ފީފާ ވޯލްޑް ކަޕް 2026 ގައި ކޮންމެ ހާފެއްގެ މެދުތެރެއިން ދޭން ފަށާފައިވާ ތިން މިނެޓުގެ "ހައިޑްރޭޝަން ބްރޭކް" ނުވަތަ ފެންބޯން ދޭ ހުސްވަގުތުކޮޅަކީ ފުޓުބޯޅައަށް އެއްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ފުޓުބޯޅައިގެ ސަގާފީ އަސްލު ގެއްލިގެންދާ ކަމަށް އުރުގުއާއީގެ ކޯޗު މާސެލޯ ބިއެލްސާ ބުނެފިއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މި މުބާރާތުގައި ފީފާއިން މި ބްރޭކް ތައާރަފުކުރީ މުބާރާތް ބާއްވާ ސިޓީތަކުގައި ހޫނުމިން އިންތިހާއަށް މަތިވުމުގެ ސަބަބުންނެވެ. ނަމަވެސް މި ނިންމުމާ މެދު ކުޅުންތެރިންނާއި ކޯޗުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މެޗެއް ހަތަރު ބަޔަށް ބެހިގެންދާ މި ބްރޭކްގެ އަސްލު ބޭނުމަކީ ބްރޯޑްކާސްޓަރުންނަށް އިޝްތިހާރު ދެއްކުމަށް ދެ މިނެޓަށް ވުރެ ދިގު ވަގުތުކޮޅެއް ހޯދައިދިނުމެވެ. މިއީ ފުޓުބޯޅައިގެ އަސްލު ސިފަތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ބިއެލްސާ ބުނީ، ދެ ހާފުގެ ބަދަލުގައި ހަތަރު ބަޔަށް ބަހާލައިގެން ކުޅުމަކީ ފުޓުބޯޅަ މާނަކުރުމަށް ސަގާފީ ގޮތުން ބިނާކޮށްފައިވާ ތަސައްވުރު ބަދަލުކޮށްލާ ކަމެއް ކަމަށެވެ.
"މި ސަގާފީ ބަދަލުން އެއްވެސް ކަމެއް އިތުރެއް ނުވޭ، އަދި ގިނަ ކަންތައްތަކެއް އުނިވެގެންދޭ. މި ނިންމުމުގެ ކުރިން ފުޓުބޯޅައިގައި އޮތީ އެހެން ސިފައެއް، މިހާރު އޮތީ މުޅިން އެހެން ސިފައެއް. މީހުން މި ކުޅިވަރާ ގަޔާވަނީ އޭގެ އަސްލު ސިފަތަކުގެ ސަބަބުން،" ބިއެލްސާ ބުންޏެވެ.
ވީއޭއާރް ފަދަ ޓެކްނޮލޮޖީތަކަށް ތައުރީފުކުރާ ކަމަށާއި އޭގެ ސަބަބުން ފުރުސަތުތައް ފަހިވާކަން ފާހަގަކުރަމުން އޭނާ ބުނީ، ފެންބޯން ދޭ ބްރޭކްތަކުގެ ފަހަތުގައި ވަނީ އެހެން މަގުސަދެއް ކަމަށާއި އެކަމާ ގުޅޭގޮތުން އޭނާ ދައްކާ ވާހަކަތަކަކީ ހަމައެކަނި އޭނާގެ އަމިއްލަ ހިޔާލެއް ނޫން ކަމަށެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އެޗް" ގައި އުރުގުއާއީ ދެން އެންމެ އަވަހަށް ކުޅޭނީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑްއާ ދެކޮޅަށެވެ. މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކުރި މެޗުގައި ކޭޕް ވާޑް އިން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައިފައެވެ.
ބިއެލްސާ ބުނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ސައުދީން ކުޅުނު ޑިފެންސިވް ގޭމުން އުރުގުއޭއިން ފިލާވަޅުތަކެއް ދަސްކުރާނެ ކަމަށެވެ. ސައުދީ މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް ފުރުސަތުތައް ތަނަވަސްކުރެވިފައި ނުވާކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް ދެވަނަ ހާފުގައި ޓީމުގެ ކުޅުން ހަލުވިވެ، ގިނަ ހަމަލާތަކެއް އުފެއްދި ކަމަށް އޭނާ ބުންޏެވެ.
ސައުދީ މެޗުގައި އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައިނުވާ އިރު، ފުރަތަމަ ހާފަށްފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ. ފުރަތަމަ ހާފުގައި އޭނާއަށް އުފެއްދުނީ އެންމެ ހަމަލާއެކެވެ. އުމުރުން 26 އަހަރުގެ ނުނޭޒް އުރުގުއާއީ ގައުމީ ޓީމަށް ކުޅުނު ފަހު 14 މެޗުގައި ވެސް ގޯލެއް ޖެހިފައިނުވާ އިރު، ކުރިއަށް އޮތް މެޗުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބިއެލްސާ ބުނީ މިއީ ކުޅުންތެރިޔާގެ އަމިއްލަ އިތުބާރާ ގުޅިފައިވާ މައްސަލައެއް ނޫން ކަމަށެވެ.
"ވޯލްޑް ކަޕްގައި ކުޅޭ އެއްވެސް ކުޅުންތެރިޔަކަށް އިތުރު މޯޓިވޭޝަނެއް ބޭނުމެއް ނުވާނެ. މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވުމަކީ އަމިއްލައަށް ވެސް ކުޅުންތެރިންނަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމެއް،" ބިއެލްސާ ބުންޏެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އެޗް" ގައި އުރުގުއާއީ އިން ކޭޕް ވާޑްއާ ދެކޮޅަށް ނުކުންނާނީ މިރޭ ދަންވަރު 3:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް