މިހާރު ނިމިފައިވާ އިރު، ރޭ ކުޅުނީ އެ އަތޮޅުތަކުގެ ގުރޫޕް ދޭއްގެ ފަހު މެޗުތަކެވެ. އޭގެ ކުރީ ރޭ ގުރޫޕް އެކެއްގެ މެޗުތައް ނިމިފައިވާ އިރު، ހއ އަތޮޅުގެ ފައިނަލް، ހދ. އަތޮޅުގެ ފައިނަލް އަދި ށ. އަތޮޅު ފައިނަލްގައި ކުޅޭނެ ހަ ޓީމު މިހާރު ވަނީ ޔަގީންވެފައެވެ.

ތިން އަތޮޅުގެ ފައިނަލް މިމަހުގެ 27 ވާ އާދީއްތަ ދުވަހުގެ ރޭ

ހއ. އަތޮޅުގެ ފައިނަލް
20:15 ހޯރަފުށި - އިހަވަންދޫ

ހދ. އަތޮޅު ފައިނަލް
21:15 ވައިކަރަދޫ - ނާވައިދޫ

ށ. އަތޮޅު ފައިނަލް
22:15 ކަނޑިތީމް - މިލަންދޫ

ހއ. އަތޮޅުގެ ގުރޫޕް ދޭއްގެ ފަހު ދެ މެޗު ރޭ ކުޅެފައިވާ އިރު، އިހަވަންދޫން ފައިނަލް ޔަގީން ކުރީ 4-2 އިން މުރައިދޫ ބަލިކޮށްގެންނެވެ. މެޗުގައި އިހަވަންދޫގެ ގޯލުތައް އިބްރާހީމް ހާމިދާއި ހުސައިން ނަޝީދު އަދި ހަސަން ޝާމިލް ޖަހައިދިން އިރު، އިބްރާހީމް ހާމިދު ވަނީ ދެ ގޯލު ޖަހައިދީފައެވެ. މުރައިދޫގެ ދެ ގޯލު ޖަހައިދިނީ އިޔާން އަހުމަދު ރަޝީދާއި އަހުމަދު ނައުފަލެވެ.

އެ ގުރޫޕުގެ އެއްވަނައިގައި އިހަވަންދޫ ނުވަ ޕޮއިންޓާ އެކު އޮތީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ގުރޫޕު ސްޓޭޖުގައި ރޭ ކެލާއާއި ބާރަށް ވާދަކުރި މެޗު ނިމުނީ 4-4 އިން އެއްވަރު ވެގެންނެވެ.

ހދ. އަތޮޅު ފައިނަލްގެ ދެވަނަ ޖާގަ ވައިކަރަދޫން ރޭ ޔަގީން ކުރީ 7-4 އިން ނެއްލައިދޫ ބަލިކޮށްގެންނެވެ. ގުރޫޕުގައި ކުޅުނު ހުރިހާ މެޗަކުން ވައިކަރަދޫވެސް މޮޅުވެފައިވާ އިރު، ރޭގެ މެޗުގައި ގޯލުތައް ޖަހަދިނީ އަހުމަދު ރައުޝަންގެ އިތުރުން އަހުމަދު ސިފާއު އަދި އަލީ އަބްދުﷲ އެވެ. މެޗުގައި ރައުޝަން ހަތަރު ގޯލު ޖެހި އިރު، ސިފާއު ވަނީ ދެ ގޯލު ޖަހައިފައެވެ.

ހދ. އަތޮޅުގެ ގުރޫޕް ބީގައި ރޭ ކުޅުދުއްފުއްޓާއި މަކުނުދޫ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ށ. އަތޮޅު ގުރޫޕް ދޭއްގެ އެއްވަނަ ކަނޑިތީމުން ހޯދީ ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. ކުޅުނު ތިން މެޗުގައި ކަނޑިތީމުން 13 ގޯލު ޖަހައިފައިވާ އިރު، އެޓީމުން ގުރޫޕް ސްޓޭޖު ނިންމާލީ ކޮޅަށް ގޯލެއްވެސް ނުވައްދައެވެ. ގުރޫޕް ސްޓޭޖުގައި ކަނޑިތީމުން ކުޅުނު ފަހު މެޗުގައި ރޭ ފީވަށް ބަލިކުރީ 5-0 އިންނެވެ.

މެޗުގައި ކަނޑިތީމުގެ ގޯލުތައް ޖަހައިދިނީ އަހުމަދު ޒަމީމްގެ އިތުރުން އިސްމާއީލް ނިހާނާއި އަހުމަދު ޖައިލަމެވެ. ޒަމީމް ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. ށ. އަތޮޅު ގުރޫޕް ބީގައި ރޭ ކުޅުނު އަނެއް މެޗުގައި ށ. ގޮއިދޫން ވަނީ 6-0 ގެ ނަތީޖާއަކުން މަރޮށި ބަލިކޮށްފައެވެ. ކޯޗު އަހުމަދު ނިޔާޒް (ނިޔާ)އާއެކު މިފަހަރުގެ މުބާރާތަށް ނުކުތް ގޮއިދުއަށް މިއީ މާޔޫސީ ވަކިވުމެކެވެ. 2019 ވަނަ އަހަރުވެސް ސަޕޯޓަރުންގެ ތަފާތު ރޫހެއްގައި މޮޅަށް ކުޅުނު ގޮއިދޫ، އަތޮޅު ގުރޫޕުން ކަޓައިގެން ދާން ޖެހުން ވެގެން ދިޔައީ ތަފާތު ނަތީޖާއަކަށެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގދ. އަތޮޅާއި ކ. އަތޮޅު އަދި އއ. އަތޮޅުގެ މެޗުތަކެވެ. ގދ. އަތޮޅުން މުބާރާތުގައި ފަސް ޓީމު ބައިވެރިވެފައިވާ އިރު، އއ. އަތޮޅުންވެސް މުބާރާތުގައި ބައިވެރިވެފައި ވަނީ ފަސް ޓީމެވެ. ކ. އަތޮޅުން ހަ ޓީމު ބައިވެރިވެފައިވުމުން ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

މުބާރާތުގައި މިރޭ އޮންނަ މެޗުތައް

ގދ. އަތޮޅު

20:15 ހޯޑެއްދޫ - ތިނަދޫ
21:15 މަޑަވެލި - ވާދޫ

ކ. އަތޮޅު (ގްރޫޕް 1)

20:15 ހުރާ - ތުލުސްދޫ
21:15 ގުރައިދޫ - ގާފަރު

އއ. އަތޮޅު

22:15 ބޮޑުފުޅުދޫ - ފެރިދޫ
22:15 މަތިވެރި - ރަސްދޫ