އެޗްޑީސީއާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމާއި، ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ވީ މި އެއްބަސްވުމުގެ ދަށުން، އެޗްޑީސީއާއި ސީޑްސް ގުޅިގެން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، އިޖުތިމާއީ އަދި ތައުލީމީ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މަސައްކަތަށް ސީޑްސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި ފަހުމުނާމާގެ ދަށުން ވަނީ އެއްބަސްވެފައެވެ.

އެ ދެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ވޮލެންޓިއަރުން ބައިވެރިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އެކި ހަރަކާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ އަމާޒަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކޮށް، ހުޅުމާލޭގެ ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.