ޖިންސީ ފުރައްސަރާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުން ސާފުވީ ދައުލަތުން ގޯހަކަށްފަހު ގޯހެއް ހަދަމުން ދިޔަ ކަމެވެ. އެއާއެކު ސަރުކާރުން ކުރިމަތިލާން ޖެހުނީ ފާޑު ކިޔުންތަކުގެ އޮއިވަރަކާއެވެ.

ރާއްޖެއިން ކޮވިޑު-19 ފެނުމާއެކު މާލެ ލޮކްޑައުންކުރިއެވެ. ލޮކްޑައުންގައި، މާގިރި ހޮޓަލުގެ ދެ ބުރިއެއް ސަރުކާރުން ކުއްޔަށް ނެގިއެވެ. އޭގެ ތެރެއިން އެއް ބުރީގައި ތިބީ އަލީ ވަހީދާއި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނެވެ. އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 2020 ޖުލައި 8 ވަނަ ދުވަހު ކުރެވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ އިސްތިއުފާ ދިނުމަށެވެ. އިސްތިއުފާ ދޭން ދެކޮޅު ހެދުމުން ރައީސް ވަނީ 2020 ވަނަ އަހަރުގެ 20 ވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކޮށްފައެވެ. އިސްތިއުފާ ދޭން އެންގެވުމާ ހަމަޔަށް ކަންކަން ދިޔައީ އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސް އޮފީހަށް ދިޔަ މުވައްޒަފުންތަކަކާ ރައީސް ސޯލިހުގެ ބައްދަލުކުރެއްވުމަށްފަހު އެވެ.

ފުލުހުން އަލީ ވަހީދުގެ މައްސަލަ ބަލަން ފަށާފައިވަނީ 2020 އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ހަމަ އެހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ހަމަ އެ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުންވެސް މަނާކޮށްފައެވެ. ޖުލައި 19 ވަނަ ދުވަހު އަލީ ވަހީދު ފުލުހަށް ހާޒިރުވެ ވަނީ ބަޔާން ދެއްވައިފައެވެ. ފުލުސް އޮފީހުން ނުކުމެ އަލީ ވަހީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. އަދި އެއީ ސިޔާސީ ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.

ފުލުހުން ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ 2020 އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭހަށް ދާން ޖެހޭ ކަމަށް ބުނެ ކޯޓަށް ހުށަހެޅުމުން 2021 ފެބްރުއަރީ 10 ވަނަ ދުވަހު ކޯޓުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައިފައެވެ. ޕާސްޕޯޓު ދޫކުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރު ވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނެއެވެ.

ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމާއެކު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށާއި ސަރުކާރަށް ޖެހުނީ ފާޑު ކިޔުންތަކާ ކުރިމަތިލާށެވެ.

ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމުން އެނގެނީ އަލީ ވަހީދުގެ މައްސަލައިގައި ދައުލަތް ކުޑަކަކޫ ޖެހި ކަމެވެ. ގޯހަކަށް ފަހު ގޯހެއް ހެދިކަން ހުކުމުން ވަނީ ސާފުވެފައެވެ. ޖިންސީގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް އަލީ ވަހީދު، ޝަރީއަތް ފެށުމާ އެކު ބޭރަށް ފުރާވަޑައިގަތީއެވެ. އެނގުނީ އެނބުރި ވަޑައި ނުގަންނަވާނެ ކަމަށް އޭރު ތުހުމަތުކުރި ކޯޓުތަކުން އަމަލުކުރަމުން އައި އުސޫލްތައް މުގުރާލުމަށް ފަހު ބޭސްފަރުވާގެ ނަމުގައި އޭނާ ފޮނުވާލިކަމެވެ.

މިއީ އަލީ ވަހީދު ދައުވާތަކުން ސަލާމަތްކޮށްދިނުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރިއެވެ. އެ ތުހުމަތަށް ބާރު ލިބެނީ، ދައުލަތަށް ބާރު ނުފޯރުވޭ ހިސާބުގައި ހުރި އަލީ ވަހީދާ ގުޅޭ ގޮތުން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުންނެވެ. މި މައްސަލައިގައި ފޮރުވިފައި ހުރި އެތައް ކަމެއް ހައި ކޯޓުގެ ހުކުމުން ވަނީ ފަޅާ އަރައިފައެވެ. ދައުލަތުން މައްސަލައިގައި ފަރުވާކުޑަ ކުރި މިންވަރު ހުކުމުގައި ވަނީ ކިޔައީދީފައެވެ.

  • ހައި ކޯޓުން ކުރި ހުކުމް

އަލީ ވަހީދުގެ މައްސަލައިގައި ފަރުވާކުޑަކުރި ކަމަށް އެއް މިސާލަކަށް ހުކުމުގައި ބުނެފައިވަނީ، ނުބައި ޕާސްޕޯޓެއް ހިފަހައްޓަން ފުލުހުންނާއި ޕީޖީ އޮފީހުން އެތައް މަސް ދުވަހެއް ބޭކާރު ކުރުމެވެ. މިއީ ނޭނގި ތިބެ ކުރިކަމެއް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ނުދެކެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ހިމެނެނީ މުހިންމު ތިން ނިންމުމެކެވެ. އެއީ އޭނާގެ ޕާސްޕޯޓު އެއް އަހަރަށް ހިފަހައްޓަން ކުރިމިނަލް ކޯޓުން ފުރަތަމަ ނެރުނު އަމުރާއި، މީހަކު ޖާމިނުކޮށްފައި ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލަން ނެރުނު އަމުރާއި، އެ މުއްދަތު ހަމަވުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދުމުން ޕާސްޕޯޓު ނުހިފަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ.

ހައި ކޯޓުގެ ހުކުމުން އެނގެނީ އެ ތިން ނިންމުމަކީ ވެސް ބޭކާރު ގޮތުގައި ކުރި މަސައްކަތެއްކަން ކަމެވެ. ދައުލަތުގެ ވަގުތާއި ވަސީލަތްތަކުގެ ވަރަށް ބޮޑަށް އިސްރާފު ވުމެކެވެ. އެއީ އެ ތިން ނިންމުމަކީ ވެސް އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރުމުން ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހިފަހެއްޓުމާއި ދޫކުރުމާ ގުޅޭ ނިންމުންތަކެއްކަމަށް ހުކުމުގައި ބުންޏެވެ. ފުލުހުން އެދިގެން ކުރިމިނަލް ހިފެހެއްޓީ ވެސް ކެންސަލްކޮށްފައިވާ ޕާސްޕޯޓެވެ. އަދި ހަތަރު މަހުގެ މުއްދަތު ހަމަވުމުން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ވެސް ހަމަ އެ ޕާސްޕޯޓު ހިފަހައްޓާށެވެ. ޕާސްޕޯޓު ނުހިފަހައްޓަން އެ ކޯޓުން ނިންމުމުން ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އެދުނީ ވެސް ހަމަ އެ ޕާސްޕޯޓު ހިފަހައްޓާށެވެ.

"އަލީ ވަހީދު ރާއްޖެއިން ފުރުމުގެ އެތައް ދުވަހެއް ކުރިން ކެންސަލް ކުރެވިފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތެވެ. އަދި ކެންސަލް ކުރެވިފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ވެސް ނެތެވެ" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ މިއީ ދައުލަތުން "ކަމަކަށް ކަމެއް" ކުރުން ކަމަށެވެ. ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވެސް ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކުރި މަސައްކަތަކީ "ސީރިއަސް ނަތީޖާއެއް ނެރުމުގެ މަގުސަދެއްގައި" ކުރަމުންގެންދިޔަ މަސައްކަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކުރިމިނަލް ކޯޓުން ހިފެހެއްޓީ އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޕާސްޕޯޓެވެ. އަދި ފަހުން ދޫކުރީ ވެސް ހަމަ އެ ޕާސްޕޯޓެވެ. އަލީ ވަހީދު ފުރައިގެން ދިޔައީ ޕާސްޕޯޓު ދޫކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުގެ އެއް ދުވަސް ކުރިންނެވެ.

"އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައި އޭނާ ފުރުން މަނާކޮށް ނެރެފައިވާ އަމުރު 10 ފެބްރުއަރީ 2021 ގައި ކުރިމިނަލް ކޯޓުން ބާތިލު ކުރުމުގެ ކުރިން، 9 ފެބްރުއަރީ 2021ގައި އަލީ ވަހީދު ރާއްޖެއިން ފުރައިގެން ގޮސްފައިވެއެވެ" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

އެހެންކަމުން އަލީ ވަހީދު ފުރައިގެން ދިޔައީ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ބަދަލުގައި އާދައިގެ ޕާސްޕޯޓުގައިކަން އެގެއެވެ.

ހައި ކޯޓުގެ ހުކުމުން އެނގިގެން ދިޔައީ އަލީ ވަހީދު ފުރައިގެން ދިޔައީ އާދައިގެ ޕާސްޕޯޓެއްގައި ކަމެވެ. އަލީ ވަހީދު ފުރައިގެން ދިޔަ ދުވަހު އާ ޕާސްޕޯޓެއް ހެދުނީ ކިހިނެއްތޯ މިއީ ސުވާލެކެވެ.

އާއްމު ރައްޔިތަކު ޕާސްޕޯޓެއް ހަދަން ހުށަހަޅާއިރު ޕްރޮސެސް ދިގުކަމުން އިންތިޒާރުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހެއެވެ. އެކަމަކު އަލީ ވަހީދުގެ ޕާސްޕޯޓާ ޖެހުމުން އެ ހުރިހާ ދިގު އިންތިޒާރެއްކުރާކަށް ނުޖެހުނެވެ. މިއީ ކަމާގުޅޭ އިދާރާއެއްގެ އެއްބާރުލުމާ ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ގިނަ ބައެއް މީހުން ދެކޭ ގޮތުގައި މުޅި ދައުލަތް ބައިވެރިވެގެން އަލީ ވަހީދު ފުރުވާލީއެވެ.

އެކަން އެގޮތަށް ގަބޫލުކުރަނީ އާއްމު ރައްޔިތުން އެކަންޏެއް ނޫނެވެ. ހައި ކޯޓުގެ ހުކުމުގައި ވެސް އޮތީ އެގޮތަށެވެ.

"އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ނަމުގައި ކޯޓުތަކަށް ހުށަހަޅައިގެން ޕްރޮސެކިއުޝަނުން ކުރަމުންގެންދާ މަސައްކަތަކީ ސީރިއަސް ނަތީޖާއެއް ނެރުމުގެ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން ގަބޫލެއް ނުކުރޭ" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

އަލީ ވާހިދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވޭނެކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކުރުމުން ދައުލަތުން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ރައްދުވުމުން ވެސް ކޯޓަށް އަލީ ވަހީދު ހާޒިރެއް ނުވެއެވެ.

ކޯޓު އަމުރު ރައްދުވުމުން ވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރު ވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ، އޭނާއަށް ގުޅޭނެ ގޮތަށް އަދި އުޅޭ ތަނެއް ވެސް އެންގުމަކާ ނުލައި ކަމަށް ރިޔާސަތުގައި އިންނެވި ހުސްނުއް ސުއޫދު ވިދާޅުވިއެވެ.

އަލީ ވަހީދު ދިރިއުޅޭ ތަނެއް އެނގިފައި ނުވާތީއާއި ގުޅޭނެ ގޮތެއް ނެތުމުން ކްރިމިނަލް ކޯޓުގައި ހުރި އޭނާގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަން ސުއޫދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވެ އޭނާ ހާޒިރުވެފައި ނުވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

"ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަން ނުވަތަ ވަކި މީހަކަށް ވީމަ ކޯޓުތަކުން ވަކި ގޮތަކަށް ކަން ކުރާ ކަމުގެ އިހްސާސް ރައްޔިތުންގެ މެދުގައި އުފެދިއްޖެ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާއި މެދު ސުވާލު ކުރެވޭނެ،" ސުއޫދު ވިދާޅުވިއެވެ.

އެފަދަ ތަސައްވަރެއް އުފެދުނަ ނުދިނުމަށާއި ގާނޫނު އަސާސީ ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަން ސުއޫދު ފާހަގަކުރެއްވިއެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅެއް ނޭޅި ކޯޓުތަކުން އެކަމާ މެެދު ކަމެއް ނުކުރެވި މައްސަލަަތައް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ކިނލަބު ވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް،" ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކަން އެހެން ހުރުމުން އަލީ ވަހީދާ މެދު ގާނޫނުގައި އޮންނަ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަން ސުއޫދު ފާހަގަކުރެއްވިއެވެ.