ޕޮލިސް ކޮމިޝަނަރުގެ މަގާމުން މުހައްމަދު ހަމީދު އިއްޔެ ރިޓަޔާކުރެއްވުމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލް މަންނާން ޔޫސުފް ހަމަޖައްސައިފިއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން މުހައްމަދު ހަމީދު އިއްޔެ ރިޓަޔާ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮމިޝަނަރެއް އައްޔަނުކުރެވެންދެން، އިއްޔެ އިން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާ ބޭފުޅަކީ ޑެޕިއުޓީ ކޮމިޝަނަރު، މަންނާން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަޖައްސަވާފައިވާ ކަމަށެވެ.

މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ނޮވެމްބަރު 19، 2018 ގަ އެވެ. އޭނާ ވަނީ 29 އަހަރު ފުލުހުންގެ އިދާރާ އަށް ހިދުމަތް ކުރައްވައިފައެވެ.

މަންނާން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މީގެ 29 އަހަރު ކުރިންނެވެ.

އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީއިން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު މަންނާނު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.

އިއްޔެ ރިޓަޔާކުރެއްވި ހަމީދު، އެ މަގާމަށް އައްޔަންކުރެއްވީ މާޗް 26، 2019 ގައެވެ.

ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ދެން އައްޔަންކުރައްވާނީ މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒެވެ.