ޕޮލިސް ބޯޑުންދޭ ލަފައާ އެއްގޮތަށް އަމަލު ނުކުރާ މައްސަލައިގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ފުލުހުންގެ އިސް ބޭފުޅުންނާއި ޕޮލިސް ބޯޑުގެ މެންބަރުން ހާޒިރުކޮށްގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ބައެއް ގަވާއިދުތަކަށް ޕޮލިސް ބޯޑުގެ ލަފާ ހޯދަން ޖެހެއެވެ. ނަމަވެސް އެކަންތައްތަކަށް ބޯޑުން ދޭ ލަފައާ އެއްގޮތަށް އަމަލު ނުކުރާތީ އެ މައްސަލަ ކޮމިޓީއަށް ހުށަހެޅީ ޕޮލިސް ބޯޑުންނެވެ.
މި މައްސަލައާ ބެހޭގޮތުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ، ޕޮލިސް ބޯޑުން ހުށަހެޅި މައްސަލައާ ގުޅިގެން، ޕޮލިސް ބޯޑުގެ އިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސް ބޭފުޅުންނާ މީގެ ކުރިންވެސް ކޮމިޓީން ބައްދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަކި ވަކިން ބޭއްވި ބައްދަލުވުންތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަދުގެ ބައްދަލުވުމަކީ އެ ތިން ފަރާތުގެ އިސްބޭފުޅުނާއެކު އެއްކޮށް ބާއްވާ ބައްދަލުވުމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފާއި ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ޔޫސުފް ސޮބާހާއި ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އުސާމަތު ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ޕޮލިސް ބޯޑުގެ ފަރާތުން އެ ބޯޑުގެ ރައީސް އަހުމަދު ފަސީހު އާއި ބޯޑު މެންބަރު އާދަމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން، ފުލުހުންގެ ސުލޫކީ މިންގަނޑު އެކުލަވައިލުމާއި ރޭންކު ތަކުގެ ކުރިއެރުމާއި ރޭންކުތައް ދަށްކުރުމާއި ޝަރަފްގެ ނިޝާން ދިނުމާ ގުޅޭ ގަވާއިދު އެކުލަވާލުމާއި އަދި ފުލުހުންގެ ރިޓަޔާމަންޓް ގަވާއިދު އެކުލަވާލުމުގައި ފުލުހުންގެ ބޯޑުގެ ލަފަ އާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް ބަޔާންކުރާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، އެކަމާބެހޭ ބައްދަލުވުންތައް ކޮމިޓީން ކުރިއަށް ގެންދަން ނިންމާފައިވަނީ، ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކަމަށްވާތީ ކޮމިޓީ މެންބަރަކު އެހެން ގޮތަކަށް ހުށަނާޅުއްވާނަަމަ، މިއަދުގެ ބައްދަލުވުންވެސް ކުރިއަށް ގެންދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު