ވޯލްޑް ކަޕް 2026 ގައި އީރާނުން ވަރުގަދަ ބެލްޖިއަމް ވެސް ހިފަހައްޓައިފިއެވެ.
ބެލްޖިއަމް ވަނީ 14 ފީފާ ވޯލްޑް ކަޕެއްގައި އަދި ހަ ޔޫއެފާ ޔޫރޯގައި ކުޅެފައެވެ. ފުރަތަމަ ރަން ޖީލުގައި ޔޫރޯ 1980 ގެ ފައިނަލަށް ގޮސް، 1986 ވޯލްޑް ކަޕްގައި ހަތަރު ވަނަ ހޯދިއެވެ. ދެ ވަނަ ރަން ޖީލުގައި 2015 ވަނަ އަހަރު ފީފާ ރޭންކިންގެ އެއް ވަނައަށް ފުރަތަމަ ފަހަރަށް އެރިއެވެ. 2018 ވޯލްޑް ކަޕްގައި ތިން ވަނަ ހޯދިއެވެ. އެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބެލްޖިއަމް ބަލިވީ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ.
އޭގެ ކުރިން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް 2014 ގައި ކުއާޓާ ފައިނަލަށް ވެސް ދަތުރުކުރިއެވެ. ކުއާޓާގައި ބެލްޖިއަމް ބަލިވީ އާޖެންޓިނާ އަތުންނެވެ. ދެ ވޯލްޑް ކަޕެއްގައި ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕް ބެލްޖިއަމަށް ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ.
މީގެ ކުރިން ވޯލްޑް ކަޕްގައި އިރާނުން ވަނީ ހަ ފަހަރު ވާދަކޮށްފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. ވޯލްޑް ކަޕްގައި ކާމިޔާބީތަކެއް ލިބިފައިނުވި ނަމަވެސް، ވޯލްޑް ކަޕްގެ ތިން މެޗަކުން ވަނީ މޮޅުވެފައެވެ. އެއީ 1998 ގެ ވޯލްޑް ކަޕްގައި އެމެރިކާ އަތުން، 2018 ގައި މޮރޮކޯ އަތުން އަދި 2022 ގައި ވޭލްސް އަތުންނެވެ.
އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕަށް ބަލައިލާ އިރު، އިރާނުން ވަނީ ގަދަ 16 އަށް ވާދަކޮށްފައެވެ. އިރާންގެ އެ ހުވަފެންތަކަށް ނިމުމެއް އައިސްފައިވަނީ، ގްރޫޕުގެ ފަހު މެޗުގައި 1-0 ގެ ނަތީޖާއަކުން އެމެރިކާ އަތުން ބަލިވުމާ ގުޅިގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އިރާނުން ޖެހިޖެހިގެން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އިރާނަށް ހާއްސަކަމެއް ދެވިފައިވަނީ، އެމެރިކާ އާއި އިރާނާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުންނެވެ. އެ ހަނގުރާމައާ ގުޅިގެން އިރާނަށް އެމެރިކާއިން ވިސާ ނުލިބުމާއި، މެކްސިކޯގައި ކޭމްޕްކުރުމަށްފަހު މެޗުތަކަށް އެމެރިކާއަށް ދަތުރުކުރަން ޖެހުމާއި، އެމެރިކާ ސްޓޭޑިއަމްތަކަށް އިރާން ސަޕޯޓަރުންނަށް ނުވަދެވުން ފަދަ ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
"ގްރޫޕު ޖީ" ގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން މިސްރު އަތުން ވަނީ އެއްވަރުވެފައެވެ. އަދި އިރާނުން ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒިލޭންޑް އަތުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
މިރޭގެ މެޗަށް ބެލްޖިއަމުން ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ބެލްޖިއަމްގެ އެޓޭކުން ރޮމެލޫ ލުކާކޫއަށް ފުރުސަތު ދިނުމެވެ. އޭގެ އިތުރުން ޖެރެމީ ޑޯކޫ ބަލިވެ އުޅޭތީ ސްކޮޑުގައި ނުހިމެނޭ އިރު، އެލެކްސިސް ސާލްމޭކާސްއަށް ވަނީ ފުރުސަތު ދީފައެވެ. ކީޕަރު ތިބޯ ކޯޓުވާ، ކެވިން ޑި ބްރޭނާ، ލިއާންޑްރޯ ޓްރޮސާޑް، ކެޕްޓަން ޔޫރީ ޓިލެމަންސް އަދި ތީމަސް މުނިއޭއަށް މިރޭގެ މެޗުން ވެސް ވަނީ ފުރުސަތު ދީފައެވެ.
އީރާނުން މިރޭގެ މެޗަށް ނުކުތީ ބަދަލުތަކާއެކުއެވެ. ނަމަވެސް އެޓީމުގެ މުހިންމު ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ މެހްދީ ތަރޭމީ، ސަމަން ގޮދޯސް، ސައީދް އެޒަތޮލާހި، ރަމިން ރެޒަޔާން، އެހްސާން ހަޖްސާފީ އަދި ގޯލްކީޕަރު އަލީރެޒާ ބެއިރަންވާންޑްއަށް ފުރަތަމަ 11 ގައި ހިމެނުނެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި ބެލްޖިއަމާއި އީރާނުން މިރޭ ކުޅުނު "ގްރޫޕު ޖީ" ގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ބްލެޖިއަމްގެ ނުރައްކާ ފެނިގެންދިޔައެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ރޮމެލޫ ލުކާކޫއަށް ލިބުމުގެ ކުރިން އީރާނުގެ ކީޕަރު އަލީރެޒާ ބެއިރަންވާންޑް ވަނީ ދިފާއުކޮށްފައެވެ. އެ ބޯޅައަށް މަސައްކަތްކުރުމުގެ ތެރޭގައި ކީޕަރު ބެއިރަންވާންޑްއަށް ލުކާކޫ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ލުކާކޫއަށް ވަނީ ރީނދޫ ކާޑު ދައްކައިފައެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި ބެލްޖިއަމްގެ އިތުރު ނުރައްކަލެއް ފެނިގެންދިޔައެވެ. ޓްރޮސާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑި ބްރޭނާ ފޮނުވާލި ހަމަލާ، އީރާނުގެ ޑިފެންސުން ބްލޮކް ކުރި އިރު، ރީބައުންސް ބޯޅައިން މެކްސިމް ޑި ކައިޕާ ފޮނުވާލި ހަމަލާ، ކީޕަރު ބައިރަންވާންޑް ވަނީ މަތަކޮށްފައެވެ.
މެޗުގެ 14 ވަނަ މިނެޓުގައި އީރާނުން ލީޑު ހޯދުމާ ގާތަށް ޖެހިލިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އީރާންގެ ހުސެއިން ކަނާނިޒަޑެގަން ރީތިކޮށް ފޮނުވާލި ހަމަލާ، ބެލްޖިއަމް ކީޕަރު ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މުޅި ޓީމު ކުރިއަށް ޖެހި ވަރުގަދަ އެޓޭކުތަކެއް ކުރަމުންދޔަ ބެލްޖިއަމުން މެޗުގެ 22 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޓިލެމަންސް ފޮނުވާލި ބާރު ހަމަލާ، އީރާންގެ ކީޕަރު ބެއިރަންވާންޑް ވަނީ މަތަކޮށްފައެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އީރާންގެ ރަމިން ރެޒަޔާން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެހްދީ ތަރޭމީ، ބެލްޖިއަމްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. ނަމަވެސް ރެފްރީ ނިންމީ ތަރޭމީ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
މެޗުގެ 44 ވަނަ މިނެޓުގައި ބެލްޖިއަމަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޓިލެމަންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑި ކައިޕާ ފޮނުވާލި ހަމަލާ، އީރާންގެ ކީޕަރު ބެއިރަންވާންޑް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލު ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ބެލްޖިއަމުން ވަނީ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑި ބްރޭނާ ފޮނުވާލި ހަމަލާ، އީރާން ޑިފެންޑަރު ޝޮޖޭ ކަލިލްޒަދޭ ވަނީ ބްލޮކްކޮށްފައެވެ. އޭގެ ފަހުން ކޯނަރަކުން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސާލްމޭކާސް ފޮނުވާލި ހަމަލާ އީރާންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ވެސް ބެލްޖިއަމުން ހަމަލާއެއް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑި ކައިޕާ ފޮނުވާލި ބާރު ހަމަލާ ވެސް އީރާން ޑިފެންޑަރު ކަލިލްޒަދޭ ވަނީ ބްލޮކްކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އީރާންގެ ތަރޭމީ ފޮނުވާލި ހިތްގައިމު ބޯޅަ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 58 ވަނަ މިނެޓުުގައި އީރާން ކީޕަރު ބެއިރަންވާންޑްގެ މޮޅު ސޭވްއެއް ފެނިގެންދިޔައެވެ. ގޯޅު ކުރިމަތީ ހުސްކޮށް ހުއްޓައި ޑި ކަޕިއާއަށް ލިބުނު ބޯޅައިން ފޮނުވާލި ހަމަލާ، ބެއިރަންވާންޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ބެލްޖިއަމަށް އުނދަގޫކަމާ ކުރިމަތިލާން ޖެހުނީ މެޗުގެ 67 ވަނަ މިނެޓުގައި ބެލްޖިއަމް ޑިފެންޑަރު ނޭތަން އެންގޯއީއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް އެ ރަތް ކާޑު ދެއްކީ ބޯޅަ ގެއްލުމާއެކު ތަރޭމީ އެ ބޯޅައާއެކު ކުރިއަށްދާން މަސައްކަތްކުރުމުން ކުރި ފައުލާ ގުޅިގެންނެވެ.
ރަތް ކާޑު ދެއްކުމާއެކު ބެލްޖިއަމްގެ އެޓޭކު ވަރަށް ބޮޑަށް ދަށްވެ، އިރާނުން ކުރިއަށް ޖެހި މަސައްކަތްތައް ކުރަމުންދިޔައެވެ. ނަމަވެސް ފުރުސަތުތައް ތަނަވަސްކުރުމަށް އީރާނަށް އުނދަގޫތައް ކުރިމަތިވިއެވެ.
މެޗުގެ 81 ވަނަ މިނެޓުގައި އީރާނުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޑި ބްރޭނާ އަތުން ގެއްލުނު ބޯޅައަކުން، ޕެނަލްޓީ އޭރިއާ ބޭރުން ސައީދް އެޒަތޮލާހި ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފިއެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ބެލްޖިއަމަށް ލީޑު ހޯދުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޑި ކައިޕާ ފޮނުވާލި ހަމަލާ އީރާން ކީޕަރު ބެއިރަންވާންޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޑޮޑީ ލުކަބެކިއޯ ފޮނުވާލި ހަމަލާ ދިޔައީ އީރާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މި ގްރޫޕުގެ ދެވަނަ މެޗުތަކާ ހިސާބަށް ދިޔަ އިރުވެސް، ހުރިހާ ޓީމަކަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި މެޗާއެކު ބެލްޖިއަމާއި އީރާނަށް، ކޮންމެ ޓީމަކަށް ދެ ޕޮއިންޓު ވަނީ ލިބިފައެވެ. މި ނަތީޖާއާ ގުޅިގެން ބެލްޖިއަމް އަދި އީރާނުން ވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ފަހު މެޗުން މޮޅުވާން މަޖުބޫރުވާނެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް