މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި އޭރު ތިއްބެވި ގާޒީންތަކެއް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށްބުނެ، ލީކުވެފައިވާ އޯޑިއޯތަކަކީ ފައިސާ ދީގެން އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އޯޑިއޯތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފިއެވެ.

އެ ވީޑިއޯތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަމުންދިއުމާ ގުޅިގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުނެވެ. އެކަމާ ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑައިލާންވެސް ޖެހުނެވެ.

އަޑުގަދަ ކުރައްވަމުން އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަން ލީކު ވެފައިވާ އޯޑިއޯތަކުން އެނގޭ ކަމަށާއި، އެކަމާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނޫން ނަމަ އެ މައްސަލަ މަޖިލީހުން ބަލައި ރައީސް އަޒުލު ކުރަން ޖެހޭ ކަމަށްވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.

އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

އެ މެންބަރުން އަޑުގަދަ ކުރައްވަނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައި ބިލެތްދޫ ދާިއރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވީ، އެ އޯޑިއޯ ތަކަކީ ބަޔަކަށް ލާރި ދީގެން ހަދާފައިވާ އޯޑިއޯތަކެއް ކަމަށެވެ.

"ބަޔަކަށް ލާރި ދީގެން އަދި އޯޑިއޯއެއް ނެރުނު ކަމުގައިވިޔަސް އެއީ މަޖިލީހުގެ ނިޒާމާ ގުޅުން ހުރި ކަމެއް ނޫން، ރުފިޔާ ދީގެން ބަޔަކުލައްވައި ވީޑިއޯ ހެދުމަކީ،"

އަހުމަދު ހަލީމްގެ ވާހަކަތަކަށް ބާރުދެމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެ ވީޑިއޯތަކަކީ ކޮންތާކުން އައި ވީޑިއޯތަކެއް ކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތައް މަޖިލިސް ފާރުމަތިން އުކި ބަޔަކު އައިސް މަޖިލީހުގެ ނިޒާމުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެ ދެމެންބަރުންގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މެންބަރުންވެސް އެ މައްސަލައިގައި އިދިކޮޅު މެންބަރުންނަށް ވަނީ ރައްދު ދީފައެވެ.