މާލޭ ސިޓީގެ ރައްޔިތުންނަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައްކަވަނީ ހިޔާލީ ވާހަކަފުޅުތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ ތިން ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 0100 ގޯތި، އަދި ގުޅިފަޅުން 2000 ގޯތި ދެއްވާނެ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވެފައިވަނީ ގިރާވަރު ފަޅު ހިއްކައިގެން ވެސް މާލޭ ރައްޔިތުންނަށް 2000 ގޯތި ދެއްވާނެ ކަމަށެވެ.
ރައީސްގެ އެ ވާހަކަފުޅުތަކާ ގުޅިގެން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ރޭ ވިދާޅުވީ، ފާއިތުވި ތިން އަހަރު ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތައް ތަފާތުވެފައިވާ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ ބަޔާން ތަފާތުވެފައިވަނީ، ސަރުކާރުން ނުވަތަ ރައީސް މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަސްޓެއިނަބަލް ޕްލޭނެއް ނުގެންގުޅޭތީ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ މިއަހަރު ރައްޔިތުން މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ހިޔާލީ ވާހަކައެއް ކަމަށެެވެ. އަދި އެގޮތަށް ރައީސް ހިޔާލީ ވާހަކަފުޅުތައް ވިދާޅުވީ، ރިޔާސީ ބަޔާނުގައިވާ ހުރި ވާހަކަތަކަކީ ރައީސް އަރިހުގައި އުޅުއްވާ ބޭފުޅަކު ލިޔުއްވާފައިވާ ރިޔާސީ ބަޔާނަކަށްވުމުން ކަމަށެވެ. އަދި ވިދާޅުވީ އެއީ ހިޔާލީ ވާހަކަތަކަށްވުމުން ރިޔާސީ ބަޔާނުގައިހުރި ކަންކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ކިބައިގައި އަމިއްލަފުޅަށް ކަންކަން ކުރެވޭ ފެންވަރު ހުރިނަމަ އެމަނިކުފާނު އަމިއްލަފުޅަށް ކަންކަން ކޮށްދެއްވައި އެކަން އިއުލާނުކުރާއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ފެންނަނީ އަރިހުގައި އުޅުއްވާ ބެފުޅުން ދައްކަވާ ހިޔާލީ ވާހަކަފުޅުތައް ރައީސް ރައްޔިތުންނަށް ވައުދުވަމުން އަންނަ މަންޒަރުކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ހުޅުމާލެ އާއި ގުޅިފަޅުގައި ހިންގާ ހައުސިން މަޝްރޫއުތަކުން މާލޭ ރައްޔިތުންނަށް 5000 ގޯތި ދޫކުރަން ސަރުކާރު ލަދު ގަންނަން ޖެހޭނެ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ، ހުޅުމާލޭ ފޭސް ދެއަކުން ބިން ވިއްކުމަށް މާލޭ ރައްޔިތުންނަށް 4000 ގޯތި ސީސައިޑުން ވިއްކޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލެ ފޭސް އެކަކުން 500 ގޯތި ދެވެން އެބަހުރި ކަމަށެވެ.
ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 10،000 ގޯތި ދެވޭނެ ކަމަށާއި، ގުޅިފަޅު އެއްކޮށް ހިއްކައިގެން މާލޭ ރައްޔިތުންނަށް 10،000 ގޯތި ދެވޭނެކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ގުޅިފަޅުގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޕޯޓެއް ހެދުމުގެ މަޝްރޫއު ތިލަފުއްޓަށް ބަދަލުކޮށްފިއްޔާ ގުޅިފަޅުން މާލޭ ރައްޔިތުންނަށް 25،000 ފްލެޓް ދެވި ގުޅިފަޅަކީ ރެސިޑެންޝިއަލް ޓައުނަކަށް ހެދޭނެކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު އިއުލާނުކުރައްވައި އެޅި ބިންގާ މިހާރު ފެންނަން ނެތް ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ހުއްޓާލަން ޖެހުނީ ފައިނޭންސް ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ހައުސިން މަޝްރޫއުތަކައް ފައިނޭންސް ހަމަޖެހިފައި ނުވާ ކަމަށާއި، ސަރުކާރުން ހައުސިން މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދިން 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ކަމަށްވިޔަސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ހައުސިން މަޝްރޫއުތަކުގެ ވާހަކަ ކްރެޑިޓު ފެސިލިޓީގައި ނެތް ކަމަށެވެ.
ގިރާވަރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމެންޓު ބޭންކު (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން ދިރާސާ ޕްލޭނެއް ތައްޔާރުކޮށްފައިވާކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުން 12 މިލިއަން ހަރަދުކޮށް އަނެއްކާވެސް ގިރާވަރުން ގޯތި ދިނުމަށް ބޭރު ބަޔަކާ ގުޅިގެން ދިރާސާ ޕްލޭނެއް ކޮށްފައިވާ ކަމަށެވެ. ބޭރު ބަޔަކާ ހަވާލުކޮށްގެން ހެދުވި އެ ދިރާސާ ޕްލޭންގައި ވެސް ވަނީ ކުރިން ތައްޔާރުކުރި ދިރާސާ ޕްލޭންގައި ހުރި ކަންކަންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުން އެގޮތަށް ކަންތައްކުރަނީ ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ކްރެޑިޓް ނަގަން ކަމަށާއި އެގޮތުން 2017 ގައި ހުޅުމާލެ ފޭސް ދޭއްގައި އަޅަން ފަށާފައިވާ ހައުސިން ޓަވަރުތަކެއްގެ ނަން ވިނަރެސްއަށް ބަދަލުކޮށް ކްރެޑިޓު ނަގަމުން އަންނަކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު