ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު މަޖިލީހަށް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ.

މި ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން ކޮމިޓީން ނިންމާފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށެވެ. އެހެންކަމުން މި ބިލަށް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 30 ނޮވެމްބަރުވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ފޮނުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ބިލު ހުށަހެޅި ބޭނުމެއް ކަަމަށް ބިލުގައި ބުނެފައިވަނީ، ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމާއި ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ބިލުގައި އާންމުގޮތެއްގައި ހިމެނެނީ، ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ލިބޭ އިހުތިޔާރު ފުޅާކުރުމަށް ގެންނަ ބަދަލުތަކެކެވެ. އެގޮތުން، ހާމަކުރަން ނުޖެހޭ މައުލޫމާތާއި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުގައި ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކަށް އޮންނަ އިހުތިޔާރުތައް ބިލުގައި ވަނީ ވަކިވަކިކޮށް، ތަފްސީލުކޮށްފައެވެ.

މި ބިލުގައި ހެކި ރައްކާތެރިކުރުމާއި މައުލޫމާތު ސިއްރުކުރުމުގައި އެންމެ ބޮޑަށް ފުޅާކޮށްފައިވަނީ ދައުލަތަށް ލިބޭ އިހުތިޔާރުތަކެވެ.

މިހާރު ގާނޫނު އޮންނަގޮތުން ދައުލަތުން ހާމަކުރަން ނުޖެހޭ މައުލޫމާތުތަކުގެ ގޮތުގައި އޮންނަނީ، ތަހުގީގީ އިދާރާތަކުގެ އެކަނި ބޭނުމަށް ތައްޔާރުކުރާ ރިޕޯޓު ފަދަ ލިޔުންތަކާއި ސަރުކާރުގެ މުވައްޒަފަކަށް، ވަކީލަކަށް އަދި ހެކިވެރިޔަކު ނުވަތަ ހެކިވެރިޔަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާންތައް ފަދަ ތަކެއްޗެވެ.

ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅޭ ހާލަތްތަކުގައި، ކޯޓަށް ލިބިދޭ އިހުތިޔާރުގެ ދަށުން މިހާރު އެ އިހުތިޔާރު ލިބެނީ އެއްވެސް މީހަކަށް ޖިސްމާނީ ނުވަތަ އެކަށީގެންވާ ބޮޑު އިގުތިސާދީ ގެއްލުމެއް ލިބުން، މަޖުބޫރު ކުރުން، ތަހުގީގަށް ހުރަސް އެޅުން، ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން ނުވަތަ ހަލާކުކޮށްލުން ނުވަތަ ގެއްލުވާލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައެވެ.

މި ބިލުގައި ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި ދައުލަތުގެ ހެކި ސިއްރުކުރުމާއި ރައްކާތެރިކުރުމުގެ އިތުރު ހާލަތްތަކެއް ވަނީ ހިމަނައިފައެވެ.