ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ނަން އުނިކޮށް މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުންގެ ލިސްޓު އަލުން ތަރުތީބު ކޮށްފިއެވެ.
މީގެ ކުރިން މަޖިލީހުގެ ރިޔާސަތު ބަލަހައްްޓަވާ ފަސް މެންބަރުންގެ ގޮތުގައި ތިއްބެވީ:
- މީދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - މެދުނުކެނޑި 19 އަހަރާއި 3 މަސް ދުވަސް
- މާމިގިލި ދާއިރާގެ ޖޭޕީގެ މެންބަރު ގާސިމް އިބްރާހިމް - މެދުނުކެނޑި 15 އަހަރު
- އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް - މެދުނުކެނޑި 15 އަހަރު
- ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ - މެދުނުކެނޑި 15 އަހަރު
- މަހިބަދޫ ދާއިރާއިގެ ޕީއެންސީ މެންބަރު އަހުމަދު ތޯރިގް - މެދުނުކެނޑި 10 އަހަރު
ނަމަވެސް މި ލިސްޓުން މެންބަރު ސަލީމްގެ ނަން އުނިކޮށް، އޭގެ ބަދަލުގައި މާފަންނު އުތުރުު ދާއިރާގެ އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމްގެ ނަން އިތުުރު ކުރީ، މެންބަރު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް މެންބަރު ސަލީމް އިންތިހާބު ކުރީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް އެ މަގާމު ވަކި ކުރެއްވުމަށް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަމިއްލަ ޕާޓީ، ޕީއެންސީން ހުށަހެޅުމާ ގުޅިގެން މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުން ކަމަށެވެ.
އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް