ވޯލްޑް ކަޕް 2026 ގައި ސްޕެއިނުން ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާ ބަލިކޮށް، ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.
ސްޕެއިން ގައުމީ ފުޓުބޯޅަ ޓީމަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ޓީމެވެ. މި ޓީމުން ވަނީ 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ސްޕެއިން ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން ބަލިވި ނަމަވެސް، ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނަ ހޯދައިގެންނެވެ. ސެމީ ފައިނަލުގައި ޖަރުމަން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ސްޕެއިނުން ޗެމްޕިއަންކަން ހޯދީ އިތުރު ވަގުތުގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.
ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ސްޕެއިނަކީ ޔޫރޯގެ އެންމެ ކާމިޔާބު ގައުމެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ. އެއީ 1964، 2008، 2012 އަދި އެންމެ ފަހުން 2024 ގައެވެ. ޖަރުމަނުގައި ކުޅުނު 2024 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކުރުމަށްފަހު، ސްޕެއިނުން ވަނީ ޔޫރަޕުގެ ފުޓުބޯޅައިގައި އެ ޓީމުގެ ބާރުވެރިކަން އަލުން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުމާއެކު، ސްޕެއިން ވެފައިވަނީ ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތް ކާމިޔާބުކުރި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ. އެ ކާމިޔާބީތަކާއެކު ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ޒުވާން ސްކޮޑަކާއެކު ފޭވަރިޓެއްގެ ގޮތުގައެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ފުޓުބޯޅަ ޓީމަކީ އޭޝިއާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް ހަތް ފަހަރު ސައުދީން ވާދަކޮށްފައިވާ އިރު، އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1994 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރުމެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޗެމްޕިއަން އާޖެންޓީނާ ބަލިކުރުމަކީ ފަހުގެ ތާރީހެއްގައި އެ ޓީމުން ހޯދި އެންމެ ފާހަގަކޮށްލެވޭ މޮޅެވެ.
ސަރަހައްދީ ފެންވަރުގައި ސައުދީން ވަނީ އޭއެފްސީ އޭޝިއަން ކަޕްގެ ތަށި 1984، 1988 އަދި 1996 ގައި އުފުލާލައިފައެވެ. އަރަބިއަން ގަލްފް ކަޕް ތިން ފަހަރު ކާމިޔާބުކޮށް، އަރަބި ކަޕް ދެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީތަކާއެކު ސައުދީ ޓީމު ވަނީ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ސާބިތުވެފައެވެ. ސައުދީން ފުޓުބޯޅައަށް ކުރަމުން އަންނަ ބޮޑެތި ހަރަދުތަކަކީ ގައުމީ ޓީމުގެ ކުރިއެރުމުގެ އެއް ސަބަބެވެ.
"ގްރޫޕު އެޗް" ގައި މީގެ ކުރިން ސްޕެއިނުން 0-0 ގެ ނަތީޖާއަކުން ކޭޕް ވާޑް އަތުން ވަނީ އެއްވަރުވެފައެވެ. އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑް އަތުން ސްޕެއިން އެއްވަރުވުމަކީ ވޯލްޑް ކަޕް ތާރީހުގަައި އެންމެ ހައިރާންކުރަނިވި އެއް ނަތީޖާއަށް ވެސް ވަނީ ވެގެން ގޮސްފައެވެ. އަދި ސައުދީގެ ފުރަތަމަ މެޗުގައި ސައުދީން ވަނީ އުރުގުއާއީ ހިފަހައްޓައިފައެވެ.
ސްޕެއިނުން މިރޭގެ މެޗަށް ނުކުތީ ބަދަލުތަކަކާއެކުއެވެ. އެގޮތުން މާކޮސް ލޮރެންޓޭ، ފަބިއަން ރުއިޒް، ގަވީ އަދި ފެރޭން ޓޮރޭސް މެޗު ފެށީ ބެންޗުންނެވެ. އޭގެ ބަދަލުގައި ފުރަތަމަ 11 އިން ޖާގަ ދީފައިވަނީ އެޓީމުުގެ ތަރި ލަމީން ޔަމާލް، ޕެޑްރޯ ޕެރޯ، އެލެކްސް ބައޭނާ އަދި ޑެނީ އޮލްމޯ އަށެވެ. ނީކޯ ވިލިއަމްސް މިރޭގެ މެޗު ވެސް ފެށީ ބެންޗުންނެވެ. ސައުދީން ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޑިފެންސިވް ކުޅުމަކަށް ވިސްނައި، އިތުރު ޑިފެންޑަރަކަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ. ސައުދީގެ ފުރަތަމަ މެޗުގައި ހީރޯއެއްގެ ގޮތުގައި ފާހަގަވި ކީޕަރު މުހައްމަދު އަލް އޮވައިސްގެ އިތުރުން ފޯވަޑުންގެ ގޮތުގައި ކެޕްޓަން ސަލީމް އަލް ދަވްސާރީ އަދި ފިރާސް އަލް ބުރައިކަންއަށް ވަނީ މިރޭގެ މެޗުގައި ވެސް ވަނީ ފުރުސަތު ދީފައެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެޗް" ގެ މެޗުގައި ސައުދީގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ސްޕެއިނުން މި މޮޅު ހޯދާފައިވާ އިރު، މިއަދަކީ ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ 65 ވަނަ އުފަންދުވަހެވެ.
މިރޭގެ މެޗު ވެސް ސްޕެއިނުން ފެށީ ވަރުގަދަ އެޓޭކިން ކުޅުމަކާއެކުއެވެ. މިރޭގެ މެޗުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަސްމީ ކުޅުމާއެކު ނުރައްކާކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ކޭޕް ވާޑް މެޗާ ހިލާފަށް ބޯޅަ ހިފަހައްޓައި އަވަސް އެޓޭކުތައް ކުރުމަށް މަސައްކަތްކޮށްފައިވެއެވެ.
މެޗުގެ ކުރީކޮޅުގައި ސައުދީއަށް ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ގިނަ ހުރަސްތަކެއް ދިފާއުކުރަން ޖެހިފައެވެ. އޭގެ އިތުރުން ޑެނީ އޮލްމޯ އާއި ލަމީން ޔަމާލް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާތަކަށް ވެސް ވަނީ ސަމާލުވާން ޖެހިފައެވެ.
މެޗުގެ ދިހަވަނަ މިނެޓުގައި ސްޕެއިންގެ ތަރި ލަމީން ޔަމާލް ވަނީ އެޓީމަށް ލީޑު ހޯދައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކޮށްދިނީ އަވަސް އެޓޭކެއްގައި މިކެލް އޮޔާޒަބަަލް ހުރަސްކޮށްލި ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސައުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން ވެސް ސްޕެއިނަށް ފުރުސަތެއް ލިބިގެންދިޔަ އިރު، ޔަމާލް ދިން ރީތި ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސް ބައޭނާއަށް ލިބުމުގެ ކުރިން ސައުދީގެ ކީޕަރު މުހައްމަދު އަލް އޮވައިސް ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދައިފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ސްޕެއިނުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. މިކެލް އޮޔާޒަބަލް ފޮނުވާލި އެ ބޯޅަ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސައުދީއަށް ކޯނަރެއް ރަނގަޅަށް ދިފާއު ނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ސައުދީގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިކެލް އޮޔާޒަބަލް އެވެ.
އޭގެ ތިން މިނެޓު ތެރޭ ސްޕެއިނުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ޑެނީ އޮލްމޯ ބޮލުން ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސައުދީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން އޮޔާޒަބަލް އެވެ.
މެޗުގެ 36 ވަަނަ މިނެޓުގައި ސައުދީ ކީޕަރު އަލް އޮވައިސްއަށް ހެދުނު ގޯހަކުން ސްޕެއިނަށް ފުރުސަތެއް ލިބިގެންދިޔައެވެ. އެ ގޯހާއެކު އޮޔާޒަބަލްއަށް ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސައުދީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ސްޕެއިން ތަރި ޔަމާލް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ސައުދީ ކީޕަރު އަލް އޮވައިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ވެސް ސްޕެއިނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހެޓްރިކް ފުރިހަމަކުރުމަށް އޮޔާޒަބާލްއަށް ފުރުސަތު ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ، ސައުދީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި ސްޕެއިނުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މާކް ކުކުރެޔާ ފޮނުވާލި ބޯޅަ، އަލް އޮވައިސް މަތަކުރުމާއެކު ގޯލުގެ ތެރެއަށް ބޯޅަ ވަދެފައިވަނީ ހަސަން ތަމްބަކްތީ ފައިގައި ޖެހި ބައިކޮޅަށެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ސްޕެއިނަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޕެޑްރޯ ޕޮރޯ ފޮނުވާލި ހަމަލާ އަދި ރީބައުންސް ބޯޅައިން ފެރާން ޓޮރޭސް ބޮލުން ފޮނުވާލި ހަމަލާ ވެސް ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފައެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ވެސް ސްޕެއިނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ހުސްކޮށް ހުރެ ވަނުމަށްފަހު ފޮނުވާލި ހަމަލާ ދިޔައީ ސައުދީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ސައުދީން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 82 ވަނަ މިނެޓުގައި ސްޕެއިންގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ނިކޯ ވިލިއަމްސް ނަގައިދިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ތަމްބަކްތީ ފައިގައި ޖެހި ބައިކޮޅަށް ވަންނަން ދަނިކޮށް، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްޕެއިންގެ ފެރާން ޓޮރޭސް، ސައުދީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ޕެނަލްޓީ އޭރިއާ ތެރޭގައި ފެރާން ޓޮރޭސް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
މި ނަތީޖާއާއެކު ސްޕެއިނުން ވަނީ ހަތަރު ޕޮއިންޓު ހޯދައި، ދެވަނަ ބުރުގެ އުންމީދު އާކޮށްފައެވެ. ސައުދީ އާއި އުރުގުއާއީ އަދި ކޭޕް ވާޑްއަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ނަމަވެސް އުރުގުއާއީ އާއި ކޭޕް ވާޑް، މިހާތަނަށް ކުޅެފައިވަނީ އެއް މެޗެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދަންވަރު 3:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް