ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހިމް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ، މި ބިލު ގާނޫނަކަށް ވުމުން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމު ކުރެވިގެން ދިއުން ކަމަށެވެ. ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސް ކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ބަޔާން ކުރާނެއެވެ.
މި ބިލާއެކު ބޭރު ގައުމުތަކާއި ބައިނަލް އަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑާ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފާ ކުރުމާ ގުޅޭ އުސޫލުތައް ވެސް ކަނޑައެޅޭނެއެވެ. އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި އެ ހައްގުތައް ބޭނުން ކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެ ނަމަ މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ވެސް ބަޔާން ކުރާނެއެވެ.
މީގެ އިތުރުން ގާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރަކަށް ހުންނަ ވާނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރެވެ.
މި ބިލުގައި ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކާއި ކޮންޓްރޯލް ކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަންޖެހޭ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް