މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް ކަމުގެ މަގާމަށް އައްޔަން ކުރެއްވި، ހަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
މީގެކުރިން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިމަހުގެ އަށްވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހަމަ އެދުވަހު އެ މަގާމަށް ޒަރީރު އައްޔަން ކުރެއްވުމަށްފަހު، ޒަރީރަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވީ މިމަހުުގެ 15 ވަނަ ދުވަހުއެވެ.
އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އިދާރީ ކޮމިޓީން ބުނީ، އެ މައްސަލަ ދިރާސާކުރުމުގެ މަަސައްކަތްތަކުގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކަރެކްޝަންސް އާއި ރައީސް އޮފީހުން ކަމާބެހޭ މައުލޫމާތު ހޯދާފައިވާ ކަަމަށެވެ. އަދި އެ ތަންތަނުން ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ސިފަތައް ޒަރީރުގެ ކިބައިގައި ހަމަވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނާ އެއްވެސް ކަމެއް ޒަރީރު ކުރައްވަމުން ނުގެންދަވާ ކަމަށް ވެސް ބުންޏެވެ.
އެ މައުލޫމާތުތަކަށް ބަލައި ޒަރީރަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދުއެވެ.
އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޒަރީރަށް މަޖިލީހުގެ ރުހުން އޮތްތޯ، މަޖިލީހުގައި ވޯޓަށް އަހާނީ، މި މައްސަލަ ކޮމިޓީން ނިންމި ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުން އެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅައި ބަހުސް ކުރުމަށްފަހުގައެވެ.
ޓެކްސް ކޮމިޝަނަރަކަށް ހުންނަވަނިކޮށް ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުން ޓެކްސް ކޮމިޝަނަރު ކަމުގެ މަގާމުން ޒަރީރު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް، ވެސް ޒަރީރު ވަނީ އައްޔަން ކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް