ޚަބަރު

އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ އަމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

މުހައްމަދު އިޝާން

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 23 އޮކްޓޯބަރު 2019 ވަނަ ދުވަހުއެވެ. އެއަށްފަހު ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލިއެވެ.

ނަމަވެސް އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށް އޭނާ މިނިވަންކުރަން ހުސްވި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރިއެވެ.

ހައިކޯޓުގެ އެ ހުކުމް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެެވެ. އޭގެ އިތުރުން އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުން ބާތިލުކުރި އިރު އޮތް ހިސާބުން އަލުން ކުރިމިނަލް ކޯޓުގައި ފެށުމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އަމީނުގެ މައްޗަށް އެއް މަސް ދުވަހުގެ މޮނިކޮން އަމުރެއް ވެސް ވަނީ ނެރެފައެވެ. އަމީނުގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވަނީ ހައިކޯޓުންނެވެ. އަމީނުގެ މައްޗަށް ނެރެފައިވާ މޮނިކޮން އަމުރުގައި ވަނީ އޭނާ، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.

ކުރިމިނަލް ކޯޓުން މިއަދު ވަނީ އަމީނުގެ މައްސަލަ ތަވާލުކޮށް އަޑުއެހުމެއް ބާއްވައިފައެވެ. އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އަމީނުގެ މައްސަލައާ ގުޅިގެން ހައިކޯޓުން ނިންމި ގޮތް ސުޕްރީމް ކޯޓުން ބެލުމަށްފަހު ރިއާޔަތްކޮށްފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ހުށައެޅުންތަކާމެދު ނިންމި ގޮތް ރަނގަޅު ކަމަށެވެ. އަދި މައްސަލަ ހައިކޯޓުން ބަލަމުން ދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ހުކުމް ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް 15 ޑިސެމްބަރު 2019 ގައި ނެރެފައިވާ އަމުރު އެގޮތުގެ މަތީގައި ބޭއްވުމަށް ދައުލަތުން އެދުނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އަމީނުގެ ދިފައީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސްމާއީލް ވިޝާމު ވިދާޅުވީ، 15 ޑިސެމްބަރު 2019 ގައި އަމީނު ހައްޔަރުކުރަން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ހާލަތު މިހާރު ވުޖޫދުގައި އޮތްކަން ނުވަތަ ނޫންކަންވެސް ދައުލަތަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެއީ ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭން ޖެހޭ ކަމެެއްކަމަށް ވެސް ވިދާޅުވިއެވެ.

ވިޝާމު ވިދާޅުވީ، ހައި ކޯޓުން އަމީނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ މޮނިކޮމް އަމުރެއްގައި ވަކި ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައިވާއިރު، ދައުލަތުން ހަމައެކަނި ޝަރީއަތް ނިމެންދެން އަމީނު ބަންދު ކުރުމަށް ދައްކާ ސަބަބަކީ މައްސަލައިގެ ބާވަތް ކަމަށެވެ. އަދި ދައުލަތުން 2007 ވަނަ އަހަރު ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާއާ އަމީން ގުޅުވާއިރު، އަމީން މާލޭގައި ހުންނަތާވެސް ހަތް އަހަރުވެފައިވާކަމަށް ވިޝާމު ވިދާޅުވިއެވެ.

ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާއާ ގުޅިގެން ވެސް އަމީން ހައްޔަރުކުރުމުން ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެެއްވީ ވިޝާމްއެވެ. އެ ފަހަރު 30 ދުވަހަށް އަމީނު ބަންދުކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ވިޝާމު ވިދާޅުވީ، ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާގެ 12 އަހަރުފަހުން 2019 ވަނަ އަހަރު އަމީން ހައްޔަރުކުރީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އަމީނަކީ ޓެރަރިސްޓެއް ގޮތުގައި ކަނޑައެޅުމުން ކަމަށެވެ. މިއީ އެމެރިކާއިން ދިވެއްސަކު ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފުރަތަމަ ދިވެއްސެވެ.

އަމީނު ބަރާބަރަށް ފުލުހަށްވެސް ހާޒިރުވެ އޭނާއަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެމުންދާކަން ފާހަގަކުރައްވައި ވިޝާމު ވިދާޅުވީ، 15 ޑިސެމްބަރު 2019 ގެ އަމުރުގައި ބަންދު ކުރުމުގެ ސަބަބުކަމަށް ބަޔާންކުރާ ސަބަބުތައް މިހާރު ނެތް ކަމަށެވެ. މީގެ އިތުރުން އަމީނު މިހާރު ބަލިވެ އުޅޭތީ އެކަމަށް ރިއާޔަތްކުރަން ވަނީ އެދިފައެވެ. އަދި އޭނާއަކީ ތިން ކުދިންގެ ބައްޕައެއް ކަމަށާއި އޭގެ ތެރެއިން ފަސް އަހަރުގެ ކުއްޖާ ސައިކޭޓްރިއަސްޓަކަށް ދެއްކިއިރުގައި، ނަން ބުނުމަށްފަހު، ބައްޕަގެ ނަމުގެ ކުރީގައި "ޓެރަރިސްޓު އަމީން" އޭ ބުނިކަން ވިޝާމު ފާހަގަ ކުރެއްވިއެވެ.

އެކަންކަން ފާހަގަކޮށް ވިޝާމު ވިދާޅުވީ، މޮނިކޮމް އަމުރެއްގެ ދަށުން އަމީނު ޝަރުތުތަކަކާއެކު ގޭގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިޔުމުގެ އަމުރަކަށް އެދޭ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، ތިން ކުދިންގެ ސައިކޭޓްރިކަލް ރިޕޯޓު ލިބިފައިވާ ކަމަށާއި އެ ރިޕޯޓު ކަމާބެހޭ ފަރާތަކަށް ދެއްކުމުން އޭގައި މިނިވަން ފަރާތެއްގެ ބަހެއް އޮންނަންޖެހޭކަން ސައިކޮލޮޖިސްޓުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭގައި އޮތީ ހަމައެކަނި އަމީންގެ ދަރިންނާއި އެކުދިންގެ މަންމަގެ ބަސްކަމަށް ދައުލަތުން ވިދާޅުވި އެވެ. އަދި އެކުދިން ހޯމް ސްކޫލިން ހަދާކަމަށް ބުނެފައިވާއިރު، އެއީ ކުރެވޭނެ ކަމެއް ނޫންކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނީ ކުދިން ސުކޫލަށް ފޮނުވުން ގާނޫނަކުން ލާޒިމުކުރާތީ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

އަމީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އަމީނު ބަންދުން ދޫކޮށްލަން ޖެހޭ އެކަށީގެންވާ ހާލަތެއް އޮތްކަމަށް ނުފެންނަ ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަމީންގެ ދޮށީ ދަރިފުޅު އޮސްޓްރޭލިއާގެ ގްރޭޑް 10 ގެ ފެންވަރުގެ އިމްތިހާނެއްގައި ބައިވެރިވެ ހޯމް ސްކޫލިންގެ ދަށުން ކިޔަވަމުންދާތީ ދައުލަތުން ވިދާޅުވީ ކުއްޖާގެ "އިމޯޝަނަލް ކެޕެބިލިޓީ"އަށް ބަލާއިރު އެއީ ކުރެވިދާނެ ކަމެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އަމީން ކުދިން ސްކޫލަށް ނުފޮނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތަށް ރައްދު ދެއްވާ އަމީންގެ ދިފާއީ ވަކީލު ވިޝާމު ވިދާޅުވީ، ހޯމް ސްކޫލިން އަކީ ގާނޫނުން މަނާކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ގާނޫނުން މަނާކޮށްފައިވާ ނުވާ ހުރިހާކަމެއް ހުއްދަ ވާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައި ވެސް އޮންނަނީ އެގޮތް ކަމަށެވެ. އަމީންގެ ދަރިފުޅު އެ އިމްތިހާނުގެ ދެ މާއްދާއަކުން އޭ ސްޓާ ހޯދާފައިވާ ކަމަށެވެ. އަދި އަމީންގެ ކުދިން މިހާރު ސުކޫލުތަކަށް އެންރޯލް ކޮށްފައިވާ ކަމަށާއި އެކުދިން ސުކޫލަށް ނުފޮނުވާކަމަށް ދައުލަތުން ވިދާޅުވާ ވާހަކައަކީ ގާނޫނީ ދޮގެެއް ކަމަށެވެ.

މީގެ އިތުރުން ވިޝާމް ވިދާޅުވީ، އަމީންގެ ކުށުގެ ރެކޯޑެއް ނޯންނާނެ ކަމަށެވެ. 2012 ވަނަ އަހަރު އޭނާ ހައްޔަރުކޮށް، 30 ދުވަސް ފަހުން ދޫކޮށްލީ ކަމަށާއި އޭގެ ފަހުން އެތައް އަހަރެއްވެގެން ދިޔައިރުވެސް އަމީންގެ މައްސަލައެއް ފެންމަތިވެފައިނުވާ ކަމަށެވެ. އެތަކެއް އަހަރަށްފަހު ކުއްލިއަކަށް އަމީން ހައްޔަރުކުރީ އެމެރިކާ ސަރުކާރުން ނެރުނު ރިޕޯޓާ ގުޅިގެން ކަމަށް ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ދައުލަތުން އެދިފައި ވަނީ ކުރިން ބާތިލުކޮށްފައި އޮތް އަމުރެއް ދެމެހެއްޓުމަށް ކަމަށެވެ.

އެގޮތުން އެ އަމުރުގައި އޮތީ ގަޒިއްޔާ ނިމެންދެން ނުވަތަ ޝަރީއަތުން ހުކުމެއް އަންނަންދެން ބަންދުގައި ބެހެއްޓުމަށްކަން ފާހަގަ ކުރައްވައި ގާޒީ އަލީ އާދަމް ވިދާޅުވީ އެ ގަޒިއްޔާތައް މިހާރު ނިމި، މައްސަލަ މިހާރު ކުރިއަށްދަނީ އާ ގަޒިއްޔާއެއްގެ ގޮތުގައި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އާ ގަޒިއްޔާގެ ދަށުންވެސް ދައުލަތުން ބޭނުންވަނީ ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބެހެއްޓުމަށް ކަމަށެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަށް އަޑުހައި ރިއާޔަތްކޮށް ގާޒީ އަލީ އާދަމް އަމުރުކުރީ އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ. އެގޮތަށް ހުކުމްކުރީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޝައްކެތް ނެތް މިންވަރަށް އަމީނަށް ކުރާ ތުހުމަތު ސާފުވާތީ އާއި ތުހުމަތުކުރަނީ ޖިނާއީ ބޮޑު ކުށެއް ކުރި ކަމަށެވެ. އަދި އެ ކުށަކީ މުޖުތަމައުގެ ސަލާމަތާ ގުޅުންހުރި ކުށަކަށްވުމުން އަމީން ބަންދުން ދޫކޮށްލާފައި ބަހައްޓައިފިނަމަ މުޅި މުޖުތަމައަށް ނުރައްކާވެދާނެތީއެވެ.