މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ވަޒީރުންނާ ސުވާލު ކުރަން އޮންނަ ވަގުތުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ނަޝީދަށް ދިން ހަމަލާއާބެހޭގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ހައެއް މެއިގެ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ.
އެ މައްސަލައިގައި ބައެއް ފަރާތްތަކަށް ދައުވާކޮށް ކޯޓުގެ މަރުހަލާ ކުރިއަށްދާ ކަމަަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހައެއް މެއިގެ ހަމަލާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ މައްޗަށް ގިނަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ހުރިހާ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފުލުހުންގެ ފަރާތުން އެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އެ ޒަހަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގެ އަސްކަރީ ހޮސްޕިޓަލަކަށް މެއި 13 ވަނަ ދުވަހު ވަޑައިގެންނެވި ގޮތަށް، އެމަނިކުފާނު ރާއްޖެ ވަޑައެއް ނުގަންނަވައެވެ.
ޖަރުމަނު ހޮސްޕިޓަލުން މެއި 21 ގައި އެމަނިކުފާނު ދޫކޮށްލުމުން، އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރު ކޮށް ތަހުގީގު ކުރިއަށް ގެންދާއިރު، އެ މައްސަލައިގައި ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.
އެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފޫދިޔަ ގޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބެލުމަށްފަހު ރެކޮމެންޑޭޝަންތަކެއް އެ ކޮމިޓީން ސަރުކާރަށް ވަނީ ހުށަހަަޅައިފައެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ