ދައުލަތުގެ އާމްދަނީއަށް 496،300،302 މިލިޔަން ރުފިޔާ އިތުރު ކުރެވޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވި މިބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދިއުމަށްފަހު، ބިލް މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން ޕީއެންސީގެ 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުން ވޯޓު ދެއްވީ، ބިލް ބަލައި ނުގަތުމަށެވެ.

މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާ ކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

ބިލުގައި ބުނެފައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ 25 ޕަސެންޓް ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަންފީޒު ކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ބިލު ތަންފީޒު ކުރުމަށް ހުށަހަޅާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާ އެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާ ކޮށްފައިވެއެވެ.