ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީަށް ސަރުކާރުން ވަރަށް ވެސް މަތީ ދަރަޖައަކަށް ހިމާޔަތް ދެމުން އަންނަ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، ސިޔާސީ މީހުން ދައްކާނީ ސިޔާސީ ވާހަކަ ކަމަށާއި، އެގޮތުން އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދައްކާނީ ސަރުކާރަށް ކަންކަން ނުކުރެވޭ ވާހަކަ ކަމަށެވެ. އަދި އެއީ އަބަދުވެސް މަޖިލީހުން އިވެމުންދާ އަޑެއް ކަމަށާއި އެއީ ހައިރާން ވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެގޮތަށް ތާ އަބަދު ސަރުކާރުގެ ކުށް ދައްކަން މަސައްކަތް ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަރަށް މަތީ ދަރަޖައަކަށް ސަރުކާރުން އިނާޔަތްތައް ދެމުން އަންނަ ކަމަށެވެ. އެކަން ގަބޫލު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު މި މަޖިލީހުގެ ރައީސަށް ވެސް މި ސަރުކާރުން އިނާޔަތްތަކެއް ދެވިފައި ވަނީ ވަރަށް މަތީ ދަރަޖައަކަށް، އެއީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ކަމެއް، އެހެންނަމަވެސް އެމަނިކުފާނަށް ދިމާވި ހަމަލާގެ ކަންތައްތައް އަޅުގަނޑު ހަމަ ހަރުބަހުން ކުށްވެރިކުރަން، ހަރު އަޑުން ކުށްވެރިކުރަން، ހަމަ ވަރަށްބޮޑަށް ކުށްވެރިކުރަން، އެއީ އެއް ގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫން،" ގާސިމް ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމް ތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި މިހާރު ހުންނެވިއިރުވެސް އެމްއެންޑީއެފްގެ ފުލް ސެކިއުރިޓީ އެމަނިކުފާނަށް ލިބިގެންދާކަން އެއީ ފުރިހަމައަށް ގަބޫލު ކުރަންޖެހޭ، ކަމެއް ކަމަށާއި އެއީ ދައުލަތުން ވަރަށް ބޮޑެތި ހަރަދުތައް ކޮށްގެން ކުރާ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ސަރުކާރުން ހިމާޔަތް ދޭން ޖެހޭ ފަރާތްތަކަށް ހިމާޔަތް ނުދެވިގެން، ސަރުކާރުން އެ ޒިންމާއަށް އިހުމާލު ވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.