އުނދަގޫ މި ދަނޑިވަޅުގައި ސުކޫކު ފަދަ ބޮޑު ދަރަންޏެއް އަދާކުރުމަކީ ޒިންމާދާރު ވެރިކަމުގެ ރަމްޒެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިދިިޔަ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކަށް ސަރުކާރުން އިއްޔެ ވަނީ ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފައެވެ. އެ ފައިސާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަނީ ބޭނުންކޮށްފައެވެ.
އެކަމާ ގުޅިގެން ގާސިމް ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުކޫކު ދައްކައި ހަލާސްކުރުމަކީ މާލީ ހަރުދަނާކަމާއި، އިގުތިސާދީ ގޮތުން ވިސްނުންތެރިކަމާއެކު ކަންކަން ރޭވުމާއި، އަދި ގައުމީ ޒިންމާތައް އަދާކުރުމުގައި އޮތް ސާފު ވައުދު ދައްކުވައިދޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ.
"މިފަދަ ބޮޑު ދަރަންޏެއް އަދާކުރުމަކީ، ހާއްސަކޮށް ދުނިޔޭގެ އިގުތިސާދީ ހާލަތު އުނދަގޫ މި ދަނޑިވަޅުގައި، ގައުމުގެ އިތުބާރާއި ހިތްވަރާއި އަދި ޒިންމާދާރު ވެރިކަމުގެ ރަމްޒެއް. މިއީ އިންވެސްޓަރުންގެ އިތުބާރު ބޮޑުކޮށް، ބައިނަލްއަގުވާމީ މާލީ މައިދާނުގައި ދިވެހިރާއްޖޭގެ އަގު މަތިކޮށްދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އެ ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިއަހަރު ދައްކަން ހުރި ބާކީ ދަރަނިތައްވެސް ހަމަޖެހިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެއީ މި ގައުމު، މާޒީގެ ދަރަނިތަކުގެ ބުރައިން މިނިވަންވެގެން ދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ކުރިއެރުންތަކަކީ ގިނަ ގޮތްގޮތުން ބަލާއިރު، ގައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމާ އެއްފަދަ ކަމެއް ކަމަށާއި އެފަދަ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ރައީސް މުއިއްޒުގެ ސަރުކާރަށް އޭނާގެ ތާއީދާއި ސާބިތު އަޒުމު އަބަދުމެ އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ދައްކައި ހަލާސްކޮށްފައިވާނެ ކަމަށާއި އޭގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ.
"2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ. ދުނިޔެއާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅައިބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ތަންފީޒުކުރި އެއް ސިޔާސަތު ކަމަށެވެ.
އޭގެ އިތުރުން، އެސްޑީއެފްއަށް ޖަމާކުރާ އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ ގެ ރޭޓު 2024 ވަނަ އަހަރު ބޮޑުކޮށްފައިވާ ކަމަށާއި އެ ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހި ފަސިންޖަރުންނަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
"ސަރުކާރުން އަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއެކު، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ފުރަތަމަ ފަހަރަށް 350 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސް، 1.3 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ދައުލަތުގެ ރަސްމީ ރިޒާވް މި މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ ސުކޫކު އަނބުރާ ދެއްކުމަށްފަހު، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކަމަށާއި އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދަނީ ހަމަޖެހެމުން ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށާއި އޭގެ އިތުރުން މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށްދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ސުކޫކު ދައްކަން ޖެހެނީ މިމަހުގެ 8 ގެ ކުރިންނެވެ. އެ ތާރީހުގެ ކުރިން ދަރަނި ދެއްކުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ވިދާޅުވަމުންނެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް