ދުނިޔެ ދުށް އެންމެ ހުނަވެރި، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، އާޖެންޓީނާ ގައުމީ ޓީމަށް އަލްވަދާއު ކިޔައިފިއެވެ. އުމުރުން 39 އަހަރުގެ މެސީ، އާޖެންޓީނާ ކެރިއަރު ނިންމާލަން އިއުލާނުކުރީ 21 އަހަރު ކުޅުމަށްފަހު، މިދިޔަ ސެޕްޓެމްބަރު މަހު އެއްވަނަ ދުވަހުއެވެ. އެއީ އަތު ލިޔުމުން ލިޔެ، ސަޕޯޓަރުންނަށް ދޫކޮށްލި ސިޓީއެއްގައެވެ. އެ ސިޓީއާއެކު މެސީ ހުއްޓާލަން ނިންމި ނަމަވެސް، އާޖެންޓީނާއިން އެކަން އެހާ ފަސޭހަކޮށްލަން ބޭނުން ނުވި ކަމަށް ގައުމީ ޓީމުން ބުންޏެވެ. ސިޓީއަކުން ނިންމާލިޔަ ނުދޭން، ރޭ މެސީއަށް ހާއްސަ ވަދާއީ މެޗެއް އެގައުމުގެ އެތައް ހާސް ބައެއްގެ ކުރިމަތީގައި ކުޅެފައިވެއެވެ.

ބެނިންއާ ދެކޮޅަށް ކުޅުނު މެޗު މުހިއްމުވީ ނަތީޖާއަކަށް ނޫނެވެ. އެމެޗު ހާއްސަވީ މުޅިން އެހެން އެތައް ސަބަބުތަކަކަށެވެ. އެހެން ނަމަވެސް ނަތީޖާއިންވެސް ސަޕޯޓަރުން މާޔޫސް ވާވަރެއް ނޫނެވެ. އާޖެންޓީނާ 3-0 އިން މޮޅުވީ މެސީގެ ދެ އެސިސްޓާއި ގޯލަކާއެކުވެސް އެކުގައެވެ. ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު 126 އެވެ.

މެޗުގެ ފެށުން ލަސްވީ މެސީއަށް ހާއްސަވީ ވަގުތުތަކަކަށެވެ. ބަހުގައި މެޗަށް ދިޔައިރުވެސް މެސީގެ ލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ. 2005 ވަނަ އަހަރު، އުމުރުން 15 އަހަރުގައި ހަންގޭރީއާ ދެކޮޅަށް ކުޅެން ނުކުތް މެޗުން ފެށިގެން، މިއަދާ ހަމައަށް އޭނާއަށް ކުރެވުނި ތަޖުރިބާތަކުގެ އެތައް ހަނދާންތަކަކާއެކު ރޭގެ މެޗު ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ އިންތިޒާރުކުރި މެޗަކަށެވެ.

އާޖެންޓީނާ ގައުމީ ޖާޒީގައި 208 ވަނަ މެޗަށް ވާމް އަޕް ކުރަމުންދިޔައިރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ ރޭގެ މެޗަށް އެރީ ހުރިހާ ދަރިންނާއެކު ---

ރޭގެ މެޗުގެ ކުރިން އާޖެންޓީނާގެ ޔުނިވާސިޓީ އޮފް ބްވެނޯސް އައިރޭސްއިން މެސީއަށް ރަސްމީކޮށް އޮނޮރަރީ ޑޮކްޓްރޭޓްގެ ލަގަބު އެރުވި އިރު، މެޗު ކުޅުނު ރިވާ ޕްލޭޓް ދަނޑުގައި، ރިވާ ޕްލޭޓުން ވަނީ މެސީއަށް އެ ކްލަބުގެ އެންމެ މަތީ މެމްބަޝިޕް އަރުވައިފައެވެ.

މެޗުގެ 10 ވަނަ މިނެޓުގައި މެސީއަށް ހާއްސަ ވަގުތުކޮޅެއް ހުސްކޮށް ބަޑި ބޭހުގެ ކުޅިވަރުތައްވެސް ދައްކާލި އިރު، ހާފް ޓައިމްގެ ހުށަހެޅުމަކާއެކު އެތަކެއް ސަޕޯޓަރުންނެއް ދިޔައީ ރޮމުންނެވެ.

މެސީގެ އާޖެންޓީނާ ކެރިއަރަކީ އެތަކެއް ތަކުލީފުތަކެއް

އާޖެންޓީނާގެ ކެޕްޓަން މެސީ ---

ފުޓުބޯޅައިގެ ތާރީހުގައި ގައުމީ ޓީމެއްގެ ކެރިއަރުގައި އެންމެ ތަފާތު ދަތުރެއް ކުރި އެއް ކުޅުންތެރިޔަކީ މެސީއެވެ. އަމިއްލަ ގައުމުގެ ރައްޔިތުންގެ ފާޑުކިޔުންތަކާއި ޝައްކުތަކާ ކުރިމަތިލާން ޖެހުނު ކުޅުންތެރިއެއްގެ ގޮތުގައި ފެށި ނަމަވެސް، މިއަދު އޭނާއަކީ އާޖެންޓީނާގެ އެންމެ ބޮޑު ގައުމީ ބަތަލެވެ. ހިތްވަރާއި، ކެތްތެރިކަމާއި، ގައުމަށް އޮތް ލޯބީގެ ސަބަބުން، އެންމެ ހަރުކަށި ފާޑުކިޔުންތައްވެސް ބަދަލުކޮށްލިއެވެ.

ބާސެލޯނާއާއެކު ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އުހަށް ދަތުރުކުރި އިރު، މެސީ އާއި އާޖެންޓީނާ ލެޖެންޑް ޑިއޭގޯ މަރަޑޯނާއާ އަބަދުވެސް އަޅާ ކިޔަމުން ދިޔަ އިރު، ކުލަބު ލެވެލްގައި އެތައް ތަށްޓަކާއި ބެލޮންޑިއޯ އެވޯޑުތައް ހޯދި ނަމަވެސް، އާޖެންޓީނާގެ ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި އޭނާގެ ކިބައިގައި ގައުމީ ޓީމާއެކު ބޮޑު މުބާރާތެއް ކާމިޔާބުކުރުމުގެ ނަސީބެއް ނެތެވެ.

ރެކޯޑު އަށް ބެލޮންޑިއޯ ހޯދި މެސީ، ވޯލްޑް ކަޕް 2014 ގެ ފައިނަލުގައި ބަލިވިއެވެ. އޭގެ ފަހުން އާޖެންޓީނާއިން މެސީއާއެކު 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-1 އިން ޗިލީ އަތުން ބަލިވިއެވެ. އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ ފައިނަލުގައިވެސް ޕެނަލްޓީ ޖަހައިގެން 4-2 އިން ޗިލީ އަތުން ބަލިވިއެވެ. ނާކާމިޔާބީތަކާއެކު، މެސީއަށް އަމާޒުވި ފާޑުކިޔުންތައް އިންތިހާއަށް އިތުރުވިއެވެ.

ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ 2016 ގެ ފައިނަލުގައި އަމިއްލަ ޕެނަލްޓީ ނާކާމިޔާބުވުމުން، މާޔޫސްވެފައި ހުރި މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފައެވެ. "ގައުމީ ޓީމުގެ ކެރިއަރު އަހަންނަށް ނިމުނީ. މިއީ ހަތަރުވަނަ ފައިނަލް. މިއީ އަހަންނަށް ލިޔެވިފައިވާ ކަމެއް ނޫން،" މެސީ ބުނެފައިވެއެވެ. މި ނިންމުމާއެކު މުޅި ފުޓުބޯޅަ ދުނިޔެ ސިހުމަކަށް އައެވެ.

ނަމަވެސް އޭގެ ފަހުން ފެނިގެންދިޔައީ އާދަޔާހިލާފު މަންޒަރެކެވެ. އާޖެންޓީނާގެ ސަޕޯޓަރުންނާއި، ކުރީގެ ކުޅުންތެރިންނާއި، ނޫސްވެރިންގެ އިތުރުން ސިޔާސީ ލީޑަރުންވެސް ވަނީ މެސީގެ ނިންމުން ބަދަލުކުރުމަށް ގޮވާލައިފައެވެ. ވެރިރަށް ބުއޭނޯސް އައިރީސްގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، އޭނާ އެނބުރި އައުމަށް އެދުނެވެ. މަދު ހަފުތާތަކެއްގެ ތެރޭގައި މެސީ އޭނާގެ ނިންމުން ބަދަލުކުރިއެވެ. މެސީ ބުނިގޮތުގައި އެނބުރި އައީ ފާޑުކިޔުންތައް ހުއްޓިގެންނެއް ނޫނެވެ، ނަމަވެސް އާޖެންޓީނާއަށް އޭނާގެ ހިތުގައި އޮތް ލޯބި ބޮޑުވީމައެވެ.

ކާމިޔާބީގެ ސިލްސިލާތަކަކުން ގައުމަކަށް އުފާވެރިކަން

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ---- ފޮޓޯ/ ގެޓީ

މެސީ އެނބުރި އައުމާއެކު، އާޖެންޓީނާ ޓީމުގެ އެތެރޭގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައެވެ. ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން، މެސީގެ ވަށައިގެން އާ ޖީލެއްގެ ޒުވާން ކުޅުންތެރިން އުފެދި، ކެޕްޓަންގެ ފަރާތުން ދަސްކުރުމުގެ ރޫހު އާލާވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، 2021 ވަނަ އަހަރު އާޖެންޓީނާއިން ވަނީ ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު ކޮޕާ އެމެރިކާ ފައިނަލުގައި 1-0 އިން ބްރެޒިލް ބަލިކޮށް، މެސީ ވަނީ އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ ތަށި އުފުލައިލައިފައެވެ. ރެފްރީގެ ފަހު ކަށިގަނޑާއެކު މެސީ ދަނޑުމައްޗަށް ވެއްޓި ރޯން ފެށި މަންޒަރަކީ އާޖެންޓީނާގެ ކުޅިވަރު ތާރީހުގައި ފެނުނު އެންމެ އަސަރުގަދަ އެއް މަންޒަރެވެ. މި ކާމިޔާބީއާއެކު، އަހަރުތަކެއް ވާންދެން އަމާޒުވަމުންދިޔަ ފާޑުކިޔުންތައް އުފާފާޅުކުރުމަށް ބަދަލުވިއެވެ.

ކޮޕާ އެމެރިކާގެ ކާމިޔާބީއަކީ ހަމައެކަނި ފެށުމެކެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕަކީ މެސީގެ ނަން ފުޓުބޯޅައިގެ ތާރީހުގައި ރަން އަކުރުން ލިޔެވުނު މުބާރާތެވެ. މުޅި މުބާރާތުގައި މެސީ ވަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކައިފައެވެ. ހަތް ގޯލު ޖަހައި، ތިން އެސިސްޓް ހަދައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވޯލްޑް ކަޕް ތަށްޓާއެކު --- ފޮޓޯ/ ގެޓީ

ފްރާންސާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ ފުޓުބޯޅައިގެ ތާރީހުގައި ކުޅުނު އެންމެ ފޯރިގަދަ އެއް މެޗެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެން 4-2 އިން އާޖެންޓީނާ މޮޅުވިއެވެ. ވޯލްޑް ކަޕް ތަށި އުފުލާލުމާއެކު، ދިހަވަރަކަށް އަހަރު ވާންދެން މެސީއަށް ކުރިމަތިވި ޕްރެޝަރާއި ފާޑުކިޔުންތައް އެއްކޮށް ނިމުމަކަށް އައެވެ. އޭނާ ވަނީ ފުޓުބޯޅައިގައި ހޯދަން ޖެހޭ ހުރިހާ ކާމިޔާބީއެއް ހޯދައި، މުޅި ގައުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހުވެސް މެސީގެ ކެރިއަރު މަޑުޖައްސައެއް ނުލައެވެ. 2024 ވަނަ އަހަރު އެމެރިކާގައި ބޭއްވި ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލުގައި އިތުރު ވަގުތު ކުޅެގެން ކޮލަމްބިއާ އަތުން 1-0 އިން މޮޅުވެ، އާޖެންޓީނާއިން ވަނީ އިތުރު ތަށްޓެއް ހޯދައިފައެވެ. މި މުބާރާތާއެކު އާޖެންޓީނާގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޒަމާން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

މި ހިސާބަށް އައިއިރު، މެސީއަކީ ހަމައެކަނި މޮޅު ފުޓުބޯޅަ ކުޅުންތެރިއެއް ނޫނެވެ. އޭނާ ވެފައިވަނީ އާޖެންޓީނާގެ ހިތްވަރުގަދަކަމާއި، ޒަމާނީ ފުޓުބޯޅައިގެ އައިޑެންޓިޓީގެ ރަމްޒަކަށެވެ. ގައުމީ ޓީމާއެކު އޭނާ ހޯދި ކާމިޔާބީތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫނެވެ. އެއީ ބޮޑެތި ޕްރެޝަރުތަކުގެ ތެރޭގައިވެސް ސާބިތުވެ ހުރުމުގެ ނަމޫނާއެކެވެ.

މިއަދު ލިއޮނަލް މެސީއަކީ އާޖެންޓީނާގެ އެންމެ ބޮޑު ގައުމީ ބަތަލެވެ. އެއީ މުޅި ދުނިޔެ ދުށް ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ޝަހުސިއްޔަތެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އެމެރިކާގެ އިންޓަ މިއާމީއަށް އަދި މެސީ ކުޅޭނެއެވެ.