މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުالله ނިންމަވައިފިއެވެ.
އަދާލަތު ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ހަތަރު ފަރާތަކަށް ޕާޓީގެ ޓިކެޓު ދިނުމަށް، އެ ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ޓިކެޓު ދިނުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ކުރިމަތިލައްވަން ނިންމަވާފައިވަނީ މަކުނުދޫ ދާއިރާއަށެވެ. އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ދޭން ނިންމި އިތުރު މީހުންނަކީ:
- ހުސެއިން ސަގީފް ހަސަން - ވައިކަރަދޫ ދާއިރާ
- އިސްމާއިލް ހަމީދު - ފުނަދޫ ދާއިރާ
- އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ
އަދާލަތު ޕާޓީގެ ޓިކެޓްގައި އިމްރާން، މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާ އިރު، މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އިމްރާން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ބޭއްވި މަޖިލިސް އިންތިހާބުތަކުގައި ބައެއް ދާއިރާތަކަށް އަދާލަތު ޕާޓީން ވާދަކޮށްފައިވާ އިރު، އެޕާޓީއަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އެގޮތުން މަޖިލީހުގެ 18 ވަނަ ދައުރުގައި މަކުނުދޫ ދާއިރާގެ މެންބަރު ކަމަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި އަނާރާ ނައީމް ވަނީ އެ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. 19 މަޖިލީހަށް ވެސް އަނާރާ ކުރިމަތިލެއްވި ނަމަވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އަދި އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީންވެސް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު