ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ގައުމަށް ހަލާކު ނޫން ކަމެއް ގެނެސްދީފައިނުވާ ކަމަށާއި ތިން ފަހަރަށް އެމްޑީޕީގެ މެންބަރުން ވެސް މަގުމަތިކޮށްލި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ދައުރުގެ މެދުތެރެއިން ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރަކު ހައްޔަރުކޮށްގެން ގެންދިޔަ ކަމަށާއި އެ މައްސަލައިގައި ދައުލަތުގެ ހުރިހާ ތަނަކުންނާއި ސުޕްރީމް ކޯޓުންނާއި ބޭރުގެ ޖަމާއަތްތަކުންނާއި ޖަމާއަތްތައް އަދި އދ. އިން ގޮވާލީމަ ވެސް ދޫ ދެއްވަން ބޭނުންނުވި ކަމަށެވެ.

"މި ގައުމަށް ހަލާކު ނޫނީ އޭނާ މި ގައުމަށް ގެނެސްދީފައެއް ނެތް. މުޅި އިޖުތިމާއީ އަދާލަތާއި މީހުންގެ ދިރިއުޅުމުގެ މިންގަނޑުތައް އޮޅުވާލީ، ކަނޑައެޅިގެން ކީރިތި ގުރުއާނުގައި މާތްﷲ ވަހީކުރައްވާފައި ހުރި ޖިނާއީ މައްސަލަތައް އޭނާ މަދަނީ މައްސަލަތަކެއްގެ ގޮތުގައި އެ ސަރުކާރުން ހެދީ. މިއަދު އަޅުގަނޑު ހިތަށް އަރާ އޭނާ ލަދެއް ހަޔާތެއް ނެތް ބާވައޭ އެމްޑީޕީއަށް ވަދެ އަނެއްކާވެސް އެ ވާހަކަދައްކައިގެން އުޅެން. ތިން ފަހަރަށް އެމްޑީޕީގެ މެންބަރުންގެ މޫނުމަތީގައި އަޅައި ވިހެލިއޭ އޭނަ. ތިން ފަހަރަށް އެމްޑީޕީ މެންބަރުން މަގުމަތިކޮށްލިއޭ އޭނަ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއޯޕާޓް (ވީއައިއޭ) ވިއްކާލި ކަމަށާއި ދިރާގު ވިއްކާލައި ހުރިހާ އެއްޗެއް ވެސް ވިއްކާލި ކަމަށެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ނަޝީދު ވަންނަވައި، ރައްޔިތުންނަށް އޮޅުވާލުމަށް ދޮގު ހައްދަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އޭނާ އެމްޑީޕީގެ މީހުންގެ ކުރިމައްޗަށް ނުކުމެ މޭމަތީގައި އަތްޖަހާފައި ބުނީމަ އަޅުގަނޑު ހަމަ ހައިރާންވެފައި މި ހުންނަނީ ލަދުހަޔާތް ވެސް އިންސާނުންގެ ހުންނަން ޖެހޭނެއޭ ކޮންމެވެސް މިންވަރަކަށް،" އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާތީ ހުރިހާ ސަރުކާރުތަކުން ވެސް ފެނިގެންދިޔައީ ހަ މަސް ދުވަހުގެ މުއްދަތަށް ހުރިހާ މަސައްކަތެއް ދޫކޮށްލާފައި މަޖިލިސް ހޯދުމަށް މަސައްކަތްކުރަމުންދިޔަ މަންޒަރު ކަމަށެވެ. އަދި މެޖޯރިޓީ ނުލިބިއްޖެއްޔާ، މެޖޯރިޓީ ހޯދުމަށް މަޖިލިސް މެންބަރުން ގަތުމަށް ވެސް މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.