ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް އެ މެންބަރުންގެ މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.
ވަޒީރުންގެ މުސާރައަށް އައި ބަދަލު އެ ކޮމިޓީގެ އިދާރީ މޭޒުން ތަފްސީލުކޮށްދެމުން ބުނެފައިވަނީ، އެއީ 2024 ވަނަ އަހަރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައަށް އައި ބަދަލާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައަށްވުރެ ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ ބޮޑުކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.
އެގޮތުން މިނިވަން މުއައްސަސާތަކަށް 74،000 ރުފިޔާ އާއި 59،000 ރުފިޔާ ލިބޭ އިރު، އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ، އެހެން ފަނޑިޔާރުންނަށް 89،000 ރުފިޔާ، ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް 76،000 ރުފިޔާ، އެހެން ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި 68،000 ރުފިޔާ ލިބޭ ކަމަށްވެސް ބުންޏެވެ. ހަމަ އެގޮތަށް އިސްގާޒީންނަށް 62،000 ރުފިޔާ އަދި ގާޒީންނަށް 60،000 ލިބޭއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ 58،500 ރުފިޔާގެ މުސާރަ ކުޑަކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ވަޒީޒުންގެ މަޖިލީހުގެ މެންބަރުންގެ ސީދާ މުސާރައާ ކުޅުމުގެ ބަދަލުގައި އެ މީހުންނަށް މުސާރަ ބޮޑުކުރަން ހުށަހެޅީ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ.
އެގޮތުން އެ ޕެކޭޖުގައި ޕެޓްރޯލް އެލަވަންސްގެ ގޮތުގައި ހިމެނޭ، 1000 ރުފިޔާ 2000 ރުފިޔާގެ އެލަވަންސަށް ބޮޑުކޮށް، ޑްރައިވަރުގެ މުސާރައިގެ ގޮތުގައި ހިމެނޭ 6500 ރުފިޔާ 12،000 ރުފިޔާއަށް ބޮޑު ކުރަން ހުށަހެޅިއެވެ. އަދި ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާގެ އިތުރު އެލަވަންސެއް ހިމަނައި އެ ޕެކޭޖު، 7500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކުރަން ހުށަހެޅިއެވެ.
މި ހުށަހެޅުންތަކަށް ދެކޮޅު ހެއްދެވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިންނެވި، އެމްޑީޕީގެ ހަމައެކަނި މެންބަރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.
އޭނާ ވިދާޅާވި މި ދަނޑިވަޅުގައި މުސާރަތަަކަށް މިފަދަ ބަދަލެއް ގެނައުމަކީ، ދުނިޔޭގެ މަސްރަހު މިވަގުތު އޮތްގޮތުން ސަރުކާރަށް އަނެއްކާވެސް ބުރަ ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު މިއޮތް ހާލަތު ބަދަލުވެގެން އެފަދަ ބަދަލެއް ގެނެވިދާނެ ކަމަށާއި، މިހާރު ކުރިމަގު ދައްކާ ގޮތުން މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެއްވެސް ތަނެއްގެ މުސާރައާ ކުޅެން ތާއީދު ނުކުރައްވާ ކަމަށް ގަފޫރު ވިދާޅުވިއެވެ.
ނަަމެވެސް މެންބަރު މަމްދޫހު ހުށަހަޅުއްވައި، ހަަމަދު ތާއީދުކުރައްވައިގެން ޕީއެންސީ މެޖޯރިޓީން މި ބަދަލު ގެންނަން ކޮމިޓީން ފާސްކުރިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް