އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ފަސޭހައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ގޮތް ހެދުމަށްޓަކައި، އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށް މަޖިލީހަށް އީ ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ގަވާއިދަކުން ހުޅުވައިލީ މިދިޔަ ފެބްރުއަރީ މަހުއެވެ.
އެ ފުރުސަތާއެކު މަޖިލީހަށް ހުށަހެޅި ފުރަތަމަ އީ ޕެޓިޝަނަކީ "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް" އިސްލާހު ގެންނަން އޭރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލެއް އަނބުރާ ގެންދަން ގޮވާލައި ހުށަހެޅި ޕެޓިޝަނެކެވެ.
އެއީ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާވެސް ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން 10 އޯގަސްޓްގައި މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
އޯގަސްޓް 23 ގައި މަޖިލިސް ތަޅުމުގައި ކުރިއަށްދިޔަ އެ ޕެޓިޝަންގެ ބަހުސްލައި 17 މެންބަރުން ވާހަކަ ދެއްކެވިއެވެ. އޭގެ ފަހުން އެ ބައެއް އިސްލާހުތައް ގެނެސް، ބިލު މަޖިލީހުން ފާސްކުރިއެވެ. ނަމަވެސް އެ ޕެޓިޝަނަށްފަހު މަޖިލީހަށް އީ ޕެޓިޝަން ހުށަހެޅުން ވަނީ އިތުރުވެފައެވެ.
އެގޮތުން މިހާތަނަށް ހަތަރު ޕެޓިޝަނަކަށް މަޖިލީހުގައި ބަހުސް ކޮށްފައިވާ އިރު، ބަހުސް ކުރުމުގެ މަރުހަލާގަ އާއި، ތަޅުމުގައި ބަހުސް ކުރާނެ ވަގުތު ކަނޑައެޅުމުގެ މަރުހަލާގައި މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އާއި އާންމު ކޮމިޓީގައިވެސް ބައެއް ޕެޓިޝަން ޕެޓިޝަން އެބަހުއްޓެވެ.
މިހާތަނަށް މަޖިލީހުގައި ބަހުސް ކުރި އީ ޕެޓިޝަންތައް:
-
- "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް" އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން ހުށަހެޅުއްވި ބިލު އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަން
- އެ ބިލު ފާސްކުރަން ގޮވާލި ޕެޓިޝަން
- މެންބަރުންނަށް ކަނޑައަޅާފައިވާ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލި ޕެޓިޝަން
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން ހުށަހެޅި ޕެޓިޝަން
ނަމަވެސް މަޖިލީހަށް އީ ޕެޓިޝަންގެ ގޮތުގައި ގިނަ ޕެޓިޝަންތައް ހުށަހަޅަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން އިއްޔެ އޮތް ޕެޓިޝަން ކޮމިޓީގެ ބައްދަވުމުގައި، މުއައްސަސާތަކުން ތަންފީޒުކުރަމުން އަންނަ ކަންކަމާ ދޭތެރޭގައި، ޕެޓިޝަން ހުށަހެޅޭގޮތަށް އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށް ޕެޓިޝަން ހުށަހެޅޭގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯ، އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝިފާޒް ވަނީ ސުވާލު އުފައްދަވައިފައެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ދިއްދޫ ދައިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް ވިދާޅުވީ، އުސޫލު އެގޮތަށް އޮތުމުން ކޮމިޓީއަށް ނުބެލޭވަރަށް ޕެޓިޝަން އައިސްދާނެ ކަމަށެވެ.
އެކަން ހައްލު ކުރަން ކަންތައްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވީ، އެ ކަންކަމާބެހޭ މައުލޫމާތާއި މަޖިލީހަށް ޕެޓިޝަން ހުށަހަޅާ ގޮތާބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
ޕެޓިޝަން ހުށަހަޅަނީ ރަނގަޅު މައުލޫމާތު ލިބިގެން ނޫންކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވީ، އާންމުންނަށް ނުލިބޭ މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި އާންމު މީހަކު ޕެޓިޝަން ހުށަހެޅި އިރު، އެފަދަ ހިދުމަތްތަކަކީ ދައުލަތުގެ އިސް އެހެން ފަރާތްތަކަށްވެސް ދޭ ހިދުމަތްތަކެއް ގާނޫނުން ކަނޑައަޅާފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކާއި ހިމާޔަތްތަކެއް ހުރޭ ގާނޫނުގައި ކަނޑައެޅިފަ، ހުންނަ އުސޫލުތަކުގެ ތެެރެއިން ތަރުތީބުވެފަ އެކަންތައް ހުންނަނީ،" އޭނާ ވިދާޅުވިއެވެ.
ޕެޓިޝަން ހުށަހަޅަން އޮތް ގޮތާ މެދު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ، ޕީއެންސީގެ މަޑަވެލި ދާއިރާގެ މެންބަރު މަހައްމަދު ޝަމީޒެވެ.
ޕެޓިޝަން ހުށަހެޅުމަކީ އޮބި އޮންނާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ޝަމީޒް ވިދާޅުވީ، ޕެޓިޝަން ބަލައިގަންނަންވެސް ދެކޮޅު ހައްދަވާ ކަމަށެވެ.
އެކަމުގައި ޝަމީޒްގެ ވިސްނުން ހުރީ މުޅިން އެހެން ގޮތަކަށެވެ. އޭނާ ވިދާޅުވީ، ފަސޭހަ ގޮތަކަށް ޕެޓިޝަން ހުށަހެޅެން އޮތުމުން ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ މަޖިލީހަށް އައުމުގެ ނިޔަތުގައި ތިބި ބަޔަކު ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޕެޓިޝަން ހުށަހަޅާ މައްސަލައިގައި މެންބަރުން ކަންބޮޑުވުން ފާޅުކުރާ އިރު، މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސްއާ ބެހޭގޮތުން ހުށަހެޅި ޕެޓިޝަންގެ ވާހަކަ ތަކުރާރުވެއެވެ.
އެގޮތަށް ޝަމީޒްވެސް ވިދާޅުވީ، އެ ކަންތައްތަކަކީ ފެހި ގާނޫނުއަސާސީ ހެދި އިރު، މަޖިލިސް މެންބަރުން މީހެއްގެ އުނގަށް ވެއްޓުނަ ނުދިނުމަަށްޓަކައި، މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި މި މައްސަލައަށް އެންމެ ދިގުކޮށް ވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ ގިނަ ޕެޓިޝަންތަކެއް ހުށަހެޅެނީ، ޕެޓިޝަން ޕޯޓަލް ފަރުމާ ކުރި އިރު، އިންފާރުތައް ކަނޑައެޅިފައި ހުރިގޮތުން ކަމަށެވެ. މާނައަކީ އެހާ ފަސޭފައިން އެކަން ކުރެވެން އޮތުމުގެ ބަދަލުގައި ޕެޓިޝަން ހުށަހެޅުމުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހިމެނުމެވެ.
އެގޮތުން ޕެޓިޝަން ހުށަހެޅުމުގެ ބަދަލުގައި، ގާނޫނުއަސާސީންނާއި ގާނޫނުން ބާރުލިބިގެން ލިބިދޭ އިނާޔަތްތަކާއި އެހެން ކަންކަމާ ބެހޭގޮތުން ކަންކުރެވޭނެ މަގު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
"އެކަން ކުރަންޏާ، އެކަން ކުރެވޭނެ މަގު އެބައޮތް. އެއީ ގާނޫނުވެސް، ގާނޫނުއަސާސީވެސް ބަދަލުކުރުން އަޅުގަނޑުމެން ދަައްކާ ވާހަކައަކުން އަޅުގަނޑުމެން ކުރާ ކަމަކުން އެކަމެއް ނުވާނެ. އެހެންވީމަ ގާނޫނު ބަދަލުކުރުމާއި ގާނޫނުއަސާސީ ބަދަލުކުރުމާ އެއީ ވަކި އިޖުރާއަތެއްގައި އޮންނަކަމެއް. އަޅުގަނޑުމެން މިތަނަށް ޕެޓިޝަން ހުށަހަޅައިގެން ވާހަކަދެއްކިޔަސް، އަދި މަޖިލިސް ފްލޯގައި ވާހަކަދެއްކިޔަސް އެކަމެއް ނުވާނެ އެގޮތަކަށް،"
ހެލްތު އިންޝުއަރެންސްގެ ވާހަކަ ނާޒިމްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ދައުލަތަށް އެފޯޑް ކުރެވޭތީ، ހިންގާ ކަމެއް ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ އިތުރުން ހައްސާސް އެހެން އެހެން މަގާމުތަކުގައި ތިބޭ ބޭފުޅުންނަށްވެސް އެކަންކަން ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ނާޒިމް ވިދާޅުވީ، ޕެޓިޝަން ހުށަހެޅުމުގެ ކުރިން ހުރަސްތަކެއްލާންޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕެޓިޝަން ފުރަތަމަ ވަންނައިރުގައި އެއަށް މަގު ހުރަހެއް ލާންވީ. ގާނޫނާއި ގަވާއިދުގެ ތެރެއިން ހިނގާ ކަމެއް ވެއްޖެއްޔާ، އިތުރު ފަށަލައެއް، އިތުރު މަގުހުރަހެއް ލައިގެން ނޫނީ މި މައްސަލަ ހައްލެއްނުވާނެ،" އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް