މިސްރުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި އަދި ކެޕްޓަން މުހައްމަދު ސަލާހާއި ޓީމާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތައް، އެ ޓީމުގެ ކޯޗު ހޮސާމް ހަސަން ދޮގުކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ސަލާހު ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ނުވަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި، އިމާމް އަޝޫރް ޖެހި ގޯލު ކާމިޔާބުކުރުމަށް އެހީތެރިވެދީފައިވަނީ ވެސް ސަލާހެވެ. އެ މެޗުގެ 76 ވަނަ މިނެޓުގައި ސަލާހު ބަދަލުކޮށް، އޭނާގެ ބަދަލުގައި އުންމީދީ ޒުވާން ކުޅުންތެރިޔާ ހަމްޒާ އަބްދުލްކަރީމް ވަނީ ކުޅެން އަރުވައިފައެވެ.

"ގްރޫޕް ޖީ" ގައި މިސްރާ ދެކޮޅަށް ނުކުންނަ ނިއު ޒިލޭންޑުން ވެސް މުބާރާތް ފަށާފައިވަނީ އެއްވަރުވެގެންނެވެ. ނިއު ޒިލޭންޑުން އީރާނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާތަކާއެކު، ދެވަނަ މެޗަށް ނުކުންނައިރު ގްރޫޕްގެ ހާލަތު އޮތީ ވަރަށް ހަމަހަމަކޮށެވެ. މިސްރާއި ނިއު ޒިލޭންޑުން ވެސް އަމާޒު ހިފާފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެ ގައުމުތަކުގެ ފުރަތަމަ މޮޅު ހޯދައި، މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކުރުމަށެވެ. މިއީ މިސްރުން ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ހަސަން ބުނީ، ސަލާހަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާއާއެކު ތިބި 26 ކުޅުންތެރިންނަކީ ވެސް ހަމަ އެހާމެ މުހިންމު ކުޅުންތެރިން ކަމަށެވެ.

"އަހަންނާއެކު މަސައްކަތްކުރާ ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގޭނެ އަހަރެން ކަންކަން ކުރާނީ ޕްރޮފެޝަނަލްކޮށްކަން. ވަކި ކުޅުންތެރިއަކަށް ތަފާތުކުރުމެއް ނުގެންގުޅެން،" ހަސަން ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ސަލާހަކީ އެހެން ކުޅުންތެރިންނަށް އެހީތެރިވެދޭ، އަހުލާގު ރަނގަޅު ނަމޫނާ ކުޅުންތެރިއެކެވެ.

ބެލްޖިއަމް މެޗުގައި ސަލާހު ބަދަލުކުރުމާ ގުޅޭގޮތުން ހަސަން ބުނީ، ފުރަތަމަ އެގާރައިގައި ކުޅުނަސް ނުވަތަ ބަދަލުކުރި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި އެއީ އޭނާގެ ދައުރު ކަމަށެވެ. އަދި އޭނާ މަސައްކަތްކުރަނީ މުޅި ޓީމުގެ ފައިދާއަށްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށް ކޯޗު ބުންޏެވެ. ތަރިންނާއި ޓީމުތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކޮށް ހަސަން ބުނީ، އޭނާ ނިންމާ ނިންމުންތަކަށް އެންމެ ފުރަތަމަ އާނބަސް ބުނާނެ ކުޅުންތެރިއަކީ ވެސް ސަލާހު ކަމަށެވެ.

ކުރިއަށް އޮތް މެޗާ ގުޅޭގޮތުން ހަސަން ބުނީ، އެފްރިކާގެ ފުޓުބޯޅައިގައި ޒަމާނުއްސުރެ އޮންނަ ހުނަރުވެރިކަން ދައްކާލައި، ރަނގަޅު ނަތީޖާއެއް ނެރުމަށް ބޭނުންވާ ކަމަށެވެ. "ފުރަތަމަ މެޗުން އަހަރެމެން އެއްވަރުވީ. ދެން ބޭނުންވަނީ މޮޅުވެގެން ޕޮއިންޓްތައް ކަށަވަރުކުރަން. މިއީ މެޗަށް އަހަރެމެންގެ އަމާޒު. އަދި މިއީ މިސްރުގެ ރައްޔިތުންނާއި، މިސްރުގެ ފުޓުބޯޅަ އަދި މުޅި އެފްރިކާގެ ފުޓުބޯޅައިގެ ވެސް އަމާޒު،" ހަސަން ބުންޏެވެ.

ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ޖީ" ގައި މިސްރުން ނިއު ޒިލޭންޑާ ދެކޮޅަށް ނުކުންނާނީ މާދަމާ ހެނދުނު 6:00 ގައެވެ.